10 Apr 2024, 07:23
އިންޑިއާގައި މި މަހު ފަށާ ލޯކް ސަބާ އިންތިޚާބުގައި ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ވާދަކޮށް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ކަމަށް ބުނެ ފަތުރަމުން އަންނަ ޚަބަރުތައް ދޮގުކޮށްފިއެވެ.
އިންޑިއާގެ މީޑިއާތަކުން ބުނެފައި ވަނީ ސަންޖޭ ދަތު ކުރިމަތިލާފައި ވަނީ ހަރްޔާނާގެ ސްޓޭޓްގެ ކާނަލް ދާއިރާގެ ގޮނޑިއަށް ކަމަށާއި އޭނާ ނުކުމެފައި ވަނީ ކޮންގްރެސް ޕާޓީ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށެވެ.
ބައެއް މީޑިއާތަކުން މި ޚަބަރުތައް ފަތުރަން ފެށުމުން ސަންޖޭ ވަނީ އެކްސް މެދުވެރިކޮށް އެކަން ދޮގުކޮށްފައެވެ. ސަންޖޭގެ ޕޯސްޓުގައި ބުނެފައި ވަނީ ސިޔާސީ އެއްވެސް ޕާޓީއަކާ ގުޅުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި ސިޔާސީ މައިދާނަށް ނުކުންނަން ނިންމައިފިނަމަ އެކަން މީޑިއާއަށް އަންގާނީ ޚުދު ސަންޖޭ އަމިއްލައަށް ކަމަށެވެ. އަދި އެފަދަ ދޮގު މައުލޫމާތު ނުފެތުރުމަށާއި ހަގީގަތެއް ނެތި ސޯޝަލް މީޑިއާގައި އެނބުރޭ އެފަދަ ވާހަކަތައް ގަބޫލުނުކުރުމަށް ސަންޖޭ ވަނީ އާއްމުންގެ ފަރާތުން އެދިފައެވެ.

ސަންޖޭ ދަތު އާއިލާގެ މެމްބަރުންނާއެކު--ފޮޓޯ/އިންޑިއާ.ކޮމް
ބޮލީވުޑްގެ އެންމެ މަގުބޫލު ފިލްމީ ތަރިންގެތެރޭ ހިމެނޭ ސަންޖޭގެ އާއިލާގެ ގިނަ މެމްބަރުންނަކީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެފައިވާ އަދި މިހާރުވެސް ހަރަކާތްތެރި ބައެއް ކަމުން ސަންޖޭ މި ދާއިރާއިން ފެނިދާނެކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ސަންޖޭގެ މައިން ބަފައިންނަކީ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހުންނަށް ވާއިރު އެކްޓަރުގެ ދައްތަ ޕްރިޔާ ދަތު ވަނީ ލޯކް ސަބާގެ މެމްބަރުކަން ދެ ދައުރުގައި ކޮށްފައެވެ. ސަންޖޭ ދަތު ސިޔާސީ ގޮނޑިއަކަށް ވާދަކުރާކަމުގެ ދޮގު ޚަބަރު ފެތުރިފައިވާއިރު ދާދިފަހުން ބަތަލާ ކަންގަނާ ވަނީ ސިޔާސީ ދާއިރާއަށް ނުކުމެ ލޯކް ސަބާގައި ބީޖޭޕީ ޓިކެޓްގައި ވާދަކުރަން ނިންމާފައެވެ.