31 Mar 2024, 09:26
މީގެ 19 އަހަރު ކުރިން ރިލީޒްކުރި ފިލްމު "ނޯ އެންޓްރީ"ގެ ސީކުއަލްގެ ލީޑް ތަރިންގެ ނަންތައް އިއުލާނުކޮށްފިއެވެ.
ފިލްމުގެ ޕްރޮޑިއުސަރު ބޮނީ ކަޕޫރާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުން ބުނެފައި ވަނީ "ނޯ އެންޓްރީ"ގެ ސީކުއަލްއިން ފެންނާނީ ވަރުން ދަވަން، އަރުޖުން ކަޕޫރު އަދި ދިލްޖީތު ދޯސާންޖްއެވެ.
އަނީސް ބަޒްމީ ޑައިރެކްޓްކޮށް 2005ވަނަ އަހަރު ރިލީޒްކުރި ކޮމެޑީ ފިލްމުގެ ލީޑް ތަރިންނަކީ ސަލްމާން ޚާން، އަނިލް ކަޕޫރު އަދި ފަރުދީން ޚާންއެވެ.
މި ފިލްމުގެ ސީކުއަލްއިން ކުރީގެ އެއްވެސް ތަރިއަކު ނުފެންނާނެ ކަމަށާއި ފިލްމުގެ ބަތަލާގެ ރޯލްއިން މުޅިއެކު 10 ފިލްމީ ތަރިން ފެންނާނެ ކަމަށް ބޮނީ ކަޕޫރު ވަނީ ބުނެފައެވެ. ބޮނީ ބުނި ގޮތުގައި ވަރުން އާއި އަރުޖުން ކަޕޫރަކީ ވަރަށް ގާތް ދެ ރަހްމަތްތެރިންނަށް ވުމުން ފިލްމުގައި ދެ ތަރިންގެ ކެމިސްޓްރީ ވަރަށް ވަރުގަދަ ވާނެކަމަށް ބޮނީ ވަނީ ބުނެފައެވެ.
މީގެއިތުރުން ބޮލީވުޑްގައި ކުރި ހޯދަމުން އަންނަ ޕަންޖާބު ލަވަކިޔުންތެރިޔާ ދިލްޖީތު ދޯސާންޖަކީ ކޮމެޑީ ރޯލްތަކަށް އެންމެ އެކަށީގެންވާ އެކްޓަރުކަމަށް ވެސް ބޮނީ ކަޕޫރު ވަނީ ބުނެފައެވެ.

އަރުޖުން ކަޕޫރު ބައްޕަ އަދި ފިލްމު ޕްރޮޑިއުސަރު ބޮނީ ކަޕޫރާ އެކު-- ފޮޓޯ/ފިލްމުފެއަނިއުސް
ބަތަލާ ލާރާ ދައްތާ، އީޝާ ޑިއޯލް އަދި ސެލީނާ ޖެއިތްލީ ފެނިގެންދިޔަ "ނޯ އެންޓްރީ" ފިލްމަކީ ކައިވެނީގެ ބޭރުން އެހެން ލޯބިވެރިންތަކެއް ގެންގުޅޭތީ އެކަން ފަޅާ އަރާވުލުމަށް ހިންގާ ހެއްވާ މަޖާ ރޭވުންތައް ހިމެނޭ ހާދިސާތައް ގިނަ ފިލްމެކެވެ.
"ނޯ އެންޓްރީ2"ގެ ނަމުގައި އުފައްދާ ސީކުއަލްގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރު މަހުތެރޭ ފެށުމަށް ނިންމާފައިވާއިރު ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި އިއުލާނު ނުކުރެއެވެ.