05 Apr 2024, 11:10
އިންގްލިޝް ޕްރިމިއާ ލީގުގައި ލިވަޕޫލާއި ޝެފީލްޑް ޔުނައިޓެޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް ލިވަޕޫލް އަރައިފިއެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ ލިވަޕޫލުންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ފޯވަޑް ޑާވިން ނޫނޭޒްއެވެ.
މިލަނޑަކީ ޝެފީލްޑްގެ ކީޕަރު ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު ބޯޅަ ޖަހަން އުޅުމުގެ ތެރޭގައި ނޫނޭޒްގެ ގައިގައި ޖެހިފައި ގޯލަށް ވަން ބޯޅައެކެވެ. މިމެޗު ބޮޑުބައި ލިވަޕޫލުން ކޮންޓްރޯލް ކުރި ނަމަވެސް މިމެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. ނަމަވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް މިހާފުގައިވެސް ލިބިފައިވެއެވެ.
މިމެޗުގައި ދެން ފެނިގެންދިޔައީ މެޗުގެ 58 ވަނަ މިނެޓުގައި ޝެފީލްޑްއިން ލަނޑެއް ޖަހާ ލިވަޕޫލް ސިއްސުވާލި ތަނެވެ. ގުސްޓާވޯ ހެމާ ބޮލުން ފޮނުވާލި ހަމަލާ ލިވަޕޫލްގެ ގޯލަށް ވަދެފައިވަނީ އެޓީމުގެ ކޯނޯ ބްރެޑްލީ ގައިގައި ޖެހިފައި ބައިކޮޅަށެވެ. މިމެޗުގައި ލިވަޕޫލުން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 76 ވަނަ މިނެޓުގައި އެލެކްސިސް މެކްއެލިސްޓާ ޖަހައިދިން ލަނޑުންނެވެ. އަދި އެޓީމުގެ ފަހު ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ޖަހައިދިނީ ކޯޑީ ގަކްޕޯއެވެ.
މިނަތީޖާ އާއެކު ލިވަޕޫލް މިހާރު އަނެއްކާ މިވަނީ އިންގްލިޝް ޕްރިމިއާ ލީގުގެ ތާވަލްގެ އެއްވަނައަށް އަރައިފައެވެ. އެއީ ކުޅުނު 30 މެޗުން ލިިބިފައިވާ 70 ޕޮއިންޓާއެކުއެވެ. މިއީ ދެވަނައިގާ އުޅޭ އާސެނަލްއަށް ވުރެ ދެ ޕޮއިންޓް އިތުރު އަދަދެކެވެ.
މިއާއެކު އެޓީމަށް ބާކީ އޮތް އަށް މެޗު ކާމިޔާބު ކުރެވިއްޖެނަމަ ލީގު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ލިބޭނެއެވެ. މިމެޗުން ބަލިވުމުން ޝެފީލްޑް އުޅެނީ 15 ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ.