ހައުސިން ޑިވަލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޒީނާދު އައްޔަން ކުރައްވައިފިއެވެ.

ކުރީ ސަރުކާރުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ރާއްޖޭގައި އުފެއްދި ފުރަތަމަ މާލީ އިދާރާ، އެސްއެެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ އެމްޑީކަމަށް ވެސް ހަމަޖެއްސީ ޒީނާދެވެ.

އެސްޑީއެފްސީގެ މަގާމުގައި ހުންނަވައިގެން ފަސް އަހަރު ދުވަހު އޭނާވަނީ އެ ކުންފުންޏަށް ހިދުމަތް ކުރައްވާފައެވެ.

އޭގެ ކުރިން އޭނާވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހެޑް އޮފް ގަވަމެންޓް ލޯން ސްކީމްގެ މަގާމު ވެސް އަދާކުރައްވާފައެވެ. އަދި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ)ގައި ވެސް އިސް މަގާމުތަކެއް އަދާ ކުރެއްވިއެވެ.

ޒީނާދުވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވަސިޓީން ފައިނޭންސް ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފައެވެ.