މޮންޓެ ކާލޯ މާސްޓާސް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ކްއާޓާ ފައިނަލުން މި މުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ސާބިއާގެ ނޯވަކް ޖޯކޮވިޗް ޖާގަ ހޯދައިފިއެވެ.

މި މުބާރާތުގެ ކްއާޓާ ފައިނަލުން ޖޯކޮވިޗް ޖާގަ ހޯދައިފާވަނީ ތިންވަނަ ބުރުގައި އިޓަލީވިލާތުގެ ލޮރެންޒޯ މުސޭޓީ އާއި ބައްދަލުުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ހަތެއް ފަހަކުން ކާމިޔާބު ކުރި އިރު ދެވަނަ ސެޓު އޭނާ ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނަކުންނެވެ. މި މުބާރާތުގެ ކުއާޓާ ފައިނަލްގައި ޖޯކޮވިޗް ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ މި މުބާރާތުގައި އެގާރަ ވަނައަށް ސީޑު ކުރެވިފައިވާ އޮސްޓްރޭލިއާގެ އެލެކްސް ޑި މިނޯ އާއެވެ.

ޑި މިނޯ ކްއާޓާ ފައިނަލުން ޖާގަ ހޯދައިފާވަނީ ތިންވަނަ ބުރުގައި އަމިއްލަ ޤައުމުގެ އެލެކްސީ ޕޮޕިރިން އާއި ބައްދަލުކުރި މެޗު ހައެއް ތިނެއް އަދި ހައެއް ހަތަރަކުން ކާމިޔާބު ކޮށްގެންނެވެ.

މި މުބާރާތުގެ ކްއާޓާ ފައިނަލުންވަނީ ދެވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާ ވެސް ޖާގަހޯދައިފައެވެ. ސިނާ ކްއާޓާ ފައިނަލުން ޖާގަހޯދީ ތިންވަނަ ބުރުގައި ޖަރުމަނުވިލާތުގެ ޔާން ލެނާޑް ސްޓުރުފް އާއި ބައްދަލުކޮށް ސީދާ ދެ ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. އެއީ ހައެއް ހަތަރެއް އަދި ހައެއް ދެއަކުންނެވެ. ކްއާޓާ ފައިނަލްގައި ސިނާ ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ ހަތްވަނައަށް ސީޑު ކުރެވިފައިވާ ޑެންމާކްގެ ހޮލްގާ ރޫން އާއެވެ.