މ. އަތޮޅުން ފެށިގެން ރާއްޖޭގެ އުތުރަށް މިރޭ ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް، މޯލްޑިވްސް މީޓިއޮރޮލޮޖީ ސާވިސަސް (މެޓު) އޮފީހުން ހުދު ސަމާލު ނެރެފިއެވެ.

މެޓު އޮފީހުން ބުނީ ރާއްޖޭގެ އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ބޯ ވިއްސާރައިގެ ދުވަސްތަކެއް ކުރިމަތިވެފައިވާއިރު މި ނިމިދިޔަ މަހާއި މި މަހުގެ ފުރަތަމަ ހަފުތާއަކީ މިހާތަނަށް އެންމެ ހޫނުގަދަވި ދުވަސްތަކެވެ.

އެއާއެކު މިދިޔަ ތިން ދުވަހު ވެސް މާލޭ ސަރަހައްދަށާއި ބައެއް ރަށްތަކަށް ކުރި ބޯ ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

އެގޮތުން މާލޭގެ 132 ގެއަކާއި ށ. ފީވަކުގެ 20 ގެއަކަށް އަދި އެ އަތޮޅު ފޯކައިދޫގެ ތިން ގެއަކަށް ގެއްލުންވެފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އިން ވަނީ ބުނެފައެވެ.

އެހެންވެ އެ ފަދަ ހާދިސާއަކަށް ސަމާލުވެ ތިބުމަކީ މުހިންމު ކަމެކެވެ.