24 Mar 2024, 10:01
ރަޝިޔާގެ ވެރިރަށް މޮސްކޯގައި ކޮންސެޓެއް ބޭއްވި ހޯލަކަށް ހުކުރު ދުވަހު ދިން ބަޑީގެ ހަމަލާގެ ފަހަތުގައިވާ ބަޔަކަށް ހައްގު އަދަބު ދޭނެ ކަމަށް ރަޝިޔާގެ ރައީސް ވުލަމީޑިއާ ޕުޓިން ވިދާޅުވެއްޖެއެވެ.
ޕުޓިން އެގޮތަށް ވިދާޅުވެފައިވަނީ އެ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވަނިކޮށެވެ.
ޕުޓިން އެގޮތަށް ވިދާޅުވީ ޓީވީ މެދުވެރިކުރައްވައި ދެއްވި ޚިތާބެއްގައެވެ. އެގޮތުން އެ ހަމަލާއާ ގުޅިގެން ހަތަރު މީހުން ހިމެނޭ ގޮތަށް 11 މީހަކު ބަންދުކޮށްފައިވާ ކަމަށާއި އެ މީހުން ފިލަން ގޮސްފައިވަނީ ޔޫކްރޭނާ ދިމާއަށް ކަމަށް ޕުޓިން ވިދާޅުވިއެވެ. އަދި، އެ މީހުން ހައްޔަރުކޮށްފައިވަނީ ވެސް ޔޫކްރެއިންގެ ސަރަހައްދީ ރޮނގު ކައިރިން ކަމަށް ޕުޓިން ވިދާޅުވިއެވެ.
ނަމަވެސް އެ ހަމަލާގައި ޔޫކްރެއިންގެ އެއްވެސް އަތެއް ނުވާނެ ކަމަށް އެ ގައުމުގެ އަސްކަރިއްޔާގެ ޖާސޫސީ އިދާރާގެ ތަރުޖަމާނު އެންޑްރިވް ޔޫސަވް ވިދާޅުވިއެވެ.
އެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުން އުފުލާފައިވާއިރު މިފަދަ ޖަމާއަތަކުން ރަޝިޔާގައި ހަމަލާތަކެއް ދޭން އުޅޭކަމުގެ އިންޒާރު އެމެރިކާއިން މި މަހުގެ ކުރީކޮޅު ވަނީ ދީފައެވެ.
ހަމަލާގައި މިހާތަނަށް 133 މީހުން މަރުވެފައިވާ ކަމަށް ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އިތުރު 107 މީހެއް ފުރާނަ ސަލާމަތްކުރެވޭތޯ ޑޮކްޓަރުން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
އެ ހަމަލާ ދިނުމާ އެކު ތަނުގައި ރޯވި ކަމަށާއި ހުޅުގަނޑު ހަލުވިކަމާ އެކު ފެތުރި ދުން ބޯވެގެން ދިޔައިރު އެތެރޭގައި ތިބި މީހުން އެ ވަގުތު ދިޔައީ ހޯލުން ނުކުންނަށް ތެޅިފޮޅެމުން ކަމަށް، ސަލާމަތްވި މީހުން ބުންޏެވެ.
ހަމަލާދިން މައްސަލައަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ބުނެ، ރަޝިޔާ ސަރުކާރުން އަންނީ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެ ހަމަލާއަކީ މި ފަހަކުން ރަޝިޔާގައި ދިން އެފަދަ އެންމެ ނުރައްކާތެރި ހަމަލާއެވެ.
ރަޝިޔާއަށްދިން އެ ހަމަލާ ގައުމުތަކުން އަންނަނީ ކުށްވެރިކުރަމުންނެވެ. ރާއްޖެއިން ވެސް ވަނީ އެ ހަމަލާ ކުށްވެރިކޮށްފައެވެ.