22 Apr 2024, 09:36
މީގެ ދެ އަހަރު ކުރިން އިއުލާނުކުރި ޑައިރެކްޓަރު އަނޫރާގު ބާސޫގެ ފިލްމު "މެޓްރޯ އިން ދިނޯ" ސިނަމާތަކަށް ގެންނާނެ ތާރީޚު އިއުލާނުކޮށްފިއެވެ.
މި ފިލްމަކީ، 2007 ވަނަ އަހަރު ރިލީޒްކުރި "ލައިފް އިން އަ މެޓްރޯ"ގެ ސީކުއަލްއެކެވެ.
ކާސްޓަށް ބޮޑު ބަދަލެއް ގެނައުމަށްފަހު އުފައްދާ ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ނިންމާފައި ވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 29ގައެވެ. ބެލުންތެރިން ދިގު އިންތިޒާރެއް ކުރަމުން އަންނަ މި ފިލްމު މީގެ ކުރިން ރިލީޒް ކުރާނެ ތާރީޚެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މި އަހަރުގެ މާޗް މަހުގެ 29އެވެ.
މި ފަހަރުގެ ސީކުއަލް އިން ބަތަލާ ސާރާ އަލީ ޚާން، އަދިތިޔަ ރޯއި ކަޕޫރު، ފާތިމާ ސަނާ ޝެއިހް، އަނޫޕަމް ހޭރު، ނީނާ ގުޕްތާ އަދި އަލީ ފަޒަލް މުހިއްމު ރޯލްއިން ފެންނާނެއެވެ. ކުރީގެ ސީކުއަލްއިން ފެނުނު ތަރިންގެ ތެރެއިން ބަތަލާ ކޮންކަނާ ސެން މި ފަހަރުގެ ފިލްމުން ވެސް ބެލުންތެރިންނަށް ފެންނާނެއެވެ.

ފިލްމު "ލައިފް އިން އަ މެޓްރޯ"ގެ ޕޯސްޓަރެއް--ފޮޓޯ/ފޭސްބުކް
ރީތި ހިތްގައިމު މިއުޒިކާއެކު އުފެއްދި ފިލްމު "ލައިފް އިން އަ މެޓްރޯ"ގެ މުހިއްމު ރޯލްއިން ޝިލްޕާ ޝެޓީ، އިރުފާނު ޚާން އަދި ޝައިނީ އަހޫޖާ، ކޭކޭ މެނޮން، ކަންގަނާ ރަނާވަތު، ދަރުމެންދްރަ، ނަފީސާ އަލީ އަދި ޝަރުމަން ޖޯޝީ ވަނީ ފެނިގެން ގޮސްފައެވެ.
ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި މި ފިލްމުގެ ސީކުއަލް އަކީ ދިރިއުޅުމާ ގުޅުންހުރި ތަފާތު ހާދިސާތަކެއް ދައްކުވައިދޭ އެންތޮލޮޖީ އެކެވެ.