ޔުއޭފާ ޔޫރޮޕާ ލީގު ކުއާޓާ ފައިނަލްގައި ބެންފީކާ އާއި އޮލިމްޕިކް މާސޭ ބައްދަލުކުރި ފުރަތަމަ ލެގު ބެންފީކާ ކާމިޔާބު ކޮށްފިއެވެ.

ބެންފީކާގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމު ކާމިޔާބު ކުރީ ދެ ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބެންފީކާއިން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ މާސޭއިންނެވެ.

މިމެޗުގެ ފެށުން ދިޔައީ ބެންފީކާއިން އެންމެ ބޭނުންވި ގޮތަށެވެ. މިގޮތުން ބެންފީކާއިން ވަނީ މެޗުގެ 16 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ރަފާ ސިލްވާއެވެ. މިލަނޑާއެކު ބެންފީކާގެ ޓީމަށް ލިބިގެންދިޔަ ހިތްވަރު އިތުރުވިއެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް މިހާފުގައި ލިބުނެވެ.

މިމެޗުގެ ދެވަނަ ހާފުވެސް ބެންފީކާއިން ފެށީ ފުރަތަމަ ހާފެކޭ އެއްގޮތަށް ވަރަށް ފޯރިއާއެކުއެވެ. ނަތީޖާއަކަށްވީ މެޗުގެ 52 ވަނަ މިނެޓުގައި ބެންފީކާއިން ލަނޑެއް ޖަހައި އެޓީމުގެ ލީޑު ފުޅާކުރުމެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެންޖެލް ޑި މާރިއާއެވެ.

މިމެޗުގައި މާސޭއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ މެޗުގެ 67 ވަނަ މިނެޓުގައި ޕިއޭ އެމެރިކް އައުބެމެޔާންއެވެ. މިމެޗުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބުނެވެ.

މިދެޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭ މާސޭގެ ދަނޑުގައެވެ. މިމެޗުގެ ނަތީޖާ އާއެކު ބެންފީކާއަށް ކުޑަ ލީޑެއް ލިބިފައިވީ ނަމަވެސް މާސޭގެ އަމިއްލަ ދަނޑުގައި ދެވަނަ ލެގު ކުޅޭތީ ސެމީފައިނަލުން ޖާގަހޯދުމުގެ ފުރުސަތު މާސޭއަށްވެސް ކުޑައެއް ނޫނެވެ.