ސިއްޙީ ހާލަތު ތަން ނުދޭތީ މިރެއިން ފެށިގެން އިމާމުވެ ތަރާވީސް ނަމާދު ކުރުން މެދުކަނޑާލަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ވަރަށް ޒުވާން އުމުރުން ފެށިގެން އިމާމުކަން ކުރައްވަމުން ގެންދަވާ ޝަހީމް އަންނަނީ މި ރޯދަ މަހު ހުޅުމާލޭ ރަޝީދު މިސްކިތުގައި އިމާމުވެ ތަރާވީސް ނަމާދު ކުރައްވަމުންނެވެ.

ޝަހީމް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގިނައިރު ކޮޅަށް ހުރުމަށް ދަތިވާ ސިއްޙީ ސަބަބެއް މެދުވެރިގެން، އަވަސް ސާޖާރީއަކަށް ދާތީވެ އިމާމުވެ ތަރާވީސް ކުރުން މެދުކަނޑާލީ ކަމަށެވެ.

"އަވަސް ސާޖަރީއަކަށްދާތީވެ އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންގެ ހެޔޮ ދުޢާއަށް އެދެން." މިނިސްޓާ ޝަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފަރުވާގެ ކަންކަން ފުރިހަމަވުމުން އަލުން އިމާމުކަން ކުރަން އުންމީދު ކުރައްވާ ކަމަށެވެ. އަދި އިމާމުކަމަކީ ކުޑައިރުން ފެށިގެން ވަރަށް ލޯތްބާއި، ޝައުޤުވެރިކަމާއެކު ކުރާކަމެއް ކަމަށް ޝަހީމު ވިދާޅުވިއެވެ.