31 Mar 2024, 10:44
އިންގްލިޝް ޕްރިމިއާ ލީގުގައި ނިއުކާސްލް ޔުނައިޓެޑާއި ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރި މެޗު ނިއުކާސްލް ކާމިޔާބު ކޮށްފިއެވެ.
ނިއުކާސްލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބު ކޮށްފައިވަނީ ހަތަރު ލަނޑު، ތިން ލަނޑުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނިއުކާސްލްއިންނެވެ. އަދި މި މެޗުގެ ފެށުން ރަނގަޅު ވެގެންދިޔައީވެސް ނިއުކާސްލްގެއެވެ.
މިގޮތުން މެޗުގެ ހަ ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ނިއުކާސްލް ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެލެގްޒެންޑާ އިސާކްއެވެ. މި ލަނޑާއެކު ނިއުކާސްލްއިން މި މެޗުގެ ލީޑު ނެގި ނަމަވެސް މާގިނަ އިރު ތަކެއް ނުވެ ވެސްޓް ހޭމްއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ނިއުކާސްލްއަށް ނުރައްކާ ކުރަން ފަށައިފައެވެ.
މި މެޗުގައި ވެސްޓް ހޭމްއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 21 ވަނަ މިނެޓުގައި ޖަހާ މެޗުގެ ނަތީޖާ އެ ޓީމަށް ހަމަހަމަ ކޮށްދިނީ މިކައިލް އެންޓޯނިއޯއެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ 10 ވަނަ މިނެޓުގައި މުހައްމަދު ކުޑޫސް ޖަހައިދިން ލަނޑުން މި މެޗުގެ ލީޑު ވެސްޓް ހޭމް އިން ނެގިއެވެ.
މި މެޗުގެ ދެވަނަ ހާފު ވެސްޓް ހޭމްއިން ފައްޓާފައިވަނީ ފުރަތަމަ ހާފު ނިންމާލި ހިސާބުންނެވެ. މިގޮތުން މެޗުގެ 48 ވަނަ މިނެޓުގައި ވެސްޓް ހޭމްއިން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖެރޮޑް ބޮވެންއެވެ.
މި މެޗުގައި ނިއުކާސްލް ކޮޅަށް މެޗުގެ އޮއެވަރު އަލުން ބަދަލުވީ މެޗުގެ 77 ވަަ މިނެޓުގައި އެ ޓީމަށް ލިބިގެންދިޔަ ދެވަނަ ޕެނަލްޓީ އާއެކުއެވެ. މި ޕެނަލްޓީ ވެސް ކާމިޔާބު ކޮށްދިނީ ފުރަތަމަ ޕެނަލްޓީވެސް ކާމިޔާބު ކޮށްދިން އިސާކްއެވެ. އަދި މި ލަނޑު ޖެހިތާ ހަ މިނެޓުފަހުން ނިއުކާސްލްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ހާވީ ބާންސްއެވެ. އަދި މި މެޗުން ނިއުކާސްލް މޮޅުވި ލަނޑު މެޗުގެ 90 މިނެޓުގައި ޖަހައިދިނީވެސް ދެވަނަ ހާފުގައި ކުޅެން އެރި ބާންސްއެވެ.
މި މެޗުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓުގައިވަނީ ނިއުކާސްލްގެ އެންތަނީ ގޯޑަންއަށް ދެވަނަ ރީނޑޫ ކާޑަކާއެކު ރަތްކާޑެއްވެސް ދައްކާފައެވެ.
މި ކާމިޔާބީއާއެކު ނިއުކާސްލް މިހާރު އުޅެނީ ކުޅުނު 29 މެޗުން ލިބިފައިވާ 43 ޕޮއިންޓާއެކު ތާވަލްގެ އަށް ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ވެސްޓް ހޭމް އުޅެނީ 30 މެޗުން ލިބިފައިވާ 44 ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައިގައެވެ.