ސައިންސާއި ޓެކްނޮލޮޖީއާއި އިންޖިނިއަރިން އަދި ހިސާބު ހިމެނޭ ސްޓެމް ދާއިރާގައި ދިމާވާ ކަންކަން ހައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ޓަކައި "ސްޓެމް ކޮމިއުނިޓީ"އެއް އުފެއްދުން މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ގައުމީ ޔުނިވާސިޓީގައި އޮތް ދަސްވެނި ވުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން އެކަމަނާ ވިދާޅުވީ ސްޓެމް ދާއިރާތަކަކީ މުޖުތަމައުގައި އާ ކަންތައްތަކާއި އުފެއްދުންތެރިކަމުގެ ބިންގާ ކަމަށެވެ. އަދި ދުނިޔޭގެ ދިރިއުޅުން ބައްޓަން ކުރުމުގައި ހަރަކާތްތެރިވާ ޕްރޮފެޝަނަލުން ނިސްބަތްވަނީ ސްޓެމްގެ އެކިއެކި ފަންނުތަކަށްކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.

ސްޓެމްގެ މުހިންމު ދައުރެއް އޮތް ނަމަވެސް، ދާއިރާގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ. މިގޮތުން، އަންހެނުންނާއި ފިރިހެނުންނަށްވެސް ސްޓެމްގެ ދާއިރާތަކުން މަތީ ތައުލީމު ހޯދުމާއި، މަސައްކަތުގައި ބައިވެރިވުމާއި، ކާމިޔާބީއަށް ވާސިލްވާން ހުރަސްތަކެއް ހުރި ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"ކަންތައްތައް ނިންމާއިރު ތަފާތު ފަންތީގެ ފަރުދުން ތަފާތު ނަޒަރިއްޔާތަކާއި ތަޖުރިބާތައް އެއް ތަނަކަށް ގެނައުމުން ލިބޭ ފައިދާތައް ނުހަނު ގިނަގުނަ، އުފެއްދުންތެރިކަމާއި ކަންތައްތައް ހައްލުކުރުމަށް ވިސްނޭ ވިސްނުންތައް ގިނަވޭ،" ފަސްޓް ލޭޑީ ވިދާޅުވިއެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ، ހިތްވަރާއި އޯގާތެރިކަމާއެކު މަސައްކަތްކޮށް ކުރިއަށްއޮތް ޖީލުތަކަށް އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށް ވައުދުވެ އެކަމަށް ޢަޒުމް ކަނޑައެޅަން ޖެހޭ ކަމަށެވެ.

އެމްއެންޔޫއިން ދަސްވެނިވި ދަރިވަރުންނާއި ބެލެނިވެރިންނާ މުޚާޠަބު ކުރައްވައި ފަސްޓް ލޭޑީގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ޑިގްރީ ހާސިލް ކުރުމަކީ ކުޑަ ކާމިޔާބީއެއް ނޫންކަމުގައި ވިދާޅުވެ، ދަރިވަރުންގެ ބުރަ މަސައްކަތް ފާހަގަކުރެއްވިއެވެ. އަދި ހަޔާތުގެ ދެން އޮތް މައިދާނަށް ނުކުންނައިރު އެންމެންގެ ތަފާތުވުންތައް ގަބޫލުކޮށް، އެކަކުވެސް ބާކީ ނުކޮށް ވަޒީފާ އަދާކުރުރުމަށް އެކަމަނާ ބާރުއެޅުއްވިއެވެ.

އެ ރަސްމިއްޔާތުގައި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އިން ހިންގި އެކިއެކި ޑިގްރީ އަދި މާސްޓާސް ކޯސްތައް ނިންމި ދަރިވަރުންނަށް ފަސްޓް ލޭޑީ ސަނަދު ހަވާލުކުރައްވާފައެވެ. އަދި ޝަރަފުގެ އެވޯޑު ލިބުނު ދަރިވަރުންގެ ތެރެއިން، އެކި ކޯސްތަކުން އެއްވަނަ ހޯދައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ހާސިލްކުރެއްވި ދެ ދަރިވަރުންނަށްވެސް އިނާމު ހަވާލުކޮށްދެއްވީ އެކަމަނާއެވެ.

މިއަދު ގައުމީ ޔުނިވާސިޓީގައި ބޭއްވި ދަސްވެނިވުމުގެ ފުރަތަމަ ސެޝަނުގައި ސަނަދު ޙާސިލްކުރީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯއިން 28 ދަރިވަރުންނާއި ސްކޫލް އޮފް ނާސިންއިން 94 ދަރިވަރުންނެވެ.