އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ދިމާކޮށް ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްގަށް އުނިކަން އަންނަ ގޮތަށް ކެމްޕޭންކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ދީފިއެވެ.

އީސީން ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުން އިންތިޚާބުތަކާ ބެހޭ އާންމު ގާނުނުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ހޯދުމަށް ކުރާ މަސައްކަތުގައި، އެހެން ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްގަށް އުނިކަން އަތުވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި އެހެން ކެންޑިޑޭޓަކާ ބެހޭ ގޮތުން އެއްވެސް ދޮގު މައުލޫމާތެއް ފަތުރައިގެން ނުވާނެ ކަމަށް ވެސް އިންތިޚާބުތަކުގެ ގަނޫނުގައި ބަޔާންކޮށްފައިވާ ކަމަށް އީސީން ބުންޏެވެ.

ނަމަވެސް މަޖިލިސް އިންތިޚާބުގައި ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް އެންޓި ކެންޕޭންގެ އަމަލުތައް ފެންނަމުންދާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށް ބަޔާނުގައިވެއެވެ.

"އެގޮތުން ތާއިދު ހޯދުމަށް ބޭނުންކުރާ ޕޯސްޓަރުތަކާއި ބެނާތަކުގައި ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްގަށް އުނިކަން ލިބޭ ގޮތަށް މެސެޖްތައް ދައުރުކުރަމުންދާ ކަން ފާހަގަކުރެވެއެވެ," އީސީން ބުންޏެވެ.

އެހެންވެ، ތާއިދު ހޯދުމަށް ކުރާ މަސައްކަތުގައި އެހެން ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްގަށް އުނިކަން ނާންނަ ގޮތަށް ޢަމަލު ކުރުމަށާއި އިންތިޚާބުތަކުގެ ގާނުނުގައިވާ ސުލޫކީ މިންގަނޑަށް ތަބާވުމަށް ހުރިހާ ކެންޑިޑޭޓުންނަށް އީސީން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި، ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްގަށް އުނިކަން އަންނަ ފަދަ އަމަލުތައް ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވެސް ކެމްޕޭންކުރަމުން އަންނައިރު ޕޯސްޓަރުތަކަށް ބަދަލު ގެނެސްގެންނާއި އެ ނޫން ގޮތް ގޮތަށް ވެސް އެންޓި ކެމްޕޭން ކުރުން ވަނީ އިންތިހާއަށް އާންމުވެފައެވެ.

މިއީ ކެންޑިޑޭޓުންގެ ވެސް ކަންބޮޑުވުމެކެވެ.