ކަނޑު އުޅަނދުގެ ރެޖިސްޓްރީގައި ހިމެނޭ ސޭފްޓީ ސެޓްފިކެޓުގެ މުއްދަތު ފަސް އަހަރަށް މިއަދުން ފެށިގެން އިތުރުކުރަން ނިންމައިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ސޭފްޓީ ސެޓްފިކެޓުގެ މުއްދަތު ކުރިން އޮންނަނީ އެއް އަހަރުގެ ތެރޭގައި ހަމަވާ ގޮތަށް ކަމަށެވެ.

"މިއީ ބޮއްކުރާއެއް ގެންގުޅުނަސް، އަދި ކުޑަކުޑަ ތިން މީހުން މަހަށްދާ ކުޑަވަރެއްގެ އުޅަނދެއް ރަޖިސްޓްރީ ކޮށްގެން ގެންގުޅުނަސް [ކޮންމެ އަހަރަކު އާކުރަން ޖެހުމަކީ] މިއީ ވަރަށް ބޮޑު ތަކްލީފެއް ދެއްތޯ؟" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ އަހަރަކު ފައިސާ ދައްކައިގެން ސޭފްޓީ ސެޓްފިކެޓު އާކުރަން ޖެހުމަކީ ވަރަށް ބޮޑު ދަތިކަމެއްގެ ގޮތުގައި ގަބޫލުކުރެވޭ ކަމަށެވެ.

މި ސެޓްފިކެޓުގެ ވެލިޑިޓީ ފަސް އަހަރަށް ބަދަލު ކުރީ އެހެންވެ ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.

"އެކަމަކު މި ސޭފްޓީ އެސަސްމަންޓު ނޫނީއްޔާ ބަލަންޖެހޭ ބެލުންތައް މިނިސްޓްރީގައި ހަމަ ކޮންމެ ފަހަރަކު ބަލައިފައި އާކުރަމުން ގެންދާނެ. އެކަމަކު ސޭފްޓީ ސެޓްފިކެޓު އަހަރަކު އެއްފަހަރު ރިނިއު ކުރާކަށް ނުޖެހޭނެ. އިޝޫ ކުރާ ހިސާބުން ފެށިގެން އޭގެ ވެލިޑިޓީ އޮންނާނެ ފަސް އަހަރަށް." މިނިސްޓަރު ވިދާޅުވިއެވެ.