މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ހަ އިންޑަސްޓްރީ ޕާޓްނަރުން ގުޅިގެން ރާއްޖޭގައި ހިންގޭ ޑައިވް ހަރަކާތްތަކާއި ކަނޑުއަޑީގެ ޤުދުރަތީ ރީތިކަން އެޑެކްސް އޯޝަން މިޝަން 2024 ގައި ޕްރޮމޯޓުކޮށްފިއެވެ.

މި ހަރަކާތް ކުރިއަށްދިޔައީ މި މަހު 12 އިން އިއްޔެއަށް، ސިންގަޕޫރުގެ ސަންޓެކް ސިންގަޕޫރު ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައެވެ.

މީގެ 26 އަހަރު ކުރިން ފެށިގެން ބާއްވަމުން އަންނަ އެޑެކްސްއަކީ އޭޝިއާ ބައްރުގައި ބާއްވާ އެންމެ ބޮޑު، މިހާތަނަށް އެންމެ ދިގު މުއްދަތަކަށް ކުރިއަށް ގެންދެވިފައިވާ ޑައިވް އެކްސްޕޯއެވެ.

މި އެކްސްޕޯއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްލެވޭ މުހިންމު ފަރާތްތަކާއި ސައިންސްވެރިން، ކަނޑުތަކާއި ފަރުތައް ޙިމާޔަތް ކުރާ ކޮންޒަވޭޝަނިސްޓުން، ކަނޑު އަޑީގެ ފޮޓޯގްރާފަރުންނާއި ވީޑިއޯގްރާފަރުންނާއި އެހެނިހެން ފަރާތްތައް އެއްތަނަކުން ބައްދަލުވުމަށް މަގުފަހިކޮށްދޭ މުޙިއްމު ޙަރަކާތެކެވެ.

އަދި މިއީ ޑައިވް އޮޕަރޭޓަރުންނާއި، ޑައިވް އިކުއިޕްމަންޓް އުފައްދާ ފަރާތްތަކާއި، ގައުމީ ޓޫރިޒަމް ބޯޑުތައް ފަދަ އެކިއެކި އެގްޒިބިޓަރުން ބައިވެރިވާ ހަރަކާތެކެވެ.

އެމްއެމްޕީއާރުސީ މި އިވެންޓުގެ ޒަރިއްޔާއިން ރާއްޖޭގައި ޑައިވްކުރުމަށް ޝައުގުވެރިވާ ފަތުރުވެރިންނާއި، ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކަށް ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނެވެ. މީގެ އިތުރުން، މި އިވެންޓުގެ ޒަރިއްޔާއިން ވަނީ، ރާއްޖެއަކީ ޑައިވް ކުރުމަށް އިސްކަންދޭ އަދި ކަނޑުއަޑީގެ ރީތިކަން ޙިމާޔަތް ކުރުމަށް ބާރު އަޅާ މަންޒިލެއްގެ ގޮތުގައި ހޭލުންތެރި ކުރުވާފައެވެ.

މީގެ އިތުރުން، މި އެކްސްޕޯ އަކީ ޑައިވިން ފަދަ ނީޝް ސެގްމަންޓަކަށް އަމާޒުކޮށްގެން މާކެޓް އިންޓެލިޖެންސް އެއްކުރުމަށާއި، އޭޝިއާ އަދި ދެކުނުއިރުމަތީ އޭޝިއާގެ މާކެޓްތަކުން ޑައިވަރުންނާއި ޑައިވްކުރުމަށް ޝައުގުވެރިވާ މީހުންގެ ޝުއޫރުތައް ދެނެގަތުމަށް ވެސް ރަނގަޅު ޕްލެޓްފޯމެކަށް ވެފައެވެ.

މި އިވެންޓުގައި ބައިވެރިވުމުގެ މައިގަނޑު މަޤުސަދަކީ ރާއްޖެއިން ލިބޭ ޑައިވިން އަދި ކަނޑުއަޑީގެ ތަޖުރިބާތައް ދައްކާލުމަށް އެމްއެމްޕީއާރުސީއިން ކުރާ މަސައްކަތުގެ ދަށުން، ދެކުނުއިރުމަތީ އޭޝިއާގައި ބޭއްވޭ މިފަދަ އެންމެ ބޮޑު އެކްސްޕޯގައި، ދެކެނު އޭޝިއާގެ ފަތުރުވެރިންގެ މެދުގައި، އަދި ވަކިން ޚާއްޞަކޮށް ސިންގަޕޫރުގެ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމެވެ.

މިދިޔަ އަހަރު ނިމުނުއިރު ދެކުނުއިރުމަތީ އޭޝިއާ މާކެޓުން ޖުމްލަ 58,947 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވާއިރު، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ފެބްރުއަރީ މަހުގެ ނިޔަލަށް، މި މާކެޓުން 7,481 ފަތުރުވެރިންނަށް ރާއްޖެ ވަނީ މަރުހަބާ ކިޔާފައެވެ.