ތެހެރާން (30 މާޗް 2024): އެމެރިކާއާއި ޔޫރަޕުން ޔަހޫދީ އިސްރާއީލަށް ކިތަންމެ ވަރަކަށް ހަތިޔާރުދިން ނަމަވެސް ޣައްޒާގެ ހޮސްޕިޓަލްތަކަށާއި އާންމުންގެ ގެދޮރަށް ބޮންއަޅައިގެން އާންމުން މެރުން ފިޔަވައި އެހެންކަމެއް އިސްރާއީލަށް ހާސިލު ނުކުރެވޭ ކަމަށާއި ރަފްހު ސިޓީއަށް އަރައިގަތް ނަމަވެސް އިސްރާއީލަށް އަސްކަރީ މަގްސަދުތައް ހާސިލް ނުކުރެވޭނެކަމަށާއި ހަމާސްވެސް ބަލިނުކުރެވޭނެކަމަށް ޙަމާސްގެ އިސްވެރިއެއްކަމަށްވާ ޚަލީލުލް ހައްޔާ ވިދާޅުވެއްޖެއެވެ.

އީރާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި އީރާނުގެ ޕްރެސް ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ޚަލީލު ވިދާޅުވީ ރަފްހު ސިޓީއަށް އަރައިގަންނަން އިސްރާއީލަށް ނުކެރޭނެކަމަށާއި ސަބަބަކީ އެސިޓީއަށް އަރައިގަތަސް ހަމާސް ބަލިނުކުރެވޭނެކަމާއި ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ ރަހީނުން ގަދަބާރުން މިނިވަން ނުކުރެވޭނެކަން އިސްރާއީލަށް ރަނގަޅަށް އެނގޭތީއެވެ.

ރަފްހަށް އަރައިގަނެގެން މަގްސަދު ހާސިލް ނުކުރެވުމުން ދެން އިސްރާއީލު އަރައިގަންނާނެ އެހެންތަނެއް ނެތުމުން ދެން ދައްކާނެ ވާހަކައެއް ނެތި އިސްރާއީލުގެ އަސްކަރިއްޔާ ބޭޒާރުވާނެތީ ރަފްހަށް އަރައިގަންނާނެކަމުގެ ވާހަކަ ދެއްކިނަމަވެސް އެކަންކުރަން އިސްރާއީލަށް ނުކެރޭނެކަމަށް ޚަލީލު ވިދާޅުވިއެވެ.

ބާރުގަދަ ކަމަށް ދައުވާކުރާ އިސްރާއީލުގެ އަސްކަރިއްޔާއަށް ގާތްގަނޑަކަށް ފަސް މަސްވަންދެން އެމެރިކާއާއި ޔޫރަޕްގެ އެހީގައި ޒަމާނީ ހަތިޔަރާއެކު ހަމާސްއާ ދެކޮޅަށް ހަނގުރާމަ ކުރިނަމަވެސް ހަމާސްގެ އަތްދަށުގައިވާ ރަހީނުންގެ އެކަކުވެސް ބާރުގެ ބޭނުންކޮށްގެން މިނިވަން ކުރުމުގައި އިސްރާއީލުވަނީ ނާކާމިޔާބުވެފައެވެ.

މި ނާކާމިޔާބީ ފޮރުވުމަށާއި ގަދަބާރު ދެއްކުމަށް އިސްރާއީލު ހަމަލާދެނީ ޣައްޒާގެ ހަތިޔާރުނެތް ނިކަމެތި އާންމުންނަށެވެ. އާންމުންގެ ގެދޮރަށާއި ހޮސްޕިޓަލްތަކަށާއި ސްކޫލްތައްފަދަ މަދަނީ ތަންތަނަށެވެ. މިއީ އިސްރާއީލަށް ރައްދު ނުދެވޭ މަދަނީ ތަންތަނެވެ.

ހަމާސްގެ މުޖާހިދުންގެ ބިންގަރާސްތަކާއި ރަހީނުން ބައިތިއްބާފައިވާ ތަންތަން ދެނެގަތުމުގައި އިސްރާއީލުވަނީ މުޅިން ނާކާމިޔާބުވެފައެވެ.

ކުރިން އިސްރާއީލު ބުނީ ހަމާސްގެ މުޖާހިދުން ތިބީ ޣައްޒާގެ އުތުރުގައި ކަމަށާއި ހޮސްޕިޓަލްތަކުގައި ކަމަށާއި އެތަންތަނަށް އަރައިގަތުމުން ހަމާސް ބަލިކުރެވޭނެ ކަމުގައެވެ. އެތަންތަނަށް އަރައިގަނެ އެތަންތަނުން ހަމާސްގެ މުޖާހިދުން ނުފެނުމުން ދެންބުނީ މުޖާހިދުން ތިބޭނީ ޣައްޒާގެ މެދުތެރޭ ސަރަހައްދުތަކުގައި ކަމަށެވެ.

އެތަންތަނަށް އަރައިގަނެ ހަމާސްގެ މުޖާހިދުން ނުފެނުމުން މިހާރު ބުނަނީ ހަމާސްގެ މުޖާހިދުން ތިބީ ޣައްޒާގެ ދެކުނުގެ ރަފްހު ސިޓީގައި ކަމުގައެވެ.

ޚަލީލު ވިދާޅުވިގޮތުގައި އިސްރާއީލު ސިފައިން ރަފްހަށް އަރައިގަތްކަމަށް ވިޔަސް ހަމާސްގެ މުޖާހިދުން ނުފެންނާނެއެވެ. އަދި ހައްޔަރުކޮށްފައިވާ އިސްރާއީލުގެ ރަހީނުން ތިބި ތަންވެސް ނުހޯދޭނެކަމުގައެވެ. މިކަން އިސްރާއީލަށް އެނގޭތީ އަދި ރަފްހަށް އަރައިގަތުމަށްފަހު ދެން އަރައިގަންނާނެ ޣައްޒާގެ ސަރަހައްދެއް ނެތުމުން ދައްކާނެ ބަހަނާނެތި އިސްރާއީލުގެ އަސްކަރިއްޔާ ބޭޒާރުވާނެތީ ރަފްހަށް އަރައިގަންނަން އިސްރާއީލު ޖެހިލުންވާކަމަށްވެސް ޚަލީލު ވިދާޅުވިއެވެ.

ޚަލީލު ވިދާޅުވިގޮތުގައި އިސްރާއީލުން ޣައްޒާގައި އެހިންގަނީ އަސްކަރީގޮތުން ބޭކާރު ގަތުލުއާންމުތަކެކެވެ. އިސްރާއީލުން ކޮންމެ ކަމެއްކުރި ނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާއަށް ހަމާސް ބަލިނުކުރެވޭނެކަމަށާއި ބާރުގެ ބޭނުންކޮށްގެން ރަހީނުންވެސް މިނިވަން ނުކުރެވޭނެކަމަށާއި އިސްރާއީލުން ފަލަސްތީނުގެ ބިން ހިފައިގެން އޮންނަހާ ހިނދަކު އިސްރާއީލަށް ރައްކާތެރިކަން ނުލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ޚަލީލު ވިދާޅުވިގޮތުގައި އިސްރާއީލު ސިފައިންނަކީ ލިބިފައިވާ ހަތިޔާރާއި ވަސީލަތްތަކަށް ބަލާއިރު ވަރަށް ފިނޑި އަދި ހަނގުރާމައިގެ ގާބިލުކަމާއި ތަމްރީންވެސް ނެތްބައެކެވެ. އަސްކަރީ ޖެޓްތަކުން ބޮންއެޅުން ފިޔަވައި އެހެންކަމެއް އިސްރާއީލު ސިފައިންނަށް ނުކުރެވޭކަމީ ހަގީގަތެއްކަން ދުނިޔެއަށް ހާމަވެގެން ހިނގައްޖެކަމަށާއި ޣައްޒާގައި ލިބެމުންދާ އަސްކަރީ ނާކާމިޔާބީތަކުގެ ސަބަބުން އިސްރާއީލުގެ އަސްކަރިއްޔާ ވަނީ ބޮޑު މާޔޫސްކަމެއްގެ ތެރޭގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.