މި އަހަރުގެ ޖޫން, ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ 2024 އަށް ތައްޔާރުވަމުންދާ މުބާރާތް ބާއްވާ ޤައުމު ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތް ބައްދަލުކުރި މެޗު ޖަރުމަނުން ކާމިޔާބުކޮށްފިއެވެ.

ފަރަންސޭސިވިލާތުގެ ލިއޯންގައި ކުޅުނު މިމެޗު ޖަރުމަނުން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޖަރުމަނުވިލާތުންނެވެ.

މި މެޗުގައި ފަރަންސޭސިވިލާތުގެ ފަރާތުން އެ ޓީމުގެ އެންމެ މޮޅު ކުޅުން ފެނިގެން ނުދިޔަކަން ފާހަގަކުރެވިގެން ދިޔައެވެ. މި މެޗުގައި ޖަރުމަނުވިލާތުގެ ފުރަތަމަ އެގާރައިގައި ވަނީ ޤައުމީ ޓީމަށް ކުޅުން ހުއްޓައިލުމަށްފަހު ކޯޗު ޖޫލިއަން ނާގަލްސްމަންގެ އެދުމުގެ މަތިން އަލުން ޤައުމީ ޓީމަށް ކުޅެން އެއްބަސްވެފައިވާ ޓޮނީ ކްރޫސް ހިމަނާފައެވެ.

އަދި މެޗުގެ ފުރަތަމަ މިނެޓްގައި ކްރޫސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ފްލޯރިއަން ވިޓްޒްވަނީ ލަނޑެއް ޖަހާ ޖަރުމަނަށް ލީޑު ވެސް ނަގައިދީފައެވެ. އޭނާ މި ލަނޑު ޖަހައިފައިވަނީ މެޗުގެ ކުޅުން ފެށިތާ ހަތް ސިކުންތު ތެރޭގައެވެ.

ވިޓްޒް ޤައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑު ވެގެންދިޔައީ ޖަރުމަނުގެ ކުޅުންތެރިޔަކު އެންމެ އަވަސް ލަނޑަށެވެ. މީގެ ކުރިން ޖަރުމަނު ޤައުމީ ޓީމަށް އެންމެ އަވަސް ލަނޑު ޖަހައިދީފައިވަނީ 2013 ވަނަ އަހަރު އެކުއެޑޯ އާއި ބައްދަލުކުރި މެޗުގައި ލޫކަސް ޕޮޑޯލްސްކީއެވެ.

މި މެޗުގައި ފަރަންސޭސީންނަށް ލަނޑު ޖެހުމަށް ލިބިގެންދިޔަ އެންމެ ރަނގަޅު ފުރުސަތު ލިބިގެންދިޔައީ ފުރަތަމަ ހާފްގެ މެދުތެރޭ ކެޕްޓަން ކިލިއަން އެމްބާޕޭއަށެވެ.

ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލަށް އަމާޒުނުވެ ބޭރަށެވެ. މި މެޗުގައި ޖަރުމަނުވިލާތުން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި ޖަހައިދިނީ ކައި ހަވާޓްޒްއެެވެ.

މި މެޗުގައި މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔަ ނަމަވެސް އެއިން ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މި ކާމިޔާބީއާއެކު ޖަރުމަނުން މި ވަނީ ތިން ނާކާމިޔާބީއަށްފަހު ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެފައެވެ. އަދި މިކާމިޔާބީ ހޯދުނު ޓީމަށް ބަލާއިރު މިކަމުގެ ސަބަބުން ޖަރުމަނު ޓީމަށް އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ.