ރައްޔިތުންގެ މަޖިލީހުން މިއަދު އެންޓި ޑިފެކްޝަން ބިލް ފާސްކުރުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހު އިތުރަށް ހަރުދަނާކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް ބިލް ހުށަހެޅި އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން އިސްނަގައިގެން މަޖިލީހުން ފާސްކުރި އެންޓި-ޑިފެކްޝަން ބިލުން ރައްޔިތުންގެ ބާރުވެރިކަން އިތުރުކޮށްދޭނެ ކަމަށެވެ. އަދި ރައްޔިތުން އިންތިޚާބުކުރާ މަންދޫބުން، އެއިންތިޚާބު ކުރި ޕާޓީގައި ދެމިތިބޭނެކަމުގެ ޔަގީންކަން ލިބި، ބަދަލުކޮށްފިނަމަ އެރައްޔިތުންނަށް އެކަމުގައި އިތުރަށް ބަސްބުނެވޭނެކަމުގެ ޔަގީންކަން ވެސް ބިލުން ލިއްބައިދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ސަބަބުން، ޑިމޮކްރެޓިކް ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންވެ، ވީހާވެސް އަވަހަށް އެ ބިލް ތަސްދީގުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ގޮވާލައްވާ ކަމަށް ވެސް އޭނާގެ ޕޯސްޓުގައިވެއެވެ.

މިއަދު މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލުގައި އޮތީ ދެ ހާލަތެއްގައި މެންބަރުން މަގާމުން އިސްތިއުފާދޭން ޖެހޭނެ ކަމަށެވެ. އެއީ، އިންތިޚާބުވި ޕާޓީން އަމިއްލައަށް ވަކިވުމުންނާއި އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ ދަފުތަރުގައި ޖެހުމުންނެވެ.

ދެ ހާލަތެއްގައި މެންބަރުން މަގާމުގައި ބައިތިއްބަން ފެނޭތޯ ބަލަން ރިކޯލް ވޯޓެއް ނަގަންޖެހޭނެ ކަމަށް ވެސް ބިލުގައިވެއެވެ. އެއީ، އިންތިޚާބުވި ޕާޓީން، އެ މެންބަރަކު ވަކިކުރުމުންނާއި އަމިއްލަގޮތުން އިންތިޚާބުވާ މެންބަރަކު ޕާޓީއަކަށް ސޮއިކުރުމުންނެވެ.

އެ ބިލުގައި ވަނީ ކައުންސިލަރުންނާއި އަންހެނުން ކޮމިޓީ މެންބަރުން ވެސް ޕާޓީން ވަކިވުމުންނާއި ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައެވެ.