ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރިހިބިލިޓޭޝަން މަރުކަޒުތައް ގާއިމު ކުރަން ރަށްތައް މިހާރު ހުރީ ކަނޑައަޅައިފައި ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އާންމުންނަށް ސީދާ ރައީސާ ސުވާލުކުރެވޭ 'ރައީސްގެ ޖަވާބު'ގެ މިއަދުގެ ސިލްސިލާގައި މާލެ ސިޓީ، މއ. ބޯޅަކިންކިރިމާގޭ އާއިޝަތު ޝެރީން ވަނީ މަސްތުވާތަކެތީގެ ބޭނުންކުރާ މީހުންނަށް ފަރުވާދީ އަނބުރާ މުޖްތަމަޢަށް ގެނައުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަކީ ކޮބައިތޯ ސުވާލުކޮށްފައެވެ.

އެގޮތުން އޭނާ ވަނީ އެއީ އެފަދަ ބެލެނިވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަން ފާހަގަކޮށްފައެވެ.

އެ ސުވާލަށް ޖަވާބުދެއްވައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވައުދުތަކުގެ ތެރޭގައި އެ ކަމަށް ހައްލު ގެނައުމަށް ކުރާނެ ކަންކަން ފާހަގަކޮށްފައި ވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މި ކަމަށް އޮތް އެންމެ ބޮޑު ހައްލަކީ ކޮމިއުނިޓީ ބޭސްޑް ރިހިބިލިޓޭޝަން ކަމަށެވެ.

މިހާރު ކެބިނެޓުން އެކަމާއި ގުޅޭ ގޮތުން މަޝްވަރާކޮށް ސިޔާސަތު ކަނޑައަލައިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރިހިބިލިޓޭޝަން މަރުކަޒުތައް ގާއިމުކޮށް، ރަނގަޅު ފެންވަރުގެ މަރުކަޒުތަކުން ކުދިން އަނބުރާ ރަނގަޅަށް މުޖުތަމައުއަށް ގެނެވޭނެ ގޮތަށް ހިންގާ ރަނގަޅު ފެންވަރުގެ މަރުކަޒުތައް ގާއިމު ކުރުމުގެ މަސައްކަތް ކުރުމަށް އެ އޮތީ ނިންމައިފައި. އެ ކަމަށް ޓަކައި ވަކި ރަށް ތަކެއް ވެސް ކަނޑައެޅިފައި،" ރައިސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަސައްކަތްތަށް ވަރަށް ބާރުމިނުގައި ކުރިއަށް ދާނެ ކަމަށެވެ. އެގޮތުން ސަރުކާރުން ހިންގާ އެކި ކަހަލަ މަޝްރޫތަކުގައި ވެސް އަމަލީ ގޮތުން ބައިވެރިވެ، އަނބުރާ މުޖުތަމައުއަށް އާދެވޭނެ ގޮތަށް އެ ކުދިންނަށް ތަމްރީނު ދިނުން ވެސް މީގެ ތެރޭގައި ހިމެނިގެން ދާނެ ކަމަށެވެ.

އަދި ކޮމިއުނިޓީ ބޭސްކޮށް ރިހިބިލިޓޭޓުކޮށް އިސްލާމްދީނުގެ ހަމަތަކުގެ މަތިން އެ ކުދިންނަށް ތަރުބިއްޔަތުދީ ވިސްނައިދީ ހަދައިގެން އަނބުރާ މުޖުތަމައުއަށް ބޭނުންތެރި ކުދިންގެ ގޮތުގައި ގެނައުމަކީ އެ މަނިކުފާނުގެ ސިޔާސަތު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.