ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގެ ދުވެލި އިތުރަށް ހަލުވިކުރުމަށް އިތުރު ޑުރެޖަރެއް ގެނެސްފިއެވެ.

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އިތުރު ޑްރެޖަރެއް ގެނެސް، ދެ ޑްރެޖަރުން މި މަސައްކަތްކުރަން މިއަދު ފަށާފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ.

އެގޮތުން ފުރަތަމަ ބައިގެ ގޮތުގައި ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ 10 ހެކްޓަރު ބިން މިހާރު ހިއްކާ ނިމި، ދެވަނަ ބައިގެ ވެސް ފަސް ހެކްޓަރު ހިއްކާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެޗްޑީސީން ބުނީ މިހާރު ކުރިއަށް ދަނީ ދެވަނަ ބައިގެ ނުނިމި އޮތްބައި ހިއްކުމުގެ މަސައްކަތް ކަމަށެވެ.

ހުޅުމާލޭގެ ތިން ވަނަ ފިޔަވަހީގެ ގޮތުގައި މުޅި ޖުމްލަކޮށް ހިއްކުމަށް ކަނޑައަޅާފައި ވަނީ 63 ހެކްޓަރެވެ.

އޭގެ ތެރެއިން، 15 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.