ގެސްޓްހައުސްތައް ޕްރޮމޯޓްކުރަން ރާއްޖެއިން މިހާރު ބޭނުންކުރާ ސްޓްރެޓެޖީގެ ސަބަބުން ރާއްޖޭގެ ބްރޭންޑަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ވިދާޅުވެ، މާކެޓިން ދާއިރާގެ މާހިރަކު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެ ކަންބޮޑުވުން ފާޅުކުރެއްވީ މިދިޔަ ފެބްރުއަރާ މަހު ބޭއްވި މޯލްޑިވްސް މާކެޓާސް ސަމިޓުގެ ކީނޯޓް ސްޕީކާ ޑރ. ރޮހަންތަ އަތުކޮރަލަ އެވެ.

އަތުކޮރަލައަކީ ލަންކާގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގެ މަސައްކަތްކުރާ ސްރީލަންކާ ޓޫރިޒަމް ޕްރޮމޯޝަން ބިއުރޯގެ ޗެއާމަންކަން ކުރައްވައި، ޔުނިލީވާ ފަދަ ބޮޑެތި ކުންފުނިތަކުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން މާކެޓިން ދާއިރާއިން އެވޯޑް ހާސިލުކުރައްވާފައިވާ ތަޖުރިބާކާރެކެވެ.

މާކެޓާސް ސަމިޓުގައި އަތުކޮރަލަ އަލިއަޅުވައިލެއްވީ ރާއްޖޭގައި އަގުހެޔޮކޮށް ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންނަށް އަމާޒުކޮށް، ރިޒޯޓުތަކަށް ވުރެ ޚަރަދު ކުޑަ ގެސްޓްހައުސްތައް ޕްރޮމޯޓު ކުރުމަށް ފަށާފައިވާ ފަތުރުވެރިކަމުގެ ސްޓްރެޓެޖީއަށެވެ.

ރާއްޖޭގައި 809 ގެސްޓްހައުސް ހިންގާ ކަމަށް ތަފާސްހިސާބުން ދައްކާއިރު އެއީ 13،675 އެނދު ނުވަތަ ޖުމްލަ ބެޑް ކެޕޭސިޓީގެ 20 ޕަސެންޓެވެ.

އަތުކޮރަލަގެ ކަންބޮޑުވުމަކީ ރާއްޖެއިން މިހާތަނަށް ދަމަހައްޓާފައިވާ ބްރޭންޑްގެ ފެންވަރު ދެމެހެއްޓުމަށް ގެސްޓްހައުސްޓަކަށް ޚާއްޞަ ގަވައިދުތައް މަދުކަމެވެ. އޭގެ ސަބަބުން މަތީ ފަންތީގެ ފަތުރުވެރިން ދެކޭ ގޮތް ބަދަލުވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަތުކޮރަލަ ވިދާޅުވީ ގެސްޓްހައުސްތައް ހިންގާ ރަށްރަށުގައި ވަޒީފާތައް އުފެދި، އިޖުތިމާއި ގޮތުން ފައިދާތައް ލިބުނު ނަމަވެސް އެފަދަ ވިޔަފާރިތައް ފެތޭނީ ކުދި އަދި މެދު ފަންތީގެ ކެޓަގަރީއަށް ކަމަށެވެ. އެފަދަ ވިޔަފާރިތަކުގައި ގައުމުގެ ބްރޭންޑްގެ މަގާމު ދެމެހެއްޓުމާއި ސާފުތާހިރުކަމާއި ކުންޏާ މެދު އަމަލުކުރާނެ ގޮތުގެ މައުލޫމާތާއި ތަޖުރިބާ އެކަށީގެންވާ ވަރަށް ނުހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަތުކޮރަލަ ވިދާޅުވީ މަތީ ފަންތީގެ ފަތުރުވެރިން ޒިޔާރަތް ކުރަން ބޭނުންވަނީ ބޮޑު ބްރޭންޑުތަކަށް ނިސްބަތްވާ ރާއްޖޭގެ 176 ރިޒޯޓަށް ކަމަށެވެ. އެ ރިޒޯޓުތަކުން ރާއްޖެއަށް ފަސް ބިލިއަން ޑޮލަރު ލިބޭ ކަމަށާއި އެއީ ގައުމަށް ލިބޭ ޑޮލަރުގެ 60 ޕަސެންޓުކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެންމެ ފަހުގެ މައުލޫމާތުން އެނގޭ ގޮތުގައި، މިހާރު 3،000 ޑޮލަރާއި 15،000 ޑޮލަރާ ދެމެދުގެ އަގަކަށް ވިއްކާ 43،279 އެނދު އެބަހުރި. އެހަންކަމުން ރާއްޖެއަކީ، ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑޯ އާއި އޭނާގެ އަންހެނުން ޖޯޖީނާ އާއި ޕްރިންސް ވިލިއަމް އާއި ރޮޖާ ފެޑެރާ އާއި ބިޔޯންސޭ ފަދަ މަޝްހޫރު މީހުންގެ މެދުގައި އެންމެ މަގުބޫލު ބްރޭންޑް،" އަތުކޮރަލަ ވިދާޅުވިއެވެ.

ނަމަވެސް ރަނގަޅަށް މާކެޓް ނުކޮށްފި ނަމަ، މުޅި ދުނިޔެއަށް އިގުތިސާދީ ހީނަރުކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

"ގައުމެއްގައި ދެ ޓޫރިޒަމް ބްރޭންޑް ގެންގުޅެވިދާނެ، ނަމަވެސް ގައުމުގެ މުޅި ބްރޭންޑަށް އަސަރު ނުކުރާނެ ފަދަ ގޮތަކަށް ވަރަށް ސާފުކޮށް [ދެ ބްރޭންޑް] ވަކިކޮށް، ހަރުކަށި ސިޔާސަތެއް ގެންގުޅެން ޖެހޭނެ،" އަތުކޮރަލަ ވިދާޅުވިއެވެ.

ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން މިއީ އާ އިގުތިސާދީ ސްޓްރެޓެޖީތައް ޓެސްޓު ކުރަންވީ ވަގުތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ގައުމުގެ ދަރަނި 115 ޕަސެންޓުގައި އޮތްއިރު ފޮރިން ރިޒާވް ދަށްވެ، ބަޖެޓުން 12 ޕަސެންޓުގެ ޑެފިސިޓެއް ފާހަގަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ދުނިޔޭގެ މަޝްހޫރު އެތައް ބްރޭންޑަކަށް ގެއްލުން ލިބުނު ގޮތުގެ ދިރާސާތައް ހަދާފައިވާ ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމަކީ އެފަދަ ބްރޭންޑަކަށް ވިޔަނުދިނުމަށް، ގައުމުގެ ސިޔާސަތުތައް ކަނޑައަޅާ މީހުން މަސައްކަތް ކުރުމަށް އަތުކޮރަލަ ގޮވައިލެއްވިއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ މިސްރާބު މިހާރު ހުރީ މަތީ ފަންތީގެ ރިސޯޓުތަކުގެ ބަދަލުގައި އަގުހެޔޮ ގެސްޓްހައުސްތަކަށް ކަމަށް ވުމުން، އިގުތިސާދީ ކުރިއެރުން މަޑުޖެހޭނެ ކަމަށް ވޯލްޑްބޭންކްއިން ވެސް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން ރާއްޖޭގެ ފަތުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ވެސް މީގެ ކުރިން ވަނީ މިހާރު ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އިތުރުވި ނަމަވެސް އޭގެ ތެރެއިން ގިނަ ފަތުރުވެރިން ތިބެނީ ގެސްޓްހައުސްތަކުގައި ކަމަށްވެފައި، އެ މީހުން ރާއްޖޭގައި ތިބޭ މުއްދަތު ކުރުވުމުން އާމްދަނީ ލިބޭ މިންވަރު ދަށް ކަމަށް ބުނެފައެވެ.