25 Apr 2024, 10:26
ވައިރަހަކުން ޖެހޭ ދެ ބަލި ކަމަށްވާ ހެޕަޓައިޓިސްއާއި މެނިންޖައިޓިސް, ޣައްޒާގައި ފެތުރޭ ކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އެ ބަލިތައް ފެތުރެނީ ނަރުދަމާ ނިޒާމުގެ ނަޖިސް ފެން އިތުރުވުމާއި ވަގުތީ ހިޔާތަކުގައި ސާފު ފެން ނުލިބުމުގެ ސަބަބުންނެވެ. އެ ކަމުގެ ސަބަބުން ސިއްހީ ކާރިސާއެއް ކުރިމަތިވުމުގެ ބިރު އެބައޮތް ކަމަށާއި ހާއްސަކޮށް ކުޑަކުދިންގެ މެދުގައި ބަލި ފެތުރިދާނެކަމުގެ ބިރު އެބައޮތް ކަމަށް އެ ބަޔާނުގައިވެއެވެ.
ސިއްހީ ނުރައްކާތެރިކަން ކުޑަކުރުމަށް އދ.ގެ އެޖެންސީތަކާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާތަކުން އަވަސް ގޮތެއްގައި މަސައްކަތްކޮށްދިނުމަށް ސިއްހީ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ފައުޖުތަކުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 34،200 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގެ ޒަޚަމުކޮށްލައިފައިވާ މީހުންގެ އަދަދު ވަނީ 77،200 އަށް އަރައިފައެވެ.
ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތް ނައްތައިލުމަށް ކަމަށް ބުނެ، ޣައްޒާގެ އާންމުންނަށް އިސްރާއީލުން ހަމަލާތައް ދެމުންގެންދާތާ ހަ މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މުޅި ޣައްޒާ ސުންނާފަތިވެ، ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސް ފަރުވާފަދަ އަސާސީ ބޭނުންތައް ވެސް ވަނީ ނުފުދިއެވެ.
ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.