ސިޔާސީ ދާއިރާއާ ބެހޭ މައުލޫމާތު މީގެ ކުރިން އެއްވެސް ވަރަކަށް ނޭނގޭ ކަމަށާއި، ނަމަވެސް ކައިވެންޏަށް ފަހު ސިޔާސީ މައިދާނުގައި ހިނގާ ކަންތައް މިހާރު އެނގޭ ކަމަށް މިދިޔަ އަހަރު ފަހުކޮޅު ކައިވެނިކުރި ބަތަލާ ޕަރިނީތީ ބުނެފިއެވެ.

އިންޑިއާގެ ޒުވާން ސިޔާސީ ލީޑަރު ރާގަވް ޗައްދާއާ ކައިވެނިކުރުމުގެ ކުރިން ސިޔާސީ ދާއިރާއަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށާއި ސިޔާސީ ދާއިރާގައި މަސައްކަތްކުރާ މީހަކު ހަޔާތުގެ ބައިވެރިއަކަށް ނަހަދާނެކަމަށް ނިންމި ކަމަށް ޕަރިނީތީ ވަނީ ބުނެފައެވެ.

މި މަހުގެ 12ވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރިމިއަކުރި "އަމަރު ސިންގް ޗަމްކީލާ"ގެ ބަތަލާ ބުނީ ސިޔާސީ ދާއިރާގެ ޝަހްސިއްޔަތަކާ ކައިވެނުކުރުމުން މިހާރު އެ މައިދާނުގައި ހިނގާ ކަންތައްތަކުގެ ޚަބަރުތައް ދަސްކުރަން މަޖުބޫރުވެފައިވާ ކަމަށެވެ. އެހެންނަމަވެސް ބަތަލާގެ ޝަކުވާއަކީ ފިރިމީހާ ރާގަވަށް އެއްވެސް ވަރަކަށް މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރުތައް ނޭނގޭތީ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ބަތަލާ ޕަރިނީތީ ޗޯޕްރާ ފިރިމީހާ ރާގަވާ އެކު -- ފޮޓޯ/ފިލްމުފެއަނިއުސް

ޕަރިނީތީއަކީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ބަތަލާއަކަށްވީ ނަމަވެސް ފިލްމު ބެލުމުގެ ޝައުގުވެރިކަމެއް ވެސް ރާގަވްގެ ނުހުންނަ ކަމަށް ޕަރީގެ ނަމުން މަޝްހޫރު ބަތަލާ ވަނީ ބުނެފައެވެ. އެހެންނަމަވެސް އޭގެ ސަބަބުން ބައެއް ފަހަރު ދިރިއުޅުން ވަރަށް ފަސޭހަވެގެންދާ ކަމަށާއި އާއްމު ދިރިއުޅުމުގައި ހިނގާ ކަންކަމަށް މާ ބޮޑަށް ސަމާލުކަންދެވޭ ކަމަށް ޕަރިނީތީ ވަނީ ބުނެފައެވެ.

ފިލްމު "އަމަރު ސިންގް ޗަމްކީލާ"ގައި ޕަރިނީތީ ދެއްކި ޕާފޮމެންސަށް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނައިރު މިއީ ޕަރިނީތީގެ މިފަދަ ފިލްމެއްގެ އިންތިޒާރުގައި ތިބި ސަޕޯޓަރުން ވަނީ ބަތަލާއަށް މަރުހަބާގެ މެސެޖުތައް ވެސް ފޮނުވާފައެވެ. މި ފިލްމަކީ އިންޑިއާގެ ޕަންޖާބް ލަވަކިޔުންތެރިޔާ އަމަރު ސިންގް ޗަމްކީލާ އަދި އޭނާގެ އަންހެނުން އަމަރުޖޯތު ކޯރުގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. އިމްތިޔާޒު އަލީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި އަމަރު ސިންގް ޗަމްކީލާގެ ރޯލު ކުޅެފައިވަނީ ދިލްޖީތު ދޯސާންޖްއެވެ.