ބައިނަލްއަޤްވާމީ ފުޓްބޯޅައިގައި މިހާތަނަށް ކާމިޔާބުކުރި އެންމެ އަވަސް ލަނޑު ޖެހުމުގެ ރިކޯޑް އޮސްޓްރިއާގެ ކްރިސްޓޯފް ބައުމްގާޓްނާ ގާއިމްކޮށްފިއެވެ.

ބައުންގާޓްނާ މިލަނޑު ކާމިޔާބު ކޮށްފައިވަނީ އޮސްޓްރިއާ އާއި ސްލޮވާކިއާ ބައްދަލުކުރި ބައިނަލްއަޤްވާމީ ރަހްމަތްތެރިކަމުގެ މެޗެއްގައެވެ. މިމެޗުގައި ބައުންގާޓްނާ މިލަނޑު އޮސްޓްރިއާއަށް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ ކުޅުން ފެށިތާ ހަ ސިކުންތުގެ ތެރޭގައެވެ. އުމުރުން 24 އަހަރުގެ ބައުމްގާޓްނާ މިލަނޑު ޖަހައިފާވަނީ ތިން ކުޅުންތެރިއެއް ކައިރިން ބޯޅަ ނައްޓާލުމަށްފަހު ސްލޮވާކިއާގެ ކީޕާ މާޓިން ޑުބްރަވްކާ ކައިރިންނެވެ.

މިލަނޑު ޖެހުމުގެ ކުރިން އެންމެ އަވަސް ލަނޑެއްގެ ގޮތުގައި ކަނޑައެޅިފައިއޮތީ 2013 ވަނަ އަހަރު އެކުއެޑޯ އާއި ޖަރުމަނުވިލާތް ބައްދަލުކުރި މެޗުގައި ލޫކަސް ޕޮޑޯލްސްކީ ޖަހާފައިވާ ލަނޑެވެ. ނަމަވެސް ބައުމްގާޓްނާގެ މިލަނޑުގެ ފަހުން، ޕޮޑޯލްސްކީގެ ލަނޑު މިހާރުވަނީމ ފްލޯރިއަން ވިޓްޒް ފަރަންސޭސީންގެ ކޮޅަށް ޖެހި ލަނޑާއެކު ތިންވަނައަށް ވެއްޓިފައެވެ.

ބައުމްގާޓްނާ ލަނޑާއެކު ދަނޑަށް ވަދެތިބި ސްލޮވާކިއާގެ ސަޕޯޓަރުންނަށްވެސް ލިބުނީ ބޮޑު ސިހުމެކެވެ. ކުރިއަށް އޮތް ޔޫރޯ މުބާރާތަށް ތައްޔާރުވަމުންދާ އޮސްޓްރިއާ އާއި ސްލޮވާކިއާގެ މިކުރިމަތިލުމުގައި ގިނައިރު އޮސްޓްރިއާއިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ސްލޮވާކިއާއިންނެވެ. ނަމަވެސް މިއާއެކު ސްލޮވާކިއާއަށް އޮސްޓްރިއާގެ ޑިފެންސް ފޫއަލުވާލެވޭގޮތެއްނުވިއެވެ.

މިމެޗުގައި އޮސްޓްރިއާގެ ދެވަނަ ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ޖަހައިދިނީ އެންޑްރިއާސް ވެއިމަންއެވެ. މިލަނޑާއެކު މިމެޗު އެޓީމަށް ކާމިޔާބުވާނެކަން ގާތްގަޑަކަން ޔަގީންވިއެވެ. އޮސްޓްރިއާއިންވަނީ އެޓީމު އެންމެ ފަހުން ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށްފައެވެ.

ޖަރުމަނުވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ 2024 މުބާރާތުގައި އޮސްޓްރިއާ ހިމެނެނީ ނެދަލަންޑްސް، ފަރަންސޭސިވިލާތާއެކު ގްރޫޕް ޑީގައެވެ. މިގްރޫޕުން ދެން ޖާގަލިބޭނީ ޕްލޭ އޮފް ފައިނަލްގައި ވޭލްސް އާއި ޕޯލަންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށެވެ. އަދި ސްލޮވާކިއާ ހިމެނެނީ ބެލްޖިއަމް އާއި ރުމޭނިއާ އާއެކު ގްރޫޕް އީގައެވެ. މިގްރޫޕްގެ ހަތަރު ވަނަ ޓީމަކަށް ވާނީ ޔޫކްރެއިން އާއި އައިސްލަންޑްގެ މެދުގައި ކުޅޭ ޕްލޭ އޮފް ފައިނަލް ކާމިޔާބު ކުރާ ޓީމެކެވެ.