05 Apr 2024, 13:35
މުސްލިމަކު ހެޔޮ އަމަލެއް ކުރުމަށް ފަހު އެންމެ މުހިންމު ކަމަކީ އެ އަމަލެއް ގަބޫލު ކުރައްވާތޯ ދެންނެވުމާއި އެ އަމަލު ކުރުންމަތީ ދެމިހުރުމުގެ ތައުފީޤަށް އެދި ދުޢާ ދެންނެވުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ރަމަޟާން މަހަށްފަހު ހެޔޮ އަމަލު ކުރުން މަތީ ދެމިތިބުމުގެ މައްޗަށް މިއަދުކީ ޚުތުބާގައި ބުނީ، ރަމަޟާން މަސް ވަކިވަނީ ޝައްވާލް މަހުގެ ހަ ރޯދައަށް މަގު ފަހިކޮށްދީފައި ކަމަށެވެ. އަދި ޝައްވާލް މަހުގެ ހަ ދުވަހު ރޯދަ ހިފި މީހާ މުޅި އަހަރު ރޯދަ ހިފުމާ އެއްވަރު ކަމަށާއި އެހެންކަމުން ޝައްވާލް މަހުގެ ރޯދައަށް ރައްކާތެރިވެ، ހެޔޮ އަމަލު ކުރުންމަތީ ދެމި ތިބުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރި ވެފައެވެ. ޚުތުބާގައި ބުނީ، ހެޔޮ އަމަލުތަކަކީ ނުބައި އަމަލުތަކުގެ ކައްފާރާ ކަމަށެވެ.
ޚުތުބާގައި ވަނީ، ގަވާއިދުން ފަސް ނަމާދު އަދާކުރެވުނު ނަމަ އެ ނަމާދުތައް ރޯދައިގެ ފަހުން ވެސް ދަމަހައްޓަން ހިތްވަރު ދީފައެވެ. އަދި ކޮންމެ ދުވަހަކު ގުރުއާނުގެ ޞަފްހާއެއް ނަމަވެސް ކިޔެވޭތޯ ބެލުމަށް ވަނީ ނަސޭހަތްތެރި ވެފައެވެ.
"މުސްލިމް އަޚުންނޭވެ! ހެޔޮއަމަލު ކުރުމުގައި ހީވާގިވާށެވެ! ކިތަންމެ މަދުން ކުރެވުނަސް ހުއްޓާ ނުލާށެވެ! އެއީ ނަބަވީ މަންހަޖެވެ! ރަސޫލާ ހަދީޘް ކުރައްވާފައި ވެއެވެ، މާތް ﷲގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ ކިތަންމެ މަދުން ނަމަވެސް އެ އަމަލެއް ކުރުމުގައި ދެމިހުންނަ އަމަލެވެ،" ޚުތުބާގައި ބުންޏެވެ.
ކުރިން ކުރެވިފައިވާ އަމަލުތަކަކީ ގިނަގުނަ އަމަލަތެއް ކަމުގައި ނުދެކުމަށް އެދި ޚުތުބާގައި ބުނީ އެއީ ކުރެވުނު ހެޔޮ އަމަލުތަކަށްޓަކައި ބޮޑާވުން ކަމަށެވެ. އަދި އެއީ މާގިނަ އަމަލުތަކެއް ކަމުގައި ދެކޭނަމަ އެ އަމަލުތައް ބާތިލްވެދާނެ ކަމަށް ޚުތުބާގައި ބުންޏެވެ.
"މުސްލިމް އަޚުންނޭވެ! އަހަރެމެންނަށް ހެޔޮކަމެއް ކުރެވުމުން އެކަމާ ބޮޑާ ނުވެ، އެ ހެޔޮކަމެއް ކުރުން މަތީ ދެމިތިބެން ޖެހެއެވެ. ކުރެވުނު އަމަލުގެ ގިނަކަމުން، ސުވަރުގެ ޔަގީންވީކަމަށް އަހަރެމެން ދެކިގެން ނުވާނެއެވެ،" ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ވަނީ މުސްލިމުންގެ ފަހު މަންޒިލަކީ ކޮބައިކަން ހަނދާން ކުރުމަށް ގޮވާލާފައެވެ. އަދި އެތަނުގެ ނިއުމަތްތަކުގެ ހަނދާން އާކޮށްދީފައެވެ.
"ސުވަރުގޭގައި އަށް ދޮރުކޮޅު ވެއެވެ. އޭގެތެރެއިން އައްރައްޔާނޭ ކިޔުނު ދޮރުކޮޅުން ވަންނަހުށީ ހަމައެކަނި ރޯދަވެރީންނެވެ. ސުވަރުގޭގެ ހަޔާތަކީ އަބަދީ ހަޔާތެކެވެ،" ޚުތުބާގައި ބުންޏެވެ.