12 Apr 2024, 01:04
ކޯލާ އައިޑީ އަދި ސްޕެމް ބްލޮކިން އެޕްލިކޭޝަން "ޓްރޫކޯލާ"އިން ޑެސްކްޓޮޕާއި ލެޕްޓޮޕް ކޮމްޕިއުޓަރުތަކަށް އޭގެ މައިގަނޑު ފަންކްޝަނަލިޓީ ފުޅާކޮށްދޭ އާ ވެބް އިންޓަފޭސްއެއް ތައާރަފުކޮށްފިއެވެ.
ޓްރޫކޯލާގެ ވެބްވާޝަން އިން މިހާރު ނުދަންނަ ނަންބަރުތައް ބަލައި، މެސެޖްތަކަށް އެކްސެސްކޮށް، ބްރައުޒާއިން ޓެކްސްޓްތަކަށް ރިޕްލައި ކުރެވޭނެއެވެ.
ޓްރޫކޯލާގެ ވެބް ވާޝަންގައިވަނީ އާ ދެ ފީޗާއެއް ތައާރަފުކޮށްފައެވެ. ފުރަތަމަ ކަމަކީ ސްމާޓްފޯނު ކައިރީގައި ނެތަސް ނަމްބަރު ހޯދާލުމަށް މަގުފަހިކޮށްދޭ ފީޗާއެކެވެ. ސާޗް ބާއަށް ނަމްބަރެއް ޓައިޕްކޮށް ނުވަތަ ޕޭސްޓް ކޮށްލުމުން އެނަމްބަރެއްގެ މައުލޫމާތު ފޯރުކޮށްދޭނެއެވެ.
ދެވަނަ ކަމަކީ ހުރިހާ އެސްއެމްއެސް އަދި ޓްރޫކޯލާ ޗެޓް މެސެޖްތައް ވެސް ފަސޭހައިން އެކްސެސްކުރުމަށްޓަކައި ކެޓަގަރައިޒްކުރެވިފައިވާ އިންބޮކްސްތަކަށް ތަރުތީބުކުރުމެވެ. ޕްރައިމަރީ، ޕްރޮމޯޝަން އަދި ސްޕެމް ފޯލްޑަރުތަކަށް މެސެޖުތައް ރީތިކޮށް ތަރުތީބުކުރެވެއެވެ. އަދި ޔޫޒަރުންގެ ކޯލްތަކަށް ސީދާ ކޮމްޕިއުޓަރުން ވެސް ޖަވާބުދެވޭނެއެވެ. އަދި ކޮމްޕިއުޓަރު ކީބޯޑު ބޭނުންކޮށްގެން ރިޕްލައި ކުރުމާއި، މެސެޖުތައް ޗެކްކުރުންފަދަ ކަންކަން ފަސޭހަކަމާއެކު ކުރެވޭނެއެވެ.

ޓްރޫކޯލާ ވެބްއިންޓަފޭސްގެ ސްކްރީން ކެޕްޗަރެއް --
ޓްރޫކޯލާގެ ޗީފް ޕްރޮޑަކްޓް އޮފިސަރު ރިޝިތު ޒުންޒުންވާލާ ވިދާޅުވި ގޮތުގައި ޓުރޫކޯލާގެ އަމާޒަކީ އަބަދުވެސް މުވާސަލާތީ ޚިދުމަތްތަކަކީ ރައްކާތެރި އަދި ހަރުދަނާ ޚިދުމަތްތަކަކަށް ހެދުމެވެ.
"މި އާ ވެބް ތަޖުރިބާއާ އެކު، ނޭނގޭ ނަންބަރުތައް ސްކޭން ކުރުން ނުވަތަ މެސެޖްތަކަށް އަވަހަށް ޖަވާބު ދިނުން ފަދަ އާދައިގެ މަސައްކަތްތަކަށް ކޮމްޕިއުޓަރާއި ސްމާޓްފޯނާ ދެމެދު ޖަގްލް ކުރަން ޖެހޭ މިންވަރު މި ދަނީ މަދުކުރަމުން." ރިޝިތު ވިދާޅުވިއެވެ.
ޓްރޫކޯލާ ފޯ ވެބް ނުވަތަ އޭގެ ވެބްވާޝަން ބޭނުންކުރާނަމަ ޓްރޫކޯލާ އެންޑްރޮއިޑް އެޕް އިންސްޓޯލް ކުރަން ޖެހެއެވެ. ދެން ވެބް އިންޓަފޭސްއަށް ނެވިގޭޓްކޮށް، އެކައުންޓް ލިންކް ކުރުމަށް ކިއުއާރް ކޯޑެއް ސްކޭންކޮށް، ވިންޑޯޒް ނުވަތަ މެކްއޯއެސްގައި ހުންނަ ކޮންމެވެސް ބްރައުޒާއަކުން ޓްރޫކޯލާ ޑޭޓާއަށް ވަގުތުން އެކްސެސް ވެވޭނެއެވެ.
އެޕަލްގެ ޕްލެޓްފޯމް ލިމިޓޭޝަންތަކުގެ ސަބަބުން ޓްރޫކޯލާގެ ވެބް ވާޝަން އަދި އައިފޯނާ އިންޓަގްރޭޓް ކުރެވޭނެ ގޮތެއް ނެތެވެ. ނަމަވެސް ޓްރޫކޯލާ އިން ބުނީ ކުރިއަށް އޮތް ތަނުގައި މަލްޓި ޑިވައިސް ފަންކްޝަނަލިޓީ އައިއޯއެސްއަށް ފުޅާކުރެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން އެންޑްރޮއިޑް ފޯނާ ގުޅާލުމުން، ވެބް އިންޓަފޭސްއިން މެސެޖްތައް ފޮނުވާއިރު 100 އެމްބީ އާ ހަމައަށް ފައިލް އެޓޭޗް ކުރުމުގެ ގާބިލުކަން ވެސް ލިބޭނެއެވެ.