02 Apr 2024, 21:37
ގެސްޓްހައުސްތައް ޕްރޮމޯޓްކުރަން ރާއްޖެއިން މިހާރު ބޭނުންކުރާ ސްޓްރެޓެޖީގެ ސަބަބުން ރާއްޖޭގެ ބްރޭންޑަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ހައްވާ ޝިއުނާ ޚާލިދު މިއަދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މާކެޓިން ދާއިރާގެ ބޭރުގެ މާހިރެއް ކަމަށްވާ ސްރީލަންކާގެ ތަޖުރިބާކާރު ޑރ. ރޮހަންތު އަތުކޮރަލަ ކަންބޮޑުވުން ފާޅުކުރެއްވުމުންނެވެ.
އޭނާ ވިދާޅުވެފައިވަނީ، ރާއްޖެއިން މިހާތަނަށް ދަމަހައްޓާފައިވާ ބްރޭންޑްގެ ފެންވަރު ދެމެހެއްޓުމަށް ގެސްޓްހައުސްޓަކަށް ޚާއްޞަ ގަވައިދުތައް މަދުކަމަށެވެ.
އޭގެ ސަބަބުން، ގެސްޓްހައުސްތައް ޕްރޮމޯޓްކުރާ ވަރަކަށް މަތީ ފަންތީގެ ފަތުރުވެރިން ރާއްޖެއާ މެދު ދެކޭ ގޮތް ބަދަލުވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ވާހަކައަށް ރައްދު ދެއްވައި، ޝިއުނާ ވިދާޅުވީ، ރާއްޖޭގެ ލަގްޒަރީ ރިސޯޓުތައް ޚާއްސަވެފައި އޮންނަނީ ލަގްޒަރީ ފަތުރުވެރިކަން ތަޖުރިބާ ކުރަން ރާއްޖެ އަންނަ ފަތުރުވެރިންނަށް ކަމަށެވެ.
ނަމަވެސް ކޮންމެ ފަތުރުވެރިއަކީ އެ ފަދަ ލަގްޒަރީ ބްރޭންޑުތައް ގަނެ، އެ ޚިދުމަތް ހޯދޭނެ ފަތުރުވެރިއަކަށް ނުވާއިރު، ގެސްޓު ހައުސްތަކަކީ އެ ފަދަ ފަތުރުވެރިންނަށް އެންމެ ކަމުދާނެ ފަހި ޚިދުމަތް ކަމަށް ޝިއުނާ ވިދާޅުވިއެވެ.
އެއީ ވަކި ދެ މާކެޓަކަށްވާއިރު ގެސްޓު ހައުސްތައް އެ ފަދަ ފަތުރުވެރިންގެ މެދުގައި ޕްރޮމޯޓުކުރުމަކީ، އެންމެ މަތީ ފަންތީގެ ޚިދުމަތް ހޯދާ ފަތުރުވެރިކަމާއެކު އެހެން ސެގްމަންޓުތަކުގެ ފަތުރުވެރިންގެ މެދުގައި ވެސް ރާއްޖެ މަގުބޫލުވާނެ ކަމެއް ކަމަށް އޭނާ ފަހަގަކުރައްވައެވެ.
އެގޮތުން ލަންޑަނާއި ޕެރިހާއި އެހެނިހެން ޕްރިމިއަމް މަންޒިލްތަކުގައި ވެސް އެފަދައިން ފަތުރުވެރިކަން އިޝްތިހާރުކުރާކަން ޝިއުނާ ފާހަގަކުރެއްވިއެވެ.
"އެހެންވީމަ ރާއްޖެ ވަކި ތަފާތުވާންވީ ކީއްވެ؟،" ރާއްޖޭގެ ޕްރިމިއަމް މަގާމު ދިފާއުކުރާތާ އެތައް އަހަރެއްވެފައިވާކަން ފާހަގަކުރައްވައި އޭނާ ސުވާލު އުފެއްދެވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ރަށްތަކުގައި ފަތުރުވެރިކަން ފުޅާކޮށް އާމްދަނީ ހޯދޭނެ ގޮތްތައް މަގުފަހިކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރުގައި ހިމެނޭ ކަމެއް ކަމަށް ޝިއުނާ ވިދާޅުވިއެވެ.
އެހެންވެ، އެމްއައިޓީޑީސީން އެ ތަސައްވުރު ހަގީގަތަށް ހެދުމަށް މަަސައްކަތްކޮށް، ލޯކަލް ޓޫރިޒަމް ހިންގާ ފަރާތްތަކަށް ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަތުކޮރަލަ ވިދާޅުވެފައިވަނީ ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން މިއީ އާ އިގުތިސާދީ ސްޓްރެޓެޖީތައް ޓެސްޓު ކުރަންވީ ވަގުތެއް ނޫން ކަމަށެވެ. އެގޮތުން ގައުމުގެ ދަރަނި 115 ޕަސެންޓުގައި އޮތްއިރު ފޮރިން ރިޒާވް ދަށްވެ، ބަޖެޓުން 12 ޕަސެންޓުގެ ޑެފިސިޓެއް ފާހަގަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ގައުމެއްގައި ދެ ޓޫރިޒަމް ބްރޭންޑް ގެންގުޅެވިދާނެ ކަމަށާއި ނަމަވެސް ގައުމުގެ މުޅި ބްރޭންޑަށް އޭގެ ސަބަބުން އަސަރު ނުކުރާނެ ފަދަ ގޮތަކަށް ވަރަށް ސާފުކޮށް ދެ ބްރޭންޑް ވަކިކޮށް، ހަރުކަށި ސިޔާސަތެއް ގެންގުޅެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަތުރުވެރިން އަގުހެޔޮ ގެސްޓުހައުސްތަށް އިހުތިޔާރު ކުރަން ފެށުމުން، އިގުތިސާދީ ކުރިއެރުމަށް ލަފާކުރި މިންވަރު ވޯލްޑު ބޭންކުން ވަނީ ދަށްކޮށްފައެވެ.