31 Mar 2024, 17:49
ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)ގައި ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރާ ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ޑރ. ހަސަން އަލް ކުރްދީ އޭނާގެ އާއިލާ ޣައްޒާއިން ސަލާމަތްކޮށްދިނުމަށް އެދި އެހީއަށް އެދިއްޖެއެވެ.
ޑރ. ހަސަނަކީ އައިޔޫއެމްގައި އަރަބި ބަސް ކިޔަވައިދޭ ޕްރޮފެސަރެކެވެ. ޣައްޒާ ހަނގުރާމަ ފެށި މުޅި އޭނާގެ އާއިލާ ހާލުގައި ޖެހިފައިވާއިރު މިހާރު އެ އެންމެން ދިރިއުޅެމުން އަންނަނީ އިޒްރާއިލުން ހިފަން ތައްޔާރުވަމުން އަންނަ ރަފަހް ސަރަހައްދުގައެވެ.
މި ކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހިއްސާކުރަމުން އައިޔޫއެމްގެ އިސްވެރިއަކު "ސަން"އަށް ވިދާޅުވީ ޑރ. ހަސަނަށް އެހީތެރިވެދިނުމަށް ޓަކައި ޔުނިވާސިޓީން އެ ކަމުގައި ފޮރިން މިނިސްޓްރީއާ މުއާމަލާތްކުރަމުން އަންނަކަމަށެވެ.
އަދި ފޮރިން މިނިސްޓްރީން ވެސް ވަރަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރަމުން އަންނަކަމަށް ވިދާޅުވިއެވެ. ނަމަވެސް އަދި އެ މަގު ތަނަވަސްވެފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ޑރ. ހަސަން މިހާރު ހުންނެވީ މިސްރުގައި، އާއިލާ ގެނެވޭނެ ގޮތެއް ވޭތޯ ބަލަން ވަޑައިގެން،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ އިންތިޒާމުތަކުގެ ތެރެއިން އާއިލާ ރާއްޖެ ގެނެވޭނެ މަގު ފަހިވެއްޖެނަމަ އިތުރު ޚަރަދެއް ކުރުމެއްނެތި އެ ކަން ވާނެ ކަމަށެވެ. ނަމަވެސް އެ ފަދައިން ހަމަނުޖެހޭނަމަ 5،000 ޑޮލަރަށްވުރެ އަގުބޮޑުކޮށް ކޮންމެ ބޮލަކަށް ދައްކަން ޖެހޭކަމަށް ވިދާޅުވިއެވެ.
ޑރ. ހަސަންގެ އާއިލާގައި އޭނާގެ އަންހެނުންނަކީ ޕްރައިމަރީ ޓީޗަރެކެވެ. ދެ އަންހެން ކުދިންގެ އިތުރުން ދެ ފިރިހެން ކުދިން ވެސް އޭނާގެ ހުރެއެވެ. އޭގެ ތެރެއިން ދޮށީ އަންހެން ދަރިފުޅަކީ އެނެސްތީސިއާ އާއި އިންޓެންސިވް ކެއާގެ ދާއިރާއިން ކިޔަވަމުން އަންނަ ކުއްޖެކެވެ.
އެ އާއިލާގެ ގެދޮރު ވެސް ހަލާކުވީ ހަމަލާތަކުގައި ބޮން އަޅައިގެންނެވެ.

ޑރ. ހަސަންގެ އާއިލާ ދިރިއުޅުނު ގެ ސުންނާފަތިވެފައި --
އެއާއެކު އެ އާއިލާއަށް އެހީވެދިނުމަށް އެދިފަންޑެއްވެސް މިހާރު ވަނީ ހުޅުވައިފައެވެ.
އޭގައިވާ ގޮތުން މަރުގެ އެތައް ހަމަލާއަކުން އެ އާއިލާވަނީ ސަލާމަތްވެފައެވެ.
"އަހަރުމެން ބޭނުންވަނީ މަރުގެ މި ނުރައްކަލުން ސަލާމަތްވާން. ބައްޕަ އެބަ މަސައްކަތް ކުރޭ އަހަރުމެން ނެރެދޭން. އެކަމު ބައްޕަ އަތުގައި ހުރި ހުރިހާ ފައިސާއެއް ވަނީ މި ގެ ސުންނާފަތިވުމާއެކު ހުސްވެފައި. އަހަންނާ، ބޭބެއިންނާއި، އަހަަރެންގެ އަންހެން ކޮއްކޮ ބބޭނުންވަނީ ބައްޕައާއެކު އުޅެން،" އެ ލިންކުގައި ލިޔެފައިވެއެވެ.
ގާތްގަނޑަކަށް 2.3 މިލިއަންގެ އާބާދީއެއް އޮތް ޣައްޒާ ހަނގުރާމައިގައި މުޅިން އެއްކޮށްވަނީ ސުންނާފަތިވެފައެވެ. ރައްކާތެރިކަމުގެ އެއްވެސް ސަރަހައްދެއް އެ ތަނުގައި ނެތްއިރު، ޣައްޒާގައި ދިރިއުޅެމުން އަންނަ މީހުން އަންނަނީ ބަނޑުހައިހޫނުކަން އިންތިހާއަށް ތަހައްމަލުކުރަމުންނެވެ.
ހަމަލާތަކުގެ އިތުރުން ބަނޑުހައިހޫނުކަމުގައި މަރުވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.