ޖަރުމަނު ބުންޑަސްލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކްގެ މައްޗަށް ބޮރޫޝިއާ ޑޯޓްމުންޑުން ކުރި ހޯދައިފިއެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗު ޑޯޓްމުންޑުން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާންއިންނެވެ.

ބަޔާންއަށް މި މެޗުގައި ޑޯޓްމުންޑްގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. މިއީ ޑާ ކްލާސިކާގެ ނަމުން މަޝްހޫރުވެފައިވާ މި ދެ ޓީމުގެ ކުރިމަތިލުމެއް 2019ވަނަ އަހަރަށް ފަހު ޑޯޓްމުންޑަށް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ޑޯޓްމުންޑަށް ލީޑު ނަގައިިދިނީ މެޗުގެ 10 ވަނަ މިނެޓުގައި ކަރީމް އަޑެޔޭމީއެވެ.

ފުރަތަމަ ހާފުގައި ބަޔާންގެ ފޯވަޑް ހެރީ ކޭންއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އޭނާ ބޮލުން ފޮނުވާލި ދެ ހަމަލާ ވެސް ގޯލަށް އަމާޒުވާގޮތެއް ނުވިއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ވެސް ބަޔާންއިން ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެއިން އެއްވެސް ހަމަލާއެއް ލަނޑަކަށް ބަދަލުކުރެވޭ ގޮތެއް ނުވިއެވެ.

އަދި ނަތީޖާއަކަށް ވެގެންދިޔައީ ލިބޭ ފުރުސަތުތަކުގައި ޑޯޓްމުންޑަށް ކައުންޓާ އެޓޭކް ކުރުމުގެ ފުރުސަތު ލިބިގެންދިއުމެވެ. މިގޮތުން މެޗުގެ 83 ވަނަ މިނެޓުގައި އުފެއްދި ހަމަލައެއްގައި ޑޯޓްމުންޑުން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މިލަނޑު އެ ޓީމަށް ޖަހައިދިނީ ޖޫލިއަނ ރިޔާސަންއެވެ.

މިމެޗުގެ 89 ވަނަ މިނެޓުގައި ކޭންއަށް ލަނޑެއް ކާމިޔާބު ކުރެވުނު ކަމަށް ހީވެގެން ދިޔަ ނަމަވެސް އޭނާ ބޯޅަ ގޯލް ތެރެއަށް ފޮނުވާލިއިރު އޮފް ސައިޑް ގައި ހުރިކަމަށް ވީއޭއާރުން ހާމަކުރުމާއެކު އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.

ރޭގެ މެޗުން ބަލިވުމާއެކު ބަޔާނާއި ތާވަލްގެ އެއްވަނައިގާ އުޅޭ ލެވަކޫސެންއާ ދެމެދު މިހާރު 13 ޕޮއިންޓްގެ ތަފާތު އެބަހުއްޓެވެ. އަދި ބަކީ މިހާރު ކޮންމެ ޓީމަކަށް ހަތް މެޗު އޮތް އިރު މީގެތެރެއިން ތިން މެޗު ކާމިޔާބު ކޮށްގެން ލެވަކޫސެންއަށް ލީގު ކަށަވަރުކުރެވޭނެއެވެ.

ބަޔާންގެ ދަނޑުގައި ކުޅެ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ހޯދުނު ފުރަތަމަ ކާމިޔާބީއާއެކު ޑޯޓްމުންޑް މިހާރު އުޅެނީ 53 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ.