ވިމެންސް ސުޕާ ލީގުގައި މެންޗެސްޓާ ސިޓީ ވިމެން އާއި މެންޗެސްޓާ ޔުނައިޓެޑް ވިމެން ބައްދަލުކުރި މެޗު ސިޓީއިން ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް އަރައިފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ސިޓީއިން ބޯޅަ ގެންގުޅުނު އިރު ދެޓީމަށްވެސް ހަމަލާ އުފެއްދިފައިވަނީ ހަމަހަމަ ކޮށެވެ. މިމެޗުގައި ސިޓީއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 37 ވަނަ މިނެޓުގައި ޖަހައިދިނީ ޖެސް ޕާކްއެވެ.

ނަމަވެސް ގިނަ ބަޔަކު ގަބޫލް ކުރާ ގޮތުގައި މިލަނޑު ޖެހުމަށް އުފެއްދި ހަމަލާގެ ތެރޭގައި ހަދީޖާ ޝޯ އޮފް ސައިދް ވެފައިވުމުން މިލަނޑު ބަލައިގަނެގެން ނުވާނެއެވެ. ނަމަވެސް މިމެޗުގައި ވީއޭއާރު ބޭނުން ކޮށްފައިވުމުން އެކަން ރެފްރީއަށް ފާހަގަ ކުރެވިފައެއް ނުވެއެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޕާކް މިމެޗުގައި ކާމިޔާބު ކުރި ދެވަނަ ލަނޑާއެކު ސިޓީއިން އެޓީމުގެ ލީޑު ފުޅާކުރިއެވެ.

މިމެޗުގައި ސިޓީގެ ފަހު ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށިތާ އެއް މިނެޓު ފަހުން ޖަހައިދިނީ ޝޯއެވެ. މިލަނޑާއެކު ޝޯ ވަނީ ސިޓީ ވިމެންއަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ވެފައެވެ.

ޝޯވަ ވަނީ މިހާތަނަށް 68 ލަނޑު ސިޓީއަށް ކާމިޔާބު ކޮށްދީފައެވެ. މިމެޗުގައި ޔުނައިޓެޑުން ކާމިޔާބު ކުރި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ 73 ވަނަ މިނެޓުގައެވެ. ނަމަވެސް މިލަނޑަކީ ސިޓީގެ ޑިފެންޑާ ކާސްޓީން ކަސްޕަރީއި ގައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.

މިކާމިޔާބީއާއެކު ސިޓީ ވިމެން މިހާރު އުޅެނީ ކުޅުނު 17 މެޗުން ލިބިފައިވާ 43 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން އަދި ތާވަލްގެ އެއްވަނައިގައި މިސީޒަންގައި މިހާތަނަށް އޮތް ޗެލްސީ ވިމެންއަށް ވުރެ ތިން ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ނަމަވެސް މިހަފުތާގައި ޗެލްސީ ކުޅޭ މެޗު ކާމިޔާބު ކޮށްފިނަމަ ސިޓީ އާއި އެޓީމަށް އަރާ ހަމަކުރެވި ފައިދާ ގޯލަށް ބަލާއިރު އަނެއްކާވެސް ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

ޔުނައިޓެޑް ވިމެންއަށް ބަލާލާއިރު މިމެޗުން ބަލިވުމުން މިއަންނަ ސިޒަންގައި ވިމެންސް ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށް ކުރަމުންދާ މަސައްކަތަށް މިވަނީ ބޮޑު ހީނަރުކަމެއް އައިސްފައެވެ.

ޔުނައިޓެޑް މިހާރު އުޅެނީ 28 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނައިގައެވެ. އަދި ތިންވަނައިގާ އުޅޭ އާސެނަލް ވިމެން އާއި ޔުނައިޓެޑާއި ދެމެދު މިހާރު ހަ ޕޮއިންޓްގެ ތަފާތު ހުރިއިރު މިތަފާތު ނުވަ ޕޮއިންޓަށް އިތުރު ވުމުގެ ފުރުސަތުވެސް އެބައޮތެވެ.