އެދެވޭ ރަނގަޅު ނަތީޖާއެއް ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ލިބޭނެކަމަށް ނުފެންނާތީ ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ފަރާތުން ދާންދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު ނިޝާމާ މުޙައްމަދު ސަރުކާރުގެ ފަރާތުން ވާދަކުރާ ޕީއެންސީ ކެންޑިޑޭޓު މުޙައްމަދު ފަޒީލަށް ތާއީދުކުރަން ނިންމައިފިއެވެ.

ކުރީ ސަރުކާރުގައި ހެލްތު މިނިސްޓްރީގައި ވެސް އިސް މަގާމެއް ފުރި ނިޝާމާ އޭނާގެ ފޭސްބުކުގައި މިރޭ ކުރި ޕޯސްޓުގައި ލިޔެފައިވަނީ އިންތިޚާބަށް ކުރެވުނު މަސައްކަތުން ދާއިރާގެ ރައްޔިތުންގެ ލޯތްބާއި ތާއީދު ލިބިފައިވާ ކަމަށެވެ.

ނަމަވެސް އިންތިޚާބު ކާމިޔާބުކުރުމަށް އިތުރު ޚަރަދުތަކަކާއި މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އޭނާ ލިޔެފައިވެއެވެ. އަދި މިހާރު، އެ ވަގުތާއި، ފައިސާ ނެތުމުން އެދެވޭ ނަތީޖާއެއް ލިބިދާނެކަމުގެ ޔަގީންކަން ނެތްކަމަށް ވެސް އޭނާ ބުންޏެވެ.

"އެހެންކަމުން އެންމެ މަސްލަހަތު ހަމަޖެހޭނެ ގޮތެއްކަމަށް މި ހާލަތުގައި އަޅުގަނޑަށް ވިސްނެނީ މަޖިލިސް އިންތިޚާބު 2024 ދާންދޫ ދާއިރާއަށް އަޅުގަނޑާއި އަދި އަޅުގަނޑަށް ތާއީދުކުރާ އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ސަރުކާރު ތަމްސީލުކުރާ ޕާޓީގެ ކެންޑިޑޭޓަށް ދިނުމަށެވެ،" އޭނާ ލިޔެފައިވެއެވެ.

ޕީއެންސީގެ ފަރާތުން ވެސް ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން އަންނަނީ ވާދަކުރަމުންނެވެ. ނަމަވެސް ޕާޓީގެ ޕްރައިމަރީން ބަލިވި ކެންޑިޑޭޓުން އަމިއްލަ ގޮތުން ވާދަކުރަމުން އައުން ފަދަ ކަންކަން އަންނަނީ ފެންމަތިވަމުންނެވެ.

އެހެންނަމަވެސް އެ ކަންކަން ހައްލުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވިއެވެ. ޕްރައިމަރީ ކާމިޔާބުވި ކެންޑިޑޭޓުންގެ ތެރެއިން އެފަދަ އެއް ކެންޑިޑޭޓަކު ވަނީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓަކަށް ތާއީދު ދީފައެވެ. އަދި ކުރިމަތިނުލާން ނިންމައިފައެވެ.