ފުވައްމުލަކުގައި ސައިކަލެއް ކޮންޓްރޯލް ނުވެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގި ކަމަށް ފުލުހުންނަށް ރިޕޯޓުކުރީ ރޭ 23:43 ހާއިރުގައެވެ. ފުލުހުން ބުނީ އެކްސިޑެންޓް ހިނގައިފައިވަނީ ދުއްވަމުން ދިޔަ ސައިކަލް ކޮންޓްރޯލް ނުވެ، ޒިބްރާ ކުރޮސް ޕޯސްޓް ދަނޑީގައި ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓްގައި އަނިޔާވި 32 އަހަރުގެ ފިރިހެން މީހާއަށް ވަނީ ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައެވެ. އަދި އޭނާގެ އިތުރު ފަރުވާއަށް ރޭ ފަތިޙުގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ޙާލު ސީރިއަސް ކަމަށެވެ.

މި އަހަރުގެ ކުރީކޮޅުގައިވެސް ފުވައްމުލަކުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ފާރެއްގައި ޖެހިގެން ވަނީ ނުރައްކާތެރި އެކްސިްޑެންޓެއް ހިނގާފައެވެ. މި އެކްސިޑެޏްޓްގައި 30 އަހަރުގެ ފިރިހެނެއް ވަނީ ނިޔާވެފައެވެ.

މިފަހަކަށް އައިސް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން މި ވަނީ އާންމުވެފައެވެ.