އިންގްލިޝް ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ވެސްޓަން ވިލާ ބައްދަލުކުރި މެޗު ސިޓީއިން ކާމިޔާބު ކޮށްފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ހަތަރު ލަނޑު އެއް ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ.

މި މެޗަށް ސިޓީއިން ނެރުނު ޓީމުގައި އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އާލިން ހާލަންޑާއި ކެވިން ޑި ބްރުއިނާ ހިމަނާފައެއް ނުވެއެވެ.

އަދި ވިލާއަށް ބަލައިލާއިރު އެ ޓީމުގެ ތަޖްރިބާކާރު ކީޕާ އެމިލިއާނޯ މާޓިނޭޒް ފަހުވަގުތު ބަލިވުމާއި ގުޅިގެން ޓީމުގައި ހިމަނާފައެއް ނުވެއެވެ. މި މެޗުގެ ފުރަތަަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނަގައިފާވަނީ މެޗުގެ 11ވަނަ މިނެޓުގައި ސިޓީއިންނެވެ.

މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރޮޑްރީއެވެ. ނަމަވެސް މި ލަނޑު ޖެހިތާ ނުވަ މިނެޓު ފަހުން ވިލާއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ވިލާއިން އުފެއްދި ކައުންޓާ އެޓޭކެއްގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖޯން ޑުރާންއެވެ.

މި މެޗުގައި ސިޓީއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ފިލް ފޯޑެންއެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖެހި މިލަނޑު ފޯޑެން ކާމިޔާބު ކޮށްފައިވަނީ ހިލޭ ޖެހުމަކުންނެވެ.

ސިޓީގެ ތިންވަނަ ލަނޑު މެޗުގެ 62ވަނަ މިނެޓުގައި ފޯޑެން ޖަހައިދިން އިރު އޭނާވަނީ މެޗުގެ 69ވަނަ މިނެޓުގައި މި މެޗުގައި އޭނާ ކާމިޔާބު ކުރި ތިންވަނަ ލަނޑާއި އެކު ހެޓްރިކް ހަދައިފައެވެ.

މި ހެޓްރިކާއެކު ފޯޑެން މިހާރުވަނީ މިސީޒަންގައި ކާމިޔާބު ކުރި ލަނޑުގެ އަދަދު 21 އަށް އަރުވާފައެވެ.

މި މެޗުގައި މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ސިޓީއަށް ލިބިގެންދިޔައެވެ. އަދި ވިލާއަށް ވެސް ލަނޑު ޖަހާނެ ދެ ތިން ފުރުސަތެއް ތަނަވަސް ވެގެން ދިޔަކަން ފާހަގަވިއެވެ.

މިކާމިޔާބީއާއެކު ސިޓީ މިހާރު އުޅެނީ 30 މެޗުން ލިބިފައިވާ 67 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. އެއީ ދެވަނައިގާ އުޅޭ ލިވަޕޫލާއި އެއްވަރަށް ޕޮއިންޓް ލިބުނު ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ލިވަޕޫލަށް ވުރެ މަދުވާތީއެވެ.

އަދި މިމެޗުން ބަލިވުމުން ވިލާ މިހާރު އުޅެނީ 31 މެޗުން ލިބިފައިވާ 59 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ.