އެތައް އަހަރެއް ވަންދެއް މިއުޒިކާ ދުރުގައި ހުރުމަށްފަހު އާ މިއުޒިކާއެކު އެނބުރި އަންނާނެ ކަމަށް ބުނި ލަވަކިޔުންތެރިޔާ ރިއާނާގެ މިއުޒިކާ ގުޅޭގޮތުން އަނެއްކާ ވެސް އާ ވާހަކަތަކެއް ދައްކައިފިއެވެ.

ރިއާނާގެ ފޭނުން އޭނާގެ ލަވައެއް ނެރުމަށް ގޮވާލައި އިންތިޒާރު ކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. އެކަމަށް އެތައް އަހަރެއް ވަންދެން ރިއާނާ ދެމުން އައި ޖަވާބަކީ "ވަރަށް އަވަހަށް" އާ މިއުޒިކް ނެރޭނެ ކަމަށެވެ. އެއަށްފަހު ހަ އަހަރު ވީއިރު އޭނާގެ ކޮސްމެޓިކް ލައިނެއް ވަރުގަދަކޮށް، ދެ ދަރިން ވެސް ހޯދައިފިއެވެ.

މިއުޒިކަށް ނިކުމެ ރިއާނާ އަންނަނީ އެކި ކަހަލަ އިވެންޓުތަކުގައި އަގުބޮޑުކޮށް ޕަފޯމް ކުރަމުންނެވެ. ނަމަވެސް އަމިއްލަ އޮރިޖިނަލް މިއުޒިކެއް ރިލީޒް ނުކުރާތާ މިވަނީ ދުވަސްތަކެއް ވެފައެވެ.

މީގެ ކުރީން ވެސް ރިއާނާ ބުނެފައިވަނީ އާ މިއުޒިކް ރިލީޒް ކުރުމަށް ބޭނުންވާ ކަމަށެވެ. ނަމަވެސް ރިލީޒްކުރާނެ ދުވަހެއް ނޭނގޭ ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ދާދިފަހުން ކޯޗެލާގައި "ޑޭޒްޑް" އަށް ދިން އިންޓަވިއުއެއްގައި ރިއާނާ ބުނެފައިވަނީ އަލަށް ނެރޭ އަލްބަމަށް ބޭނުންވާ ވަރަށް ހިޓުތައް އުފެއްދިފައިވާ ކަމަށެވެ.

ނަމަވެސް އަދިވެސް ބޭނުންވާ ލަވަތައް ފައިނަލައިޒް ނުކުރެވޭ ކަމަށް ރިއާނާ ބުންޏެވެ. އާ އަލްބަމްގައި ގިނަ ހިޓު ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ނަމަވެސް އަލްބަމް އާ ގުޅޭގޮތުން އިތުރު އެހެން ވާހަކައެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ. މިއީ އޭނާގެ އަލްބަމް ނިމިފައިވާ ކަމަށް އިޝާރާތް ކޮށްފައިވާ ފުރަތަމަ ފަހަރެވެ. މީގެކުރީން މުޅީންވެސް އޭނާ ބުނަމުން އައީ އަލްބަމްގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.