އިންގްލިޝް ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ސިޓީއިން ކާމިޔާބު ކޮށްފިއެވެ.

ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީއިން ކާމިޔާބު ކޮށްފައިވަނީ ހަތަރު ލަނޑު ދެ ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. ނަމަވެސް މި މެޗުގެ ފެށުން ރަނގަޅުވީ ޕެލަސްގެއެވެ. މި ގޮތުން މެޗުގެ ހަތަރު ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި އެ ޓީމުން ވަނީ ލަނޑެއް ޖަހާ ސިޓީ ސިއްސުވާލާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖޮން ފިލީޕޭ މަޓޭޓާއެވެ. ނަމަވެސް ޕެލަސްއަށް މިލީޑު ދެމެހެއްޓޭގޮތްވީ ނުވަ މިނެޓް ވަންދެނެވެ.

މެޗުގެ 13 ވަނަ މިނެޓުގައި ސިޓީއަށް މި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖަހައިދިނީ މި މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުންދިޔަ ކެވިން ޑި ބްރުއިނާއެވެ. މި ލަނޑާއެކު ސިޓީއިން މެޗުގެ ކޮންޓްރޯލް އަތުލި ނަމަވެސް ފުރަތަމަ ހާފުގައި ޕެލަސްގެ ޑިފެންސް އިތުރަށް ފޫއަޅުވާލުމުގައި ސިޓީއަށް މާބޮޑު ކާމިޔާބީއެއް ލިބޭގޮތެއް ނުވިއެވެ.

ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފު ސިޓީއިން ފެށި އިތުރު ހިތްވަރަކާއެކުއެވެ. ނަތީޖާއަކަށް ވެގެންދިޔައީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެ ވަނަ މިނެޓުގައި ސިޓީއިން ލަނޑެއް ޖަހައި މެޗުގެ ލީޑު ނެގުމެވެ.

މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރީކޯ ލުވިސްއެވެ. މި މެޗުގައި ސިޓީއިން ކާމިޔާބު ކުރި ތިންވަނަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އާލިން ހާލަންޑްއެވެ. އަދި ފަހު ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ޖަހައިދިނީ އެ ޓީމަށް ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ޑި ބްރުއިނާއެވެ. މި ލަނޑު ވެގެންދިޔައީ އޭނާ ސިޓީއަށް ކާމިޔާބު ކޮށްދިން 100 ވަނަ ލަނޑަށެވެ.

މި މެޗުގައި ޕެލަސްއިން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ އޮޑްސޯން އެޑުއާޑްއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ޑި ބްރުއިނާ މިމެޗުގައި 100 ލަނޑު ހަމަކޮށްފައިވާތީ އެކަން ފާހަގަ ކޮށް ޑި ބްރުއިނާ ސިޓީއަށް މިވީ އަހަރުތަކުގެ ތެރޭގައި ކުޅެދީފައިވާ މޮޅު ކުޅުން ފާހަގަ ކޮށްފައެވެ. އަދި އޭނާއަށް މުހިންމީ ލަނޑު ޖެހުންކަމެއް ނުވަތަ ލަނޑު ޖެހުމަށް އެހީތެރިވެދިނުން ކަމެއް ބުނެދޭން ޕެޕްއަށްވެސް ނޭނގޭ ކަމަށް ބުންޏެވެ.

މިކާމިޔާބީއާއެކު ސިޓީ މިހާރު އުޅެނީ 31 މެޗުން ލިބިފައިވާ 70 ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައިގައެވެ. ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބު ކުރަމުންދާ މަސައްކަތުގައި ސިޓީއިން ވާދަވެރި ލިވަޕޫލާއި އާސެނަލްއަށްވެސް ދޫނުދޭނެކަން އެ ޓީމުން އަންނަނީ އެ ޓީމުން ނެރެމުންދާ ނަތީޖާ ތަކުން ދައްކަމުންނެވެ. ނަމަވެސް މި ވަގުތު ލިވަޕޫލާއި އާސެނަލްވެސް އުޅެނީ ސިޓީއަށް ވުރެ ފައިދާ ގޯލާއި އެއް ޕޮއިންޓްގެ ތަފާތުން ކުރީގައެވެ.

މި ވަގުތު ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އެންމެ ބޮޑަށް އޮތީ ލިވަޕޫލަށެވެ. އެއީ އެ ޓީމުން ބާކީ އޮތް އަށް މެޗު ކާމިޔާބު ކޮށްގެން އަމިއްލަ ބާރުގައި ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ލިބިފައިވުމެވެ. މިމެޗުން ޕެލަސް ބަލިވުމުން އެ ޓީމު އުޅެނީ 30 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.