01 Apr 2024, 14:08
މަސައްކަތް ކުރަނީ ކުންފުނިތަކުގެ ދަރަންޏާއި ކުންފުނިތަކުން އާންމުންނަށް ދަރާފައިވާ ފައިސާ ދެއްކުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކޮންމެ ދުވަހަކު އާންމުކުރާ ރައީސްގެ ޖަވާބު ޕްރޮގްރާމްގެ މިއަދުގެ ވީޑިއޯގައި އައްޑޫ ސިޓީ ހިތަދޫ ޒެޓައިރު، ނައުޝާދު ޢަބްދުއްރައްޒާޤު ވަނީ މި ސަރުކާރުން ވެރިކަން ހިންގުމާ ހަވާލުވިއިރު ސަރުކާރު ކުންފުނިތަކުގައި ހުރި ބޮޑެތި ދަރަނިތައް އަދާކުރުމަށް ކުރައްވާފައިވާ ޕްލޭނާމެދު ސުވާލު ކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުން އޮތީ ކުންފުނިތައް ސިޔާސީ ބޭނުމަށް ބޭނުންކޮށް ކުންފުނިތައް ހަލާކުގެ ތެރެއަށް ވައްޓާލާފައި ކަމަށެވެ. އެގޮތުން ވަރަށް ގިނަ ކުންފުނިތައް އޮތީ ބަނގުރޫޓުވުމާ ހަމައިގައި ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން މިހާރު ކުރާ މަސައްކަތަކީ ބޭންކުތަކާ ވާހަކަ ދައްކައިގެން ލޯނުތަކަށް ރަނގަޅު ބަދަލެއް ގެނައުމުގެ މަަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ.
"އެކި ފަރާތްތަކަށް ކުންފުނިތަކުން ދޭންޖެހޭ ފައިސާ ދިނުމުގެ މި ހުރިހާ ކަމެއް ރޭވިގެން މި ކުރިއަށް ދަނީ. އެހެންވީމައި ވަރަށް ހާލުގައި ރާއްޖޭގެ އިގްތިޞާދު އޮތީ އަޅުގަނޑުމެން ހަވާލުވީ އިރު." ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އިގްތިޞާދު ހަރުދަނާ ކުރުމުގައި ކުންފުނިތައް ހަރުދަނާ ކުރުމަކީ އެންމެ މުހިންމު ކަންތައް ކަމަށެވެ.
މި ސަރުކާރުން ގެންދަނީ އިގްތިޞާދު ހަރުދަނާ ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ.
ކުރީ ސަރުކާރުން ވެރިކަން ނިންމައިލިއިރު ރައްޔިތުންގެ އަމިއްލަ އެކި ކުންފުނިތައް ލައްވައި މަސައްކަތްކުރުވުމަށްފަހު އެކި ބިލުތަކަށް ނުވަ ބިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކައި އޮތް ކަމަށް މީގެ ކުރިން ރައީސް ވަނީ ވިދާޅުވެފައެވެ.