"ވަގުތުގައި ބަަރަކާތް ލައްވާ ސަބަބުތަކުގެ ތެރޭގައި ފަތިހު ތެދުވުން، ފާފަތަކާއި ދުރުވުން، އާއިލާއާއެކު ވަގުތު ހޭދަކުރުން، ޝުކުރުވެރިވުން، ގުރުއާން ކިޔެވުން، ޒިކުރުކުރުން، އަދި ތަގުވާވެރި ޒިކުރުކުރާ މީހުންނާއެކު ވަގުތު ހޭދަކުރުން ހިމެނެއެވެ."

***

"ވެއިޓް....ސަބަބު ކިޔައިދީފަ ދޭ...." އުވެއިސް ގެ ފިނި އަތުގައި މަދީނާއަށް ހިފުނެވެ. ދިރުމެއް ނެތް މަސްގަނޑެއްގައި ހިފުމެކޭ ތަފާތެއް ނެތެވެ. އުވެއިސް އެނބުރި ބަލައިލި އިރު އިސްތަށިގަނޑުން ބަޔެއް ލޯމައްޗަށް ވެއްޓިފައި ވީ ނަމަވެސް އެ ލޮލުގެ އަލިކަން ގަދަކަމާއިއެކު ނޫ ކުލަ ފާޅުވެ ދިއްލުނު އިރު މަދީނާ ގެ ހިތަށް ވެރިވެގެންދިޔައީ ބިރުވެރި ކަމެވެ.

"ކުޑަ ކެތްތެރިކަމެއް. ވަރަށް އަވަހަށް އަންނާނަން. ޓެޑީ އަބަދުވެސް ކައިރީގައި ބާއްވާތި...." އުވެއިސް ގެ ފަހު ލަފުޒުތަކުން މަދީނާ ގެ ގަޔަށް ފިނި ހީގަނޑެއް ވައްދާލިއެވެ. އަމިއްލަ ނަފްސުގެ މައްޗަށް އެއްވެސް ބާރެއް ނެތި ލޯ މެރެމުން ދިޔަ ވަގުތު ދިގު އިސްތަށިގަނޑެއްގައި އިން ކަޅު ހެދުމެއްގައި ހުރި ދިގު އިސްތަށިގަނޑަކާއި ރީތި ބައްޓަމެއްގެ ވެރިއަކު ލޯގަނޑުން ފެނުނެވެ. ފުސް ކޮށް ފެނުނު ނަމަވެސް އެއީ އަންހެނެއްގެ ސިފަކަން ޔަގީންވާވަރަށެވެ. މޫނު ވަނީ އިސްތަށިގަނޑުން ކަޝްފު ކުރެވިފައެވެ. މަދީނާ ލޯ ހުޅުވަން މަސައްކަތް ކުރި ނަމަވެސް ގެނބިގެން ދިޔައީ ފުން ނިންޖަކަށެވެ.

ކެނާން ގުރުއާން ކިޔަވަން ގެއްލިފައި އިން ނަމަވެސް ކޮއްކޮއާއި ދޭތެރޭ ޚިޔާލުކުރެވުނެވެ. ކޮއްކޮ ނިދާފައި އޮތްކަން ޔަގީންކުރަން ބޭނުންވިއެވެ. އާންމުކޮށް މަދީނާއަކީ ނިދީގައި ހިނގައި ވާހަކަ ދައްކާ އުޅޭ ކުއްޖެއް ކަމުން ބެލްކަނީ ފަދަ ތެނެއް ތަޅުނުލާ ހުރެދާނެތީ އޭނާގެ ގެ ހިތް ހާސް ކުރުވީއެވެ. މާޒްވިލާގައި ބޮކި ތައް ދިއްލައިފައި އޮތަސް ގޭ ތެރޭގެ ފަޅު ކަމެއް ނުފިލައެވެ. މުޅި ތަން ހިމޭންވެފައި އޮތަސް އެ ހިމޭންކަމުގައި ފަރުދާ ކުރެވިފައިވަނީ ބިރުވެރިކަަމެވެ.

ކެނާން ޤުރުއާން ވައަތުން ހިފަހައްޓާލައިގެން ހުރެ މަދީނާގެ ކޮޓަރީ ދޮރު ހުޅުވާލިއެވެ. މަދީނާ އޮށޯވެގެން އޮތް ގޮތް ފެނި ކެނާން ސިހޭގޮތްވިއެވެ. އެނދުގައި އުއްޑުން އޮށޯވެގެން އޮތް އިރު ބޯ އޮތީ އެނދުން ބޭރަށް ވާ ހެން ވައްޓާލައިގެންނެވެ. އިސްތަށިގަނޑު އޮތީ ބިންމަތީގައި ޖެހޭ ވަރަށެވެ. އެގޮތަށް އޮވެ އެކޮޅުކޮޅުން ބިމަށް ވެއްޓިއްޖެއްޔާ ކަނދުރާވެސް ބިންދައިގެން ހިނގައިދާނެއެވެ. ޤުރުޢާން މުސްހަފް އަވަހަށް ޑްރެސިންގް ޓޭބަލް މަތީ ބޭއްވުމަށް ފަހު ކެނާން އަވަސް ވެގަތީ މަދީނާ ނަގައި ރަނގަޅަށް އެނދުގައި ބޭއްވުމަށެވެ. އެވަގުތު ލޯގަނޑުން އެއްޗެއް ގެ ހިލަންވިހެން ހީވިއެވެ. ނަމަވެސް މަދީނާ އޮތް ގޮތް ރަނގަޅު ކުރުމަށް އަވަސްވެފައި ހުރުމުން އެ ފަރާތަށް ނުބެލުނީއެވެ. ދޮރު ފޮތިގަނޑު ހެލިލުމުން ބެލްކަނީގެ ދޮރު ހުޅުވިފައިތޯ ބަލާލި އިރު ދޮރު ވަނީ ބޭރުން ތަޅުލާފައެވެ. ފަންކާ ނުޖައްސާ ހުރުމުން އެ ތަނަށް ވައި އެޅޭނޭ އެހެން ގޮތެއް ނެތް ކަން ކެނާން އަށް ވިސްނުނެވެ. ނަމަވެސް މަދީނާ އެކަނި ބާއްވާފައި ދާން މިރޭގައި ހިތް ނޭދުނެވެ. ބެލްކަނީ ގެ ތަޅުދަނޑިވެސް ބޭރުގައި ޖަހައިފާ ވުމާއެކުއެވެ. ކެނާން ޖައްސާލީ ކޮޓަރީގައި ހުރި ބޮޑު ސޯފާގައެވެ. އަދި ލޭމްޕް ލައިޓް ދިއްލާލުމަށްފަހު މުސްހަފް ނަގައި ކިޔަވަން ފެށިއެވެ. ތަފްސިީރާއި އެކީ ޤުރުޢާން ދަސްކުރުމަކީ މިހާރު ކެނާން އެންމެ ކުރާހިތްވާ ކަމެވެ. ޤުރުއާންގެ މޫރިތި އާޔަތްތަކުގެ ފުުން މާނަތަކުން އެ ހިތަށް ވެރި ކުރުވަނީ ބަޔާން ނުކުރެވޭހާ އުފާވެރިކަމެވެ.

***

އީވޯން ގެ އަތުގައި އުވެއިސް ހިފީ ބާރަށެވެ. އަދި އަތުގައި ހިފާފައި ދުރަށް ހުރުވާލިއެވެ. އީވޯން ނުލަފާ ހިނިގަނޑެއްގައި އުވެއިސް އާއި ދިމާ އަށް ދުއްވައިގަތެވެ.

"ކިހިނެއްވީ؟މާ ބޮޑަށް ރުޅި އައީތަ؟" އިވޯން އޭނާގެ ފަން އިސްތަށިގަނޑުން އިސްތަށިކޮޅަކުން އުވެއިސް ގެ މޫނުގައި ފިރުމާލިއެވެ.

"ތި މުޑުދާރު އަތުން މަދީނާ ގައިގަ ކޫރުމެއް އެޅިއްޖެއްޔާވެސް ނިމުނީ. ހަނދާންކުރާތި....." އުވެއިސް ގެ ރުޅި ކޮންޓްރޯލް ނުކުރެވި އީވޯން ގެ އިސްތަށިގަނޑުގައި ހިފައިގަނެވުނެވެ.

" އަހަރެން މީ މަދީނާ ފަދަ އިންސާނެއް ނޫން. އިސްތަށިގަނޑުގަ ކިތަންމެ ބާރަށް ހިފިޔަސް ތަދެއް ނުކުރެވޭނެ. އެންޑް ޔޭސް. ޑޯންޓް މޭކް ދަ މިސްޓޭކް ޔޯ މޯމް ޑިޑް...." އީވޯން ގެ ލޮލުގައި ވީ ރިހުމެވެ. ސާފު ވެގެން ދިޔައީ މަދީނާ އާއި މެދު އުވެއިސް ގެ ހިތުގައިވި ލޯބީގެ ބޮޑުކަމެވެ. އުވެއިސް ދޭނެ ރައްދަކަށް ސަމާލުކަމެއް ނުދީ އީވޯން އެތަނުން ފިލައި ރައްކާވީ ޖަހާލި ވިދުވަރެއް ހެންނެވެ. އީވޯން ގެ ފަހު ޖުމްލަ އުވެއިސް ގެ މުޅި ތަބީއަތަށް ލޮޅުން އެރވިއެވެ. އޭނާގެ މަންމަ އާއި މެދު ދެކެވޭ ވާހަކަ ތަކަކީ ހަގީގަތެއްބާއޭ ވިސްނެމުން ދިޔައެވެ. މުޝްރިކާގެ ބާރުން ދޫ ތައް ބަންދުކުރުވި ނަމަވެސް އުވެއިސް ގެ ކަންފަތަށް ވަނީ އެ ވާހަކަ ކުރީންވެސް އިވިފައެވެ. ކަމުގެ ހަގީގަތް ބަލަން ބޭނުން ކަމުގައި ވަނީ ނަމަ އެކަން ކުރާންވެސް އުވެއިސް އަށް ފަސޭހައެވެ. ނަމަވެސް އޭގެ ހަގީގަތް ބަލަން އަބަދުވެސް ފަސް ޖެހެވެނީއެވެ. މުޝްރިކާގެ ބަހުގައި ނަމަ މަދީނާގެ ކާފަ، ހަކީމު އަކީ އޭނާގެ މަންމަ ގެ ގާތިލެވެ. އަދި މާޒްވިލާއަށް ނިސްބަތްވާ އެންމެންނަކީ ވެސް އެކަމުގެ ހިއްސާވާ މުޖްރިމުންނެވެ. ސުވާލުކުރުމެއް ނެތި އަބަދުވެސް މުޝްރިކާގެ ވާހަކަތައް އުވެއިސް ގަބޫލު ކުރި ނަމަވެސް މިހާރު ހަގީގަތް ބަލަން ބޭނުން ވެއްޖެއެވެ. މަދީނާ ދެކެ ލޯބި ވެވުނީ އަމިއްލަ އިޚްރިޔާރެއް ނެތިއެވެ.

***

ފަރަހް ދިޔައީ ކާރުތެރޭގައި ޖަހާފައިވީ ލަވައާއި އެއް އެއް ހަމަޔަށް ނަށަމުންނެވެ. އެ މޫނު މަތީން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ދުނިޔޭގެ އެއްވެސް ކަމަކަށް އަޅާލުމެއް ނެތް ފަދަ ހިތްހަމަޖެހުމެކެވެ. އަމިއްލަ ދުނިޔޭގައި އުފާވެފައިވާ މަންޒަރެވެ. ފަހަދް ގެ ހިތް އުފަލުން ފުރެމުން ދިޔއެވެ. ފަރަހް ގެ އުފަލަކީ އޭނާގެ ހިތުގެ ހަމަޖެހުމެވެ. ކާރު ދުއްވަން އިނެއް ކަމަކު ގިނައިން ބެލެނީ ފަރަހް އަށެވެ.

" މިސް ވާނެ ތަ؟" ފަރަހް ނެށުން ހުއްޓާލުމަށް ފަހު ފަހަދް ގެ އަތަށް ފިތާލިއެވެ. ފަހަދް ޗުސް ކަނޑާލަމުން މޫނަށް ހިނތުންވުމެއް ވެރިކުރުވިއެވެ. ކައިރީގައި ފަރަހް ހުއްޓަސް ފަހަދް އަށް ދުވަހަކުވެސް ފަރަހް ހާސިލްވީ ކަމުގެ އުފަލެއް ނުލިބެއެވެ. އޭނާއަށް އަބަދުވެސް އިންތިޒާރު ކުރެވެނީ ފަރަހް މުޅިން އެކީ ލިބޭނެ ދުވަހަކަށެވެ. އެއީ ފަހު ނޭވާ އާއި ހަމަޔަށް ދާންދެން ކަމުގައި ވިޔަސްމެއެވެ.

"ތި ބުނީ އެހެންވީމަ ހަނދާނެއް ނުވާނެ އޭ ދޯ...." ފަރަހް ތުން އޫކޮށްލާފައި ފަހަދް ގެ އަތުން ވީއްލައިލިއެވެ. ފަރަހް އަށް މުހިންމީ ފަހަދް ގެ ސަމާލުކަމެވެ. އަބަދުވެސް ފަރަހް އަށްޓަކާއި މީހުން މޮޔަވުމަކީ ފަރަހް ދެކޭގޮތުގައި އޭނާއަށް ހައްޤުވާ ކަމެކެވެ. އެވަގުތު އެއާޕޯޓާއި އަރާ ހަމަވިއެވެ.

"ކައިރީގަ ހުއްޓަސް މިސް ވޭ......" ފަހަދް އޭނަގެ ނޭފަތުގައި ކޮއްޓައިލީ ވަރަށް ލޯބިންނެވެ. ފަރަހް ގެ ހިތް ހަމަޖެހުނެވެ. އަދި ފަހަދް އާއި ގާތް ވެލައި ވަގުތު ކޮޅެއް ދެމީހުން އެކުގައި ހޭދަ ކޮށްލީ ބޯޑިން އަށް ވަންނަ ވަގުތު ޖެހެންދެނެވެ.

ދެ ޖީބަށް އަތް ޖަހާލައިގެން ގޭޓް ކުރިމަތީގައި ފަރަހް ދާތަން ބަލަން ފަހަދަށް ހުރެވުނީ ހިތުގައި އެތައް ވޭނެއް އަޅަމުންނެވެ. ލޯ ކުރިމަތީން ފަރަހް ގެއްލެން ދެން ހުރެވުނީ އަމިއްލަ މީހާގެ މޮޔަކަން ހިތަތް ވެރިވާ ހާލުގައެވެ.

" ސޮރީ މޭމް. ދޯހާ ގަ ބާރަ ގަޑި އިރު މަޑުކޮށްފަ ފްލައިޓް ފުރާނީ...." ކައުންޓާގައިހުރި ކުއްޖާ ފަރަހް އަށް މައުލޫމާތު ދިނެވެ.

ފަރަހް ގެ މޫނު ރުޅިންގޮސް ރަތް ވިއެވެ. އެތަށް ވާހަކަ އެއް އެކި ގޮތް ގޮތަށް ދެއްކި ނަމަވެސް ސީދާ ފްލައިޓެއް ނެތެވެ. ސްވިޒަލޭންޑްގައި ސްނޯ ސްޓޯމެއް އޮންނާނެ ކަމަށް ލަފާ ކުރެވޭތީ ދިމާވި ލަސްވުމެކެވެ. ވަގުތުން ޖައިލަމް އަށް ފޯނު ކުރިއެވެ.

"މީ ކީއްކުރަން ނެގި ޓިކެޓެއް؟ އެއްވެސް ކަމެއް ކޮށްދެވެނީ އެއް ނޫން....ތިކަހަލަ މީހަކު އަހރެންގެ ބައްޕަ އަކަށް ނުވި ނަމަ މާ ރަނގަޅުވީސް...." ފަރަހް ގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ފޯނުން ވާހަކަ ދެއްކީ މަޑުން ކަމުގައި ވިޔަސް ޖައިލަމް އަށް އޭނާގެ ދަރިފުޅު އައިސްފައި ހުރި ރުޅި އެ އަޑުން ވެސް ހާމަ ވާނެއެވެ.

" ދަރިފުޅާ ހަމަޖެހިބަލަ....ކިހިނެއްތަ ވީ؟" ޖައިލަމް ނިދިފައި އޮވެ ހޭލެވުމުން އުނދަގޫ ކަމާއެކު ވާހަކަ ދެއްކިއެވެ.

"ހަމަ ޖެހިގެން ކީއްކުރަން؟ޑައިރެކްޓް ފްލައިޓެކޭ ބުނީމަ ޓްރާންސިޓް ވެފަ ދާ ފްލައިޓެއް ނެގީ....އާ ޔޫ މައި އެނެމީ؟ މިކަހަލ ކަންތައްތައް ކުރާނީ ދުޝްމަނުން. އުނހޫ މިފަދަ ލަނޑެއް ނުދޭނެ ދުޝްމަނަކުވެސް....." ފަރަހް އަށް ހީވަނީ މުޅި ދުނިޔެ ވެސް އެނބުރެން ޖެހެނީ އޭނައަށްޓަކައި ހެންނެވެ. އަބަދުވެސް ބޭނުންވާ ގޮތަށް ކަންތައް ނުވުމުން ފަރަހް ގެ ބަހުރުވަ ހުންނަނީ އެފަދައިންނެވެ.

"ދަރިފުޅާ. މޫސުން ގޯސް ވުމަކީ ބައްޕަ ގެ ކުށެއް ތަ؟ބައްޕަ އަކަށް ވެސް މޫސުން ކޮންޓްރޯލެއް ނުކުރެވޭނެ ދޯ....ހަމަޖެހިލާ ވިސްނާލަބަލަ...." ޖައިލަމްގެ އާދޭހުގެ ރާގުގައި ބުނަމުން ދިޔައީ އޭނާގެ ދަރި ހަމަޔަކަށް އެޅުވޭތޯއެވެ.

"ހޫން ވަރަށް ފޫހި ވޭ. ދެން މަށަށް ނުގުޅާތި. ކަމެއް ކޮށްދޭން ބުންޏަސް ރަނގަޅަކަށް ނުކުރާނެ. މުސްކުޅި ބޭ ގަނޑު..." ފަރަހް ފޯނު ކަނޑާލީ އެ ކޮޅުން ވާހަކަ ނުދެއްކެނީހެވެ.

***

އުރުޖުވާން ގެ މުޅި ހަށިގަނޑު ސިއްސުވައިލީ ޖެހި ގުގުރީގެ އަޑުންނެވެ. މާޒިމް އަށް ހޭލެވުނީ ގުގުރީގެ އަޑަކަށް ނޫނެވެ. ނަމަވެސް އެ އަތު ތެރޭގައި ފޮރުވިފައި އޮތް އުރުޖުވާން ސިއްސައިގެން ދިޔަ ކަން އިހުސާސް ވުމުންނެވެ. ލޯ ހުޅުވާލަން ވެސް ނުކެރިފައި އުރުޖުވާން އަށް އޮވެވުނެވެ. މާޒިމް ކައިރީގައި ވީ ކަމުގެ އިހުސާސް ކުރެވުނެވެ.

" ޑޯންޓް ވޮރީ. އެއީ ޖަސްޓް ތަންޑަރ.....އައިމް ހިއަ....." އުރުޖުވާން ގަޔާ ކައިރި ކޮށްލަމުން ކަންފަތް ކައިރީ ބުނެލިއެވެ. އުރުޖުވާން އަށް ހެވެން ފެށުނެވެ.

" ކިހިނެއްވީ؟" އުރުޖުވާން ހޭންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ.

" ހުރިހާ ކަމެއްގަ ވެސް މާޒް ބުނެ އެއްނު.....އައިމް ހިއަ އޭ....އެކަމަކު....އަސްލު ހަގީގަތުގަ ހުރިހާ ކަމެއްގަ ވެސް ބަރޯސާ ވާންވާނީ މާތް ﷲ އަށް....އަބަދަކު މާޒް އެއްވެސް ނުހުންނާނެ އެއްނު ކައިރިއަކު...."

"ތިވެސް ތެދެއް. އެކަމު އޭގެ މާނައެއް ނޫން ދޯ ކައިރީގަ ތިބޭ މީހުންގެ އެހީ އާއި ލޯބި ލިބިނުގަންނާށޭ. އެކަލާނގެ ރަޙްމަތުން ދެމަފިރިން ގެ ދޭތެރޭގައި އަޅާލުމާ ލޯބި ވެސް ލެއްވީ. އެހެންކަމުން ދެޓްސް މައި ރެސްޕޮންސިބިލިޓީ.....ޓުވާޑްސް ޔޫ....އޭޒް ލޯންގް އޭޒް އައި ލިވް....." އުރުޖުވާން އަށްޓަކައި ހިތުގައި ވާ ލޯބި މާޒިމް އަށް ފާޅުކުރެވުނެވެ.

އުރުޖުވާންގެ ހުނުން ހުއްޓި ލޯ ބޮޑުވެފައި މާޒިމް އަށް ބަލާލެވުނެވެ. ދެކެވުނު ވާހަކައަކީ ހަގީގަތުގައި ވެސް މާޒިމް ގެ ދުލުން އައި ބަސްތަކެއް ކަން ގަބޫލުނުކުރެވޭ ކަހަލަ ގޮތަކަށެވެ.

"ކިހިނެއްވީ؟މިހާރު މަޖަލެއް ނޫންތަ؟" މާޒިމް ދިމާކޮށްލިއެވެ. އެވަގުތު މުޅި ކޮޓަރިއަށް އަލި އެޅިގެންދާ ފަދައިން ވިދާލިއެވެ. އުރުޖުވާން ލޯ މަރާ ބާރުކޮށްލުމަށްފަހު ގުގުރި ދުޢާ ކިޔާލިއެވެ.

" ގުޑް ނައިޓް....ހަސްބެންޑް...." މާޒިމް ގެ އަތުތެރޭގައި ހަމަޖެހިލަމުން އުރުޖުވާން ލަދު ރަކި ކަމާއެކު ބުނެލި ލަފުޒު އަޑުއިވުމުން އެ ތުންފަތަށް ވެރިވީ އުފާވެރި ހިނިތުންވުމެކެވެ.

ނުނިމޭ