ޔޫރަޕްގެ ފާހަގަ ކޮށްލެވޭ ފުޓްބޯޅަ ލީގުތަކުގައި ކުޅެމުންދާ ގިނަ އަދަދެއްގެ މުސްލިމް ކުޅުންތެރިންނަށް މިހާރު ރޯދަ މަހު ރޯދަހިފުން ސިއްރުކޮށް އެކަމާ މެދު ކަންބޮޑުވެގެން އުޅުންވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެފައިވަނީ ޔޫރަޕްގެ ގިނަ ޤައުމުތަކުން ރޯދަމަހާއި އެ މަހު ކުޅުންތެރިން ރޯދަހިފުން ބަލައިގަތުން މިހާރު އިތުރު ވެފައިވުމެވެ.

ނަމަވެސް މިއީ އަބަދު އެކަން އޮތް ގޮތެއް ނޫނެވެ. 1997 ވަނަ އަހަރު ޕޯޗުގަލްގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ޓީމު ކަމަށްވާ އެފްސީ ޕޯޓޯއަށް ކުޅެމުންދިޔަ މޮރޮކޯގެ ކުޅުންތެރިއެއް ކަމަށްވާ ޔޫސުފް ޗިޕޯ އެންމެ ފުރަތަމަ އޭނާ ރޯދަ މަހު ރޯދަ ހިފާކަން ހާމަކޮށްފައެއް ނުވެއެވެ. އެންމެ ބޮޑު އެއް ސަބަބެއް ކަމުގައި އޭނާ ހާމަކުރީ އޭނާގެ ކުރިމަގަށް އަސަރެއް ކުރާނެ އެއްވެސް ކަމެއް ކުރަން ބޭނުން ނުވުމާއި އެހެން ކުޅުންތެރިން އޭނާ އާ ދޭތެރޭގައި ދެކޭނެގޮތެއް ނޭނގޭތީއެވެ.

ފިނިމޫސުމާއި ރޯދަމަސް ދިމާވިއިރު ކޮންމެ ދުވަހަކު ހެނދުނާއި މެންދުރުފަހު ވަރުގަދައަށް ޕްރެކްޓިސް އޮތް އިރު ރޯދައަށް ހުރެ އެ ފަރިތަކުރުންތަކުގައި ބައިވެރުވުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ބޮލަށް އެނބުރުން އެރުމާއި ބޮލުގައިރިހުންފަދަ ކަންތައްތަކާ ގަވައިދުން ކުރިމަތިލާން ޖެހުމެވެ. އެންމެ ފަހުން ކެތް ނުވެގެން އޭނާ ރޯދައަށް ހުންނަކަން ކްލަބަށް އެންގުމާއެކު ޕޯޓޯއިން ވަނީ ވަގުތުން އޭނާއަށް ދޭ ސަމާލުކަން އިތުރު ކޮށް ހާއްސަ ގޮތްތަކެއް ޗިޕޯއަށް ހަމަޖައްސާދީފައެވެ.

ނަމަވެސް މިއީ ގިނަ އަހަރު ތަކެއް ވަންދެން ޔޫރަޕްގައި ކަންހިނގަމުންގޮސްފައިވި ގޮތެއް ނޫނެވެ. މި ގޮތުން ކްލަބް ތަކާއި ލީގުތަކުން މުސްލިމް ކުޅުންތެރިން ރޯދައަށް ހުރެ ފަރިތަކުރުމާއި މެޗު ކުޅުމާ ގުޅޭގޮތުން ދެކެމުންއައި ގޮތް ވަރަށް ތަފާތެވެ. މި ގޮތުން ކުޅުންތެރިން މެޗު ކުޅޭއިރު ރޯދައަށް ނުހުރުމަށް ބާރު އެޅުމާއި ރޯދައަށް ހުންނަ ކުޅުންތެރިންނަށް ފާޑުކިޔުންފަދަ ކަންތައްތައް ވަނީ ކުރިން ހިނގާފައެވެ.

މި ކަންތައްތަކަށް ބަދަލު އައުމުގެ ސަބަބުތަކުގެ ތެރޭގައި ޔޫރަޕްގެ ފުޓްބޯޅައިގައި އަދި ކްލަބްތަކުގައި ފާހަގަ ކޮށްލެވޭ މޮޅެތި ކުޅުންތެރިންގެ ތެރޭގައި މުސްލިމުން ގިނަވާން ފެށުން ހިމެނެއެވެ. މިގޮތުން މިހާރަކަށް އައިސް ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ފާހަގަ ކޮށްލެވޭ ބައެއް ކުޅުންތެރިންނަކީ ގަވައިދުން ރޯދަ ހިފާ ކުޅުންތެރިންނެވެ. މިކަމުގެ ސަބަބުން ކްލަބް ތަކާއި ލީގުތަކުން މި ކުޅުންތެރިންގެ ގަބޫލް ކުރުންތަކާ އެއްގޮތަށް އުސޫލްތައް ބަދަލު ކުރަން ޖެހުނެވެ.

މިހާރު ޔޫރަޕްގެ ގިނަ ލީގުތަކުގައި ވާދަކުރަމުންދާ މުސްލިމް ކުޅުންތެރިންނަށް ހާއްސަ ކޮށްގެން ރޯދަމަހާ ދިމާކޮށް ނިއުޓްރިޝަން ޕްލޭންތައް ހަމަޖެއްސުމާއި ރޯދައަށް ހުރެގެން ފަރިތަކުރުންތައް ކުރިއަށް ގެންދެވޭގޮތަށް ފަރިތަކުރާ ގަޑިތަކަށް ބަދަލު ގެނައުމާއި އަދި މެޗުގެ ތެރޭގައި ރޯދަ ވީއްލާ ގަޑިއާ ދިމާވާ ހާލަތްތަކުގައި ރޯއްދަ ވީއްލަން ވަގުތު ކޮޅަކަށް މެޗު މެދު ކަނޑާލުންފަދަ ކަންތައްތައް އަންނަނީ ކުރަމުންނެވެ.

މި ބަދަލުތައް އައުމުގައި ޔޫރަޕްގެ އެންމެ ފާހަގަ ކޮށްލެވޭ އިންގްލިޝް ޕްރިމިއާ ލީގުފަދަ ބޮޑެތި ހޭދަކުރާ ލީގުތަކުގައި ދުނިޔޭގެ އެކިކަންކޮޅުތަކަށް ނިސްބަތްވާ ތަފާތު ދީންތަކުގެ ކުޅުންތެރިން ކުޅުން އިތުރުވެގެންދިއުން ބޮޑު ދައުރެއް އަދާކޮށްފައިވެއެވެ. އަދި ހަމައެއާއެކު ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ކްލަބްތަކުން ބޮޑު ހޭދައެއް ކޮށްގެން ގެންގޮސްފައިވާ ކުޅުންތެރިންގެ ތެރޭގައި މުސްލިމް ކުޅުންތެރިންވެސް ގިނަ އަދަދަކަށް ހިމެނުން އެއީ ވެސް ސަބަބެކެވެ. އަދި މިދެންނެވި ފާހަގަ ކޮށްލެވޭ ގިނަ ކުޅުންތެރިންނަކީ ކުރީގެ ކުޅުންތެރިންނާ ހިލާފަށް އެ ކުޅުންތެރިން ބޭނުންވާ ކަންތައްތައް ކޮށްދިނުމަށް ކްލަބްތަކުގައި އެދެން ކެރޭ ކުޅުންތެރިންނެވެ.

މީގެ ދެ ސީޒަނެއް ކުރިން ޕްރިމިއާ ލީގުގެ ލިވަޕޫލަށް ކުޅެމުން ދިޔަ ސާޑިއޯ މާނޭ ވަނީ ރޯދަމަހު އެ ކްލަބްގެ ފަރިތަކުރުން ބާއްވާ ގަޑި ބަދަލުކޮށްދިނުމަށް ކޯޗު ޔާގަން ކްލަޕް އާއި ކްލަބްގެ ކެޕްޓަން ކައިރީ އެދިފައެވެ. އަދި އެއާއެކު ކްލޮޕް ވަނީ އެ ޓީމުގައި ހިމެނޭ މުސްލިމް ކުޅުންތެރިން އެދުނުގޮތަށް ރޯދަ މަހު ފަރިތަކުރުން ބާއްވާ ގަޑިއަށް ބަދަލު ގެނެސްދީފައެވެ.

އާސެނަލްއަށް ކުޅެމުންދާ މިސްރުގެ ކުޅުންތެރިއެއް ކަމަށްވާ މުހަންމަދު އެލްނެނީ ހާމަކުރިގޮތުގައި އާސެނަލްގައި ތިބި މުސްލިމް ތިން ކުޅުންތެރިން ރޯދަ ހިފުމުގެ ކައްތަކަކީ އެ ކްލަބުން ވަރަށް ސަމާލުކަން ދޭ ކަމެކެވެ. މި ގޮތުން ރޯދަ މަސް ފެށުމުގެ ދެ ހަފުތާކުރިން އެ ކުޅުންތެރިން އެކަމަށް ތައްޔާރު ކުރުމުގެ މަސައްކަތް ކްލަބުގެ ސްޓާފުން ފަށައެވެ. އަދި މިކަން މުޅި ރޯދަމަހު ކްލަބުން ކުރިއަށް ގެންދާކަމަށް އެލްނެނީ ހާމަކުރިއެވެ.

ޕްރިމިއާ ލީގުގެ އެހެން ކްލަބްތަކާ ޔޫރަޕްގެ އެހެން ބައެއް ލީގުތަކުގެ ކްލަބްތަކުންވެސް އަންނަނީ މި ކަންތައްތައް މިގޮތަށް މިހާރު ކުރަމުންނެވެ. މީގެ އިތުރުން އިނގިރޭސިވިލާތާއި ނެދަލަންޑްސްގެ ލީގުތަކުގައި މިހާރު ވަނީ ރޯދަ ވަގުތު ކޮޅުގެ ގޮތުގައި ރޯދަވީއްލުމަށް ފުރުސަތު ދިނުމުގެ ގޮތުން ވަގުތު ކޮޅަކަށް މެޗު މެދު ކަނޑާލާ ގަވައިދެއް ތައާރަފް ކޮށްފައެވެ. އަދި ޖަރުމަނުވިލާތުގައިވެސް މެޗުގެ ތެރެއިން ރޯދަ ވީއްލާ ވަގުތު ޖެހުމުން ކުޅުން މެދުކަނޑާލުމުގެ ހުއްދަ ދީފައެވެ.

މިހެން ދެންނެވި ކަމުގައިވީ ނަމަވެސް މީގެ ތެރޭގައި ޔޫރަޕްގެ ހުރިހާ ޤައުމުތަކެއް ބައިވެރިއެއް ނުވެއެވެ. މިގޮތުން ފަރަންސޭސި ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ރޯދަވީއްލުމަށް ފުރުސަތު ދިނުމުގެ ގޮތުން މެޗު މެދުކަނޑާ ނުލެވޭގޮތަށް އުސޫލެއް ތައާރަފް ކޮށްފައެވެ. އެ ފެޑެރޭޝަންގެ ޓީމުތަކުގެ ފަރިތަކުރުންތަކުގައި ރޯދައަށް ހުރެ ބައިވެރިވުން ވަނީ މަނާވެސް ކޮށްފައެވެ. މިކަމާ ގުޅިގެން އެއް ކުޅުންތެރިއެއް ވަނީ ޤައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިނުވެ އެނބުރި ގޮސްފައެވެ.

ފަރަންސޭސިވިލާތުގައި މިކަން މިހެން އޮތް ނަމަވެސް ޔޫރަޕްގެ އެހެން ގިނަ ލީގުތަކުގައި މިކަމަށް އަންނަނީ ރަނގަޅު ބަދަލުތަކެއް ގެންނަމުންނެވެ.

އެންމެ ފުރަތަމަ ރޭވިގެން ރޯދަ ވީއްލުމަށް ވަގުތުކޮޅެއް ދީފައިވަނީ މީގެ ތިން އަހަރު ކުރިން ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް އާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗެއްގައެވެ. އެ މެޗު ފެށުމުގެ ކުރިން ދެ ކްލަބްގެ މެޑިކަލް ސްޓާފުން ވަނީ ރެފްރީ އާ ބައްދަލުކޮށް އެކަން ކުރާނެ ގޮތް މަޝްވަރާ ކޮށްފައެވެ.

މި ގޮތުން ރޯދަ ވިއްލާ ވަގުތު ޖެހުމުން ޕެލަސްގެ ކީޕަރު އަނިޔާ ވެގެންކަމަށް ހަދާ ބޯޅަ ބޭރަށް ޖަހައެވެ. މެޗު ހިނގަމުންދިޔަ ގޮތުން ބަލާ މީހުންނަށް ވަމުންދާ ގޮތެއް އެއްވެސް ވަރަކަށް އެނގުމަކާ ނުލާ ރޯދަ ވީއްލުމުގެ ފުރުސަތު މުސްލިމް ކުޅުންތެރިންނަށް ލިބިގެންދިޔައެވެ. މިކަން އެންމެންނަށް އެނގިގެންދިޔައީ ޖެހިގެން އައި ދުވަހު އެ މެޗުގައި ކުޅުނު މުސްލިމް ކުޅުންތެރިން ކީޕަރަށާއި ލީގާއި ދެ ޓީމަށް ޝުކުރު އަދާ ކުރުމުންނެވެ.