އެމްޑީޕީ އުފެދިގެން އައީ ޑީމޮކްރަސީގެ ރޫހުގެ ތެރެއިން ކަމަށާއި، ޑިމޮކްރަސީގެ ޗެމްޕިއަންގެ ގޮތުގައި އެމްޑީޕީ ދެމި އޮންނާނެ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އިންޓަނޭޝަނަލް ޑިމޮކްރަސީ ޔޫނިއަން ފޯރަމް 2024ގައި ވާޗުއަލްކޮށް ބައިވެރިވެ ވަޑައިގެން ދެއްވި މެސެޖެއްގައެވެ.

ޝާހިދު ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިޚާބުތަކަކީ ޑިމޮކްރަސީގެ އަސާސް ކަމަށާއި، އެއީ ގައުމުގެ ކުރިމަގާ ގުޅިގެން ރައްޔިތުންގެ ހިޔާލާއި ޝުއޫރުތައް ފާޅުކުރުމުގެ އެންމެ ސާފު ގޮތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބުތަކާ ނުލައި ޑިމޮކްރަސީގެ މާނައެއް ނޯންނާނެއެވެ.

އެމްޑީޕީން މަސައްކަތްކުރަނީ އެ ޕާޓީގެ ބުރަ މަސައްކަތުން ވުޖޫދުކުރި އާ ގާނޫނު އަސާސީއާއެކު، ރައްޔިތުންނަށް އޭގެ ކުރިން ލިބިފައިނެތް އިންސާފުވެރި އިންތިޚާބުތަކާއި މިނިވަންކަމުގެ ހައްގުތައް ދެމެހެއްޓުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އޭގެ ފަހުން ޑިމޮކްރަސީގެ މަގުގައި ކުރިއަށް އެޅި ކޮންމެ ފިޔަވަޅަކަށް، އެތައް ފިޔަވަޅެއް ފަހަތަށް އަޅަންޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޑިމޮކްރަސީ ދެމެހެއްޓުމުގެ މަސައްކަތުގައި އެމްޑީޕީން ދެމިތިބޭނެ ކަމަށް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ދުނިޔޭގައި ޚުދުމުޚުތާރު ސިފަތައް އަށަގަނެ، ޑިމޮކްރެސީ ފޮހެވިގެންދާތަން ފެންނަ ކަމަށެވެ. އެ ގޮތުން ޑިމޮކްރަސީގެ އެންމެ ވަރުގަދަ އަސާސްތަކުގެ މަތީގައި ހިފައިގެން ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

މިނިވަންކަމާއި ޑިމޮކްރަސީއަކީ އަދިވެސް ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށާއި، އެއީ ކޮންމެ ރައްޔިތެއްގެ ވެސް ކަރާމާތާއި ހައްގުތައް ލިޔުމުންނާއި، އަމަލީ ގޮތުން ވެސް ރައްކާތެރިކޮށްދޭ ހަމައެކަނި ނިޒާމު ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެއީ ރައްޔިތުންގެ ބައިވެރިވުމާ އެކު ދެމެހެއްޓެނިވި ތަރައްގީ ގެނެސްދޭނެ ހަމައެކަނި ނިޒާމު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.