ފަލަސްތީނުގެ ރައްޔިތުންނާމެދު ލާއިންސާނީ އަމަލުތައް ހިންގަމުން އަންނަ އިސްރާއިލުން، ފަލަސްތީނުގެ ޖޯޑަން ވެލީ ސަރަހައްދުން ބޮޑު ސަރަހައްދެއްގެ ބިން ފޭރިގަތުމަށް ކުރަމުން އަންނަ މަސައްކަތް ދިވެހި ސަރުކާރުން މިރޭ ކުށްވެރިކޮށްފިއެވެ.

ދިވެހި ސަރުކާރުންވަނީ އިސްރާއީލުން ފަލަސްތީނުގެ ޖޯޑަން ވެލީ ސަރަހައްދުގެ ބިންތައް ގަދަބާރުން ހިފުން ކުށްވެރިކޮށް މިރޭ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ވަނީ މިއީ ސީދާ ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ހަނިކުރުރުމުގެ ކުރާ ކަމެއް ކަމަށް ބުނެފައެވެ. އަދި މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ގަވައިދުތަކާ ޚިލާފު ކަމެއް ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

ހަމައެއާއެކު މެދުއިރުމަތީ ސަރަހައްދުގައި އިތުރަށް މައްސަލަ ގޯސްވާނެ ކަމެއް ކަމަށް ވަނީ ބުނެފައެވެ.

އެއާއެކު ދިވެހި ސަރުކާރުން ވަނީ ބައިނަލްއަގްވާމީ ދުނުޔެއިން މި ކަމުގައި ފިޔަވަޅު އަޅައި އިސްރާއީލުގެ އަމަލުތައް ހުއްޓުވައި، ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެދިފައެވެ

ހަމައެއާއެކު ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބީ އެ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމުގެ ޔަގީންކަން ވެސް ސަރުކާރުން ދިނެވެ.