ޕާޓީ އުފެއްދުމުގެ ޖަލްސާ އެތައް ސަބަބަކާހެދި ދިގުލައިގެން ދިއުމަށްފަހު، ރާޅުގަނޑު ސަރަހައްދުގައި އެންމެ ފަހުން ލޯގޯއާއި ނަން ފާސްކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އިސްކޮށް ހުންނަވައި، އެ މަނިކުފާނުގެ އާ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފައްދައިފިއެވެ.

އެންމެ ފުރަތަމަ ޖަލްސާ ބާއްވަން ހަމަޖެއްސީ ޣިޔާސުއްދީން ސްކޫލެވެ. ނަމަވެސް ފަހުވަގުތު އެ ސްކޫލުން، ހޯލު ކުއްޔަށް ދޫކުރުމުގެ އެއްބަސްވުން ބާތިލްކުރުމާއެކު، ފުލުހުންވަނީ އެ ސްކޫލަށް މީހުންނަށް ނުވަދެވޭހެން ބަންދުކޮށްފައެވެ.

ގިނައިރުތަކެއްގެ ހަމަނުޖެހުންތަކަށްފަހު ދެން ޖަލްސާ ބާއްވަން ނިންމީ ރާޅުގަނޑު ސަރަހައްދުގައެވެ. އެއާއެކު އެ ތަނަށް ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ވެސް ވަޑައިގެން ޖަލްސާގައިވަނީ ބައިވެެރިވެވަޑައިގެންފައެވެ.

މިރޭ ޖަލްސާ ބޭއްވީ 420 މެމްބަރުންނާއެކު 329 މެމްބަރުންގެ ކޯރަމް ހަމަކޮށްގެންނެވެ.

މި ޕާޓީގެ މުއައްސިސަކީ ރައީސް ޔާމީންގެ ދަރިކަލުން ޒޭން ޔާމީނެވެ. އެއާއެކު ޕާޓީގެ ވަގުތީ ރައީސް ކަމަށް ވެސް ޒޭން ވަނީ މިރޭ ހޮވައިފައެވެ.

މީގެ އިތުރުން މިރޭގެ ޖަލްސާގައި ޕާޓީގެ ވަގުތީ ސެނެޓެއް ވަނީ އުފައްދައިފައެވެ. އަދި ޕާޓީގެ ދާއިމީ މަގާމުތަކުގެ މަސްއޫލިއްޔަތު ވަގުތީގޮތުން އެކި ބޭފުޅުންނާ ހަވާލު ވެސް ކޮށްފައިވެއެވެ.