10 Apr 2024, 14:57
ޔުއޭފާ ޗެމްޕިއަންސް ލީގު ކްއާޓާ ފައިނަލްގައި ރެއާލް މެޑްރިޑާއި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބައްދަލުކުރި ފުރަތަމަ ލެގު އެއްވަރު ވެގެން ނިމިއްޖެއެވެ.
ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗު ނިމުނީ ތިން ލަނޑު ތިން ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ސިޓީއިން ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފައްދާފައި ވަނީ ރެއާލްއިންނެވެ.
މި މެޗުގެ ފެށުން ރަނގަޅުވީ ސިޓީގެއެވެ. މި ގޮތުން މެޗުގެ ދެވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން ސިޓީއިން ވަނީ މެޗުގެ ލީޑު ނަގައި ރެއާލް ސިއްސުވާލާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބެނާޑޯ ސިލްވާއެވެ. ނަމަވެސް ސިޓީއަށް މިލީޑު ދެމެހެއްޓޭގޮތްވީ 10 މިނެޓަށެވެ. މިގޮތުން މެޗުގެ 12 ވަނަ މިނެޓުގައި ރެއާލްއިން އުފެއްދި ހަމަލާއެއްގައިވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނަމަވެސް މި ލަނޑަކީ ރެއާލްގެ އެޑުއާޑޯ ކަމަވިންގާ ސިޓީގެ ގޯލަށް ފޮނުވާލި ހަމަލާއެއް ރޭގެ މެޗުގައި ސިޓީގެ ކެޕްޓަން ކުރަމުންދިޔަ ރުބެން ޑިއާޒް ގައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.
އަދި މި ލަނޑު ޖެހިތާ ދެ މިނެޓުފަހު ރެއާލްއިން އުފެއްދި ކައުންޓާ އެޓޭކެއްގައި އެ ޓީމުން ވަނީ މެޗުގެ ލީޑުވެސް ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ރޮޑްރިގޯއެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ދެޓީމުންވެސް ވަނީ ހަމަލާ އުފައްދާ އިދިކޮޅު ޓީމަށް ނުރައްކާ ކޮށްފައެވެ.
މި މެޗުގެ ދެވަނަ ހާފުގައި ސިޓީ ފެނިގެންދިޔައީ ފުރަތަމަ ހާފަށްވުރެ ބޮޑަށް މެޗު ކޮންޓްރޯލް ކޮށް ހަމަލާ އުފެއްދުމަށް އިތުރަށް މަސައްކަތް ކުރަމުންދިޔަ ތަނެވެ. މިގޮތުން މެޗުގެ 66 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ފިލް ފޯޑެން ވަނީ ސިޓީއަށް ދެވަނަ ލަނޑު ޖަހައިދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި މި ލަނޑު ފޯޑެން ކާމިޔާބު ކުރިތާ ފަސް މިނެޓްފަހުން ސިޓީއިން އުފެއްދި އެހެން ހަމަލާއެއްގައި ޖޮސްކޯ ގްވަޑިއޯލްވަނީ ލަނޑެއް ޖަހައި މި މެޗުގައި ދެވަނަ ފަހަރަށް ސިޓީއަށް ލީޑު ނަގައިދީފައެވެ. މިއީ ގްވަޑިއޯލް ސިޓީއަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.
މިފަހަރު ސިޓީއަށް މިލީޑު ދެމެހެއްޓޭވަރުވީ ހަތް މިނެޓްވަންދެނެވެ. މެޗުގެ 79 ވަނަ މިނެޓުގައި ރެއާލްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖަހައިދިނީ ފެޑެރީކޯ ވަލްވާޑޭއެވެ. މި މެޗުގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔަކަން ފާހަގަ ކޮށްލެވުނެވެ.
މި ދެ ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި އަންނަ ހަފުތާގެ ބުދަ ދުވަހު ސިޓީގެ ދަނޑުގައެވެ.