އިންގްލިޝް ޕްރިމިއާ ލީގުގައި ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު ޗެލްސީއިން ކާމިޔާބު ކޮށްފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ އެންމެ ފަހު ވަގުތު އެޓީމުން ކާމިޔާބު ކުރި ދެ ލަނޑާއެކު ހަތަރު ލަނޑު ތިން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ.

މިމެޗުގެ ފެށުން ރަނގަޅުވީ ޗެލްސީގެއެވެ. މިގޮތުން މެޗުގެ ހަތަރުވަނަ މިނެޓުގައި ޗެލްސީގެ ކެޕްޓަން ކޯނޯ ގެލެގާވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު އެޓީމަށް ނަގައިދީފައެވެ. އަދި މެޗުގެ 19 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ޗެލްސީވަނީ އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބު ކޮށްދިނީ މިސީޒަންގައި ޗެލްސީއަށް މޮޅު ކުޅުމެއް ދައްކައި މުހިންމު ލަނޑު ތަކެއް ޖަހައިދެމުންދާ ކޯލް ޕާމާއެވެ. ނަމަވެސް މިލަނޑާއެކު ދެން ފެނުނީ މަޑުމަޑުން ޔުނައިޓެޑުން އެޓީމުގެ ކުޅުން ރަނގަޅުކޮށް ޗެލްސީއަށް ނުރައްކާކުރުން އިތުރު ކުރި މަންޒަރެވެ.

ނަތީޖާއަކަށްވީ މެޗުގެ 34 ވަނަ މިނެޓުގައި ޔުނައިޓެޑުން ފުރަތަމަ ލަނޑު ޖަހައި ދެޓީމުގެ ދެމެދުގައިވާ ފަރަގު އެއް ލަނޑަށް ބަދަލުކުރުމެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އަލެހެންޑްރޯ ގެނާޗޯއެވެ. އަދި މިލަނޑު ޖެހިތާ ފަސް މިނެޓު ފަހުން ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިއާއެކު މެޗުގެ ފޯރި އިތުރަށް ގަދަވިއެވެ.

މިމެޗުގެ ދެވަނަ ހާފުގައިވެސް މިދެޓީމުގެ ފަރާތުން ފެނުނީ ހަމަލާއަށް އިސްކަން ދީގެން ކުޅެމުންދިޔަ ތަނެވެ. މެޗުގެ ލީޑު ނެގުމަށް ދެޓީމުން ކުރަމުންދިޔަ މަސައްކަތް މެޗުގެ 67 ވަނަ މިނެޓުގައި ކާމިޔާބުވީ ޔުނައިޓެޑަށެވެ. މިލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ގެނާޗޯއެވެ.

ޗެލްސީއިން އިތުރު ލަނޑެއް ޖަހަން މަސައްކަތް ކުރި ނަމަވެސް އެޓީމުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބު ވާ ގޮތްނުވެ މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތު ދެއްކުމާއެކު މިމެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފާނެކަމަށް ގިނަ ބަޔަކަށް ގަބޫލް ކުރެވެން ފެށިއެވެ. އަދި ޗެލްސީގެ ސަޕޯޓަރުން މިމެޗުގައި ޗެލްސީއިން ލަނޑެއް ޖަހައި މެޗު އެއްވަރު ކުރުމަށް އެދެމުން ދިޔަ ނަމަވެސް މިމެޗުން އެޓީމު މޮޅުވެދާނެކަމަށް އެވަގުތު ޗެލްސީގެ ސަޕޯޓަރުންވެސް ގަބޫލެއް ނުކުރާނެއެވެ.

ނަމަވެސް މެޗުގެ އޮއެވަރު އަނެއްކާ ޗެލްސީކޮޅަށް ބަދަލުވީ މެޗުގެ އިތުރު ވަގުތުގެ 10 ވަނަ މިނެޓުގައި ޗެލްސީއަށް ދެވަނަ ޕެނަލްޓީ ލިބުމުންނެވެ. މިޕެނަލްޓީ ކާމިޔާބު ކޮށްދިނީ ފުރަތަމަ ޕެނަލްޓީވެސް ކާމިޔާބު ކޮށްދިން ޕާމާއެވެ. އަދި ޖެހިގެން އައި މިނެޓުގައި ޗެލްސީއަށް ލިބުނު ކޯނަރަކުން އެޓީމު މޮޅުކޮށްދިން ލަނޑު ކާމިޔާބު ކޮށްދީ މިމެޗުގައި ޕާމާ ހެޓްރިކް ކާމިޔާބު ކުރިއެވެ. މިއީ އޭނާގެ ކެރިއަރުގެ ފުރަތަމަ ހެޓްރިކެވެ.

މިކާމިޔާބީއާއެކު ޗެލްސީ މިހާރު އުޅެނީ 29 މެޗުން ލިބިފައިވާ 43 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ. އަދި ޔުނައިޓެޑް އުޅެނީ 48 ޕޮއިންޓާއެކު ތާވަލްގެ ހަ ވަނައިގައެވެ.