09 Apr 2024, 23:53
"މާގޭ އީދު"ގެ ނަމުގައި މިފަހަރު އެހެން އަހަރުތަކަށް ވުރެ ފޯރި ގަދަކޮށް މާލޭގައި އީދުގެ ހަރަކާތްތައް މާދަމާ ފެށޭނެއެވެ.
އީދާ ގުޅިގެން ސަރުކާރުގެ އެކި މުއައްސަސާތައް ގުޅިގެން މާލޭގެ މަގުތައް ދިއްލާ ޖުމްހޫރީ މައިދާނުގައި ހަދާފައިވާ ފެންއަރުވާ ވަޑާން ވެސް ވަނީ ހުޅުވާފައެވެ. އަދި އެހެން ސިޓީތަކާއި އަތޮޅުތަކުގައި ވެރިކަން ކުރާ ރަށްރަށުގައި ވެސް އީދު ފާހަގަކުރުމަށް ވަނީ ގިޑިގެތައް ހަރުކޮށްފައެވެ.
ނަމަވެސް އެހެން އަހަރުތަކަށް ވުރެ މިއަހަރު މުހިންމީ ރަށްތަކެކޭ އެއްފަދައިން މާލޭގައި ވެސް މިއަހަރު އީދު ކުޅިވަރު ކުޅެ ކުލަގަދަ ސަގާފީ ހަރަކާތްތަކާއެކު އީދު ފާހަގަކުރާތީއެވެ.
މާލޭގައި އީދު ފާހަގަކުރަން ނިންމާފައިވަނީ މަލޭ ސިޓީ ކައުންސިލާއި ސާދަ އެންޓަޓައިންމެންޓް" އަދި "ސިޓީ ކަންމަތި ސްޕޯޓްސް އެންޑް ރެކްރިއޭޝަން" ޖަމިއްޔާ ގުޅިގެންނެވެ.
އީދުގެ ހަރަކާތްތައް ފަށަން ނިންމާފައި ވަނީ އީދު ނަމާދުން ފެށިގެންނެވެ. އެގޮތުން ހެނދުނު 07:00ގައި މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ފަށާނެއެވެ. އީދު ނަމާދު ނިމުމުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އީދު ސައި ޕެކް މާފަންނު ސްޓޭޑިއަމްގައި ބަހާނެއެވެ. ހަމަ އެއާއެކު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ކުޑަކުދިންނަށް ހަދިޔާ ވެސް ބަހާނެއެވެ.
އީދު ނަމާދަށްފަހު، 14 އެންޓަޓައިންމަންޓްގެ އިސްނެގުމުގެ މަތިން އީދު ކުޅިވަރުތައް ފަށާނީ ރަސްފަންނުގައި 09:30 ގައެވެ. ފެން ކުޅިވަރެއްގެ ގޮތުގައި ކުޅޭ މި ކުޅިވަރުގައި 195 ރުފިޔާއަށް ލިބޭ ޓީޝާޓެއް ގަނެގެން ބައިވެރިވެވޭނެއެވެ. ހުރިހާ އުމުރުފުރާއަކަށް އެކަށިގެންވާ ކުޅިވަރުތައް މި ސަރަހައްދުގައި ކުޅޭއިރު، މި ކުޅިވަރިތަކުގައި ބައިވެރިވާ މީހުންނަށް އިނާމު ވެސް ލިބޭނެއެވެ.
ފެންކުޅިވަރުގެ ހަރަކާތްތަކަށް ފަހު ހަވީރު އޮތީ ސަގާފީ މާލި ޕެރޭޑާއި ބޮޑުމަސް ބޭނުމުގެ ހަރަކާތްތަކެވެ. މި ޕެރޭޑު އީދު ދުވަހު ހަވީރު 04:00 ގައި މަޖީދިމަގު އޮލިމްޕަސް ކުރިމަތިން ފަށާއިރު ޕެރޭޑު ނިމޭނީ އާޓިފިޝަލް ބީޗާއި މަޖީދީމަގު ގުޅޭ ކަންމައްޗަށެވެ.
މަލި ހެދިގެން އައުމުން މި ޕެރޭޑުގައި އާންމު ރައްޔިތުންނަށް ވެސް ބައިވެރިވެވޭނެއެވެ. އަދި އާންމުންގެ ތެރެއިން ބައިވެރިވާ އެންމެ ސަގާފީ މާލި ކޮސްޓިއުމެއް ހޮވާ، 14 އެންޓަޓައިންމަންޓުން އެ މާއްޔަށް ވަނީ ހަދިޔާއެއް ވެސް ކަނޑައަޅާފައެވެ.
މާލީގެ ކުޅިވަރުތައް މާލޭގައި ކުރިއަށް ދާއިރު، "ސިޓީ ކަންމަތި ސްޕޯޓްސް އެންޑް ރެކްރިއޭޝަން" ޖަމިއްޔާއިން ކުރިއަށް ގެންދާ ސަގާފީ ނެށުމުގެ އެކި ހަރަކާތްތައް 04:00 ގައި މާފަންނު މަދަރުސާކައިރީ ފަށާނެއެވެ. މި ހަރަކާތްތަކުގައި އަންހެން ކުދިންގެ ބަނޑިޔާ، ކުރު ދަނޑި ޖެހުން ފަދަ ނަލަ ހަރަކާތްތަކާއި ނެށުންތައް ދައްކުވައިދޭނެއެވެ.
ހަވީރުގެ ހަރަކާތްތައް ނިމުމުން ރޭގަނޑު 08:30ގައި ސްޓޭޖް ޝޯ އާޓިފިޝަލް ބީޗުގައި ފަށާނެއެވެ. މި ޝޯގައި އިކުއަޓިކް ވައިބް، 1438 ބޮޑުބެރު ގްރޫފާއި އިތުރު ހުނަރުވެރިންގެ ހުނަރު ދައްކުވައިދޭ އިރު މަޝްހޫރު ކޮމީޑިއަނުންގެ ކުޅިމަޖާ ވެސް ފެނިގެންދާނެއެވެ. މި ޝޯގައި އެންމެ ހާއްސަ އެެއް ކަމަކީ 10:00 ގައި އެ ސަރަހައްދުގައި ހަވާ އެރުވުމަށް ނިންމާފައި ވުމެވެ. މި ޝޯ 11:30އާ ހަމައަށް ކުރިއަށް ދާނެއެވެ.
އީދު ދުވަހު 04:00 އިން 06:00 އާ ދެމެދު ދުއްވާ އެއްޗެހި ދުއްވުން މަނާވާނެއެވެ. މިއީ ހިނގާބިނގާވެ އުޅުމަށް ހިތްވަރުދީ އާންމުންނަށް ނުކުމެ އުޅުމަށް ފަސޭހަވާނެ ފަދަ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށެވެ.
ކޮންމެއަކަސް މިއަހަރު އީދަށް ރަށަކަށް ނުދެވުނަސް ފޫހިވާކަން ނުޖެހޭނެއެވެ. ރަށްރަށެކޭ އެއްގޮތަށް މާލޭގައި ވެސް މިފަހަރު ކުލަގަދަ، ފޯރުގަދަ އީދުގެ ސަގާފީ ހަރަކާތްތައް ކުރިއަށްދާނެއެވެ.