ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެން މީހާގެ ރެކޯޑު އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ 111 އަހަރުގެ ޖޯން އަލްފްރެޑް ޓިނިސްވުޑަށް ލިބިއްޖެއެވެ.

ގިނިސް ވޯލްޑް ރެކޯޑު ފޮތަށް އެންމެ ދުވަސްވީ ފިރިހެންމީހާގެ ގޮތުގައި ޓިނިސްވުޑްގެ ނަން އެރިއިރު، މިއަދާހަމައަށް އޭނާގެ އުމުރަކީ 111 އަހަރާއި 223 ދުވަހެވެ. ޓިނިސްވުޑް އުފަންވީ މަޝްހޫރު "ޓައިޓޭނިކް" ފެތުނު އަހަރު ކަމަށްވާ 1912 ވަނަ އަހަރުގެ އޮގަސްޓް 26 ގައި ލިވަޕޫލަށެވެ.

ރަނގަޅު ސިއްހަތެއްގައި ހުރި ޓިނިސްވުޑް ބުނީ އޭނާއަކީ އެންމެ ޒުވާން ދުވަސްވަރުވެސް އަބަދުވެސް ހިނގައި މީހެއް ކަމަށެވެ. އަދި ކެއުމުގައި މެދުމިނެއް ގެންގުޅޭ ކަމަށާއި ކޮންމެ ހުކުރު ދުވަހަކު ފިޝް އެންޑް ޗިޕްސް ކެއުމަކީ އޭނާ ވަރަށް ލޯބިކުރާ ކަމެއް ކަމަށް ޓިނިސްވުޑް ބުންޏެވެ.

ޓިނިސްވުޑް ބުނި ގޮތުގައި އުމުރުން އެހާ ދުވަސްވީ އިރު އޭނާގެ އެންމެ ބޮޑު ނަސީބަކީ އަމިއްލަ ކަންކަން އަމިއްލަ ކުރެވޭ ފަދަ ސިއްތެއްގައި ހުރުމެވެ. އަދި އެއަށް ވުރެ ބޮޑު އުފަލެއް ނެތް ކަމަށް ބުންޏެވެ. އާންމުކޮށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަނީ އަމިއްލައަށް ކަމަށް އޭނާ ބުންޏެވެ. އޭނާއާއި އޭނާގެ އަންހެނުންނާ ދިމާވީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައެވެ. އެ ދެމީހުން ކައިވެނި ކުރީ 1942 ވަނަ އަހަރުއެވެ.

އަލްފްރެޑަށް އެންމެ ދުވަސްވީ މީހާގެ ރެކޯޑް ލިބުނީ ކުރިން އެ ރެކޯޑް އޮތް ވެނެޒުއާލާގެ ޖުއާން ވިސެންޓޭ ޕެރޭޒް މި މަހުގެ ތިނެއްގައި މަރުވުމާ ގުޅިގެންނެވެ. އޭނާ މަރުވިއިރު، އުމުރަކީ 114 އަހަރެވެ.

މިހާރު އެންމެ ދުވަސްވީ އަންހެނަކީ އެމެރިކާގެ ރަށްވެހިކަން ވެސް އޮންނަ ސްޕެއިންގެ މަރާޔާ ބްރަނިއާސް މޮރޭރާއެވެ. މިދިޔަ އަހަރު އެ ރެކޯޑް ލިބުނުއިރު، މޮރޭރާއަށް މިހާރު 117 އަހަރެވެ.