ޔުއޭފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން ރެއާލް މެޑްރިޑް ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ސެމީފައިނަލުން ރެއާލް ޖާގަހޯދާފައިވަނީ ކުއާޓާ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ބައްދަލުކޮށް ހަތަރު ލަނޑު ހަތަރު ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ދެޓީމު އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން ހަތަރު ލަނޑު ތިން ލަނޑުން ކުރި ހޯދައިގެންނެވެ.

މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ރެއާލްގެ ދަނޑުގައި ކުޅެ ތިން ލަނޑު ތިން ލަނޑުން ދެޓީމު އެއްވަރުވިއިރު ސިޓީގެ ދަނޑުގައި ކުޅުނު ދެވަނަ ލެގު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. ނަމަވެސް މިމެޗުގެ ފެށުން ރަނގަޅުވީ ރެއާލްގެއެވެ. މިގޮތުން މެޗުގެ 12 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި އެޓީމުންވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައި އެގްރިގޭޓް ނަތީޖާއިންވެސް ލީޑު ނަގާފައެވެ.

އެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރޮޑްރިގޯއެވެ. މިލަނޑާއެކު ސިޓީއިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ހަމަލާއަކަށް ފަހު ހަމަލާއެއް އުފައްދަމުންދިޔަތަން ފެނުނެވެ. ނަމަވެސް މިއާއެކުވެސް ފުރަތަމަ ހާފު ނިމުނީ އެއް ލަނޑު ސުން ލަނޑުން ރެއާލް ކުރީގައި އޮވެގެންނެވެ.

މިމެޗުގެ ދެވަނަ ހާފުގައިވެސް ފެނުނީ ސިޓީއިން ހަމަލާއަށް އިސްކަންދީ އަދި ރެއާލްއިން ބޮޑަށް ޑިފެންސްއަށް އިސްކަން ދީގެން ކުޅެމުންދިޔަ ތަނެވެ. ސިޓީއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ރެއާލްގެ ޑިފެންސްއިން ވަނީ މިހަމަލާތައް ދިފާއުކޮށްފައެވެ.

މިމެޗުގައި ސިޓީއިން ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކަށްވީ މެޗުގެ 76 ވަނަ މިނެޓުގައި ކެވިން ޑި ބްރުއިނާ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މިލަނޑު ޖެހިތާ މާގިނަ އިރުތަކެއް ނުވެ ޑި ބްރުއިނާއަށް ވަނީ ސިޓީއަށް ލީޑު ނަގައިދޭނެވެސް ރަނގަޅު ފުރުސަތެއް ލިބިފައެވެ.

ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ރެއާލް ގޯލްގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. މީގެއިތުރުންވެސް މިމެޗުގައި ސިޓީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް މިހަމަލާތައް ނިންމާލުމުގައި ސިޓީއަށް ކާމިޔާބު ވާގޮތެއް ނުވިއެވެ. ނަތީޖާއަކަށްވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް ނަތީޖާއަށް ބަދަލެއް އައިސްފައިނުވުމެވެ. އަދި މިގޮތުން ކުޅުނު އިތުރު ވަގުތުގެ ދެހާފުގައިވެސް މިނަތީޖާއަށް ބަދަލެއް އަައިސް ފައެއް ނުވެއެވެ. މިއާއެކު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީ ޝޫޓް އައުޓްގައި ސިޓީގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބު ކުރިއިރު ރެއާލްގެ ލޫކާ މޮޑްރިޖް ޖެހި ފުރަތަމަ ޕެނަލްޓީ ސިޓީގެ ކީޕަރު އެޑަސަން ދިފާއުކުރިއެވެ. ނަމަވެސް ޕެނަލްޓީ ޝޫޓް އައުޓްގައި ސިޓީއިން ދެން ޖެހި ދެ ޕެނަލްޓީވެސް ވަނީ ރެއާލްގެ ކީޕާ އަންޑްރޭ ލުނިން ދިފާއުކޮށްފައެވެ. އަދި ރެއާލްއިން ދެން ޖެހި ހަތަރު ޕެނަލްޓީ ކާމިޔާބުކޮށް ސެމީފައިނަލްގެ ޖާގައެއް ކަށަވަރު ކުރީއެވެ. ސެމީ ފައިނަލްގައި ރެއާލް ބައްދަލުކުރާނީ ބަޔޭން މިޔުނިކާއެވެ.