އިޓާލިއަން ސެރީއާގައި ތާވަލްގެ އެއްވަނައިގާ އުޅޭ އިންޓާ މިލާން އާއި އުދިނޭސީ ބައްދަލުކުރި މެޗު އިންޓާއިން ކާމިޔާބު ކޮށް ތާވަލްގެ އެއްވަނައިގާ 14 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

އުދިނޭސީގެ ދަނޑުގައި ކުޅުނު މިމެޗު އިންޓާއިން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ ދެ ލަނޑު އެއް ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންޓާއިންނެވެ.

ނަމަވެސް މިއާއެކު ވެސް އިންޓާއަށް އުދިނޭސީގެ ޑިފެންސް ފޫއަޅުވާލުމުގައި ގިނަ ދަތިތަކަކާއި މުޅި މެޗުގައި ވެސް ކުރިމަތިވިއެވެ. މިގޮތުން ފުރަތަމަ ހާފުގައި އިންޓާއަށް އެ ޓީމުން އުފެއްދި އެއްވެސް ހަމަލާއެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 40 ވަނަ މިނެޓުގައި އިންޓާގެ ކީޕާ ޔާން ސޮމާ އާއި ޑިފެންދާ ޑެންޒެލް ޑަމްފްރީސްގެ މެދުގައި އެރި އޮޅުމެއްގެ ފައިދާ ނަގާ އުދިނޭސީއިން މެޗުގެ ލީޑު ނެގުމެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލަޒާ ސަމާޑްޒިޗްއެވެ.

މި މެޗުގެ ދެވަނަ ހާފުގައި އިންޓާއިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 55 ވަނަ މިނެޓުގައި އުދިނޭސީގެ ކީޕާ މަޑޫކާ އޮކޯޔޭ އިންޓާގެ ފޯވަޑް މާކަސް ތުރާމްއަށް ކުރި ފައުލާއި ގުޅިގެން ލިބުނު ޕެނަލްޓީ އަކުންނެވެ.

މި ޕެނަލްޓީ ކާމިޔާބު ކޮށްދީ އިންޓާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ހަކާން ޗަލަނޮގްލޫއެވެ. މި މެޗުގެ ދެވަނަ ހާފު ފެށުނު ތަނާ އިންޓާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނު ކަމަށް ހީކުރެވުނު ނަމަވެސް ކާލޯސް އަގުސްޓޯ ކާމިޔާބު ކުރި ލަނޑު ވަނީ އޮފްސައިޑް ވުމުގެ ސަބަބުން ބަލައިނުގެންފައެވެ.

މިމެޗުން އިންޓާ މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިޔާ ޑެވިޑޭ ފްރަޓޭސީއެވެ.

މިކާމިޔާބީއާއެކު އިންޓާ މިހާރު އުޅެނީ ކުޅުނު 31 މެޗުން ލިބިފައިވާ 82 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގާ 16 ޕޮއިންޓް ލީޑަކާއެކުއެވެ. ދެވަނައިގާ އުޅޭ އޭސީ މިލާން އަށް ލިބިފައިވަނީ 68 ޕޮއިންޓެވެ. މި މެޗުން ބަލިވުމުން އުދިނޭސީ އުޅެނީ 28 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.