މި އަހަރުގެ ޖޫން އަދި ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދީ ބޮޑު ދެ މުބާރާތް ކަމަށްވާ ޔޫރޯއަށް ތައްޔާރުވަމުން އަންނަ ސްޕެއިން އާއި ކޮޕާ އެމެރިކާއަށް ތައްޔާރުވަމުން އަންނަ ކޮލަމްބިއާ ބައްދަލު ކުރި ބައިނަލްއަޤްވާމީ ރަހުމަތްތެރިކަމުގެ މެޗު ކޮލަމްބިއާ ކާމިޔާބު ކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި ކުޅުނު މި މެޗު ކޮލަމްބިއާއިން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕެއިންއިންނެވެ. ނަމަވެސް މި މެޗުގައި ސްޕެއިންއަށް ކޮލަމްބިއާގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއްނުވިއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. މި މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި ޖަހައިދިނީ ޑެނިއަލް މޫނޯޒްއެވެ.

މިއީ 2016 ވަނަ އަހަރުގެ ޖޫން މަހު ޖޯޖިއާ އަތުން ބަލިވިފަހުން ސްޕެއިން ރަހުމަތްތެރިކަމުގެ މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ.

މި މެޗުގައި ސްޕެއިން އިން ވަނީ މުޅިން އަލަށް ތިން ކުޅުންތެރިއަކަށް ޖާގަދީފައެވެ. އޭގެތެރޭގައި ބާސެލޯނާގެ 17 އަހަރުގެ ޒުވާން ޑިފެންޑާ ޕައު ކުބާސީ އާއި ރެއާލް ސޮސިއެޑާޑްގެ ކީޕާ އެލެކްސް ރެމީރޯ އަދި އެތުލެޓިކް ބިލްބާއޯގެ ޑިފެންޑަރު ޑަނިއެލް ވިވިއަން ހިމެނެއެވެ.

ޖަރުމަނުވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ މުބާރާތުގައި ސްޕެއިން ހިމެނެނީ ކްރޮއޭޝިއާ، އިޓަލީވިލާތް އަދި އަލްބޭނިއާ އާއެކު ގްރޫޕް ބީ ގައެވެ. އަދި އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާގައި ކޮލަމްބިއާ ހިމެނެނީ ބްރެޒިލް އާއި ޕެރަގުއާއީ އާއެކު ގްރޫޕް ޑީގައެވެ.

މީގެ އިތުރުން ޔޫރޯއަށް ތައްޔާރުވަމުންދާ ރުމޭނިއާ އާއި ނޯދަން އަޔަލަންޑް ބައްދަލުކުރި ބައިނަލްއަޤްވާމީ ރަހްމަތްތެރިކަމުގެ މެޗު އެއް ލަނޑު އެއް ލަނޑުން ދެ ޓީމުވީ އެއްވަރެވެ. ރުމޭރިއާގެ ބުކަރެސްޓްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ އަޔަލަންޑްއިންނެވެ. މި ލަނޑު މެޗުގެ ހަތް ވަނަ މިނެޓުގައި ޖަހައިދިނީ ޖެމީ ރީޑްއެވެ. އަދި ރުމޭނިއާއިން އެއްވަރު ކުރި ލަނޑު މެޗުގެ 23 ވަނަ މިނެޓުގައި ޖަހައިދިނީ ޑެނިސް މާންއެވެ.

މި މެޗު އެއްވަރުވި ނަމަވެސް މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރުމޭނިއާއިންނެވެ. ރުމޭނިއާ ޔޫރޯގައި ހިމެނެނީ ބެލްޖިއަމް އާއި ސްލޮވާކިއާ އާއެކު ގްރޫޕް އީގައެވެ. މީގެ އިތުރުން ޔޫކްރެއިން އާއި އައިސްލަންޑްގެ މެދުގައި ކުޅޭ ޕްލޭ އޮފް ފައިނަލްސް މެޗުން މޮޅުވާ ޓީމެއް މިގްރޫޕަށް އިތުރުވެގެންދާނެއެވެ.