29 Apr 2024, 07:17
ކްރައިމް އަދި ތުރިލާ ވެބްޝޯ ކަމަށްވާ "ދަރަކަ"ގެ ކާމިޔާބު ފުރަތަމަ ސީޒަނަކަށް ފަހު ދެވަނަ ސީޒަނެއްގެ މަސައްކަތް ފަށައިފިއެވެ.
ކަޒްމިކް އިންޓަނޭޝަނަލް އަދި އައި ފިލްމްސްގެ ފްރޮޑަކްޝަނެއް ކަމަށްވާ ދަރަކަގެ ދެވަނަ ސީޒަން އިއުލާނުކޮށްފައިވަނީ ކަޒްމިކް އިންޓަނޭޝަނަލް އިންނެވެ. އެމްއެސްވީޑިއޯ ކްލަބުން ގެނެސްދިން މި ޝޯއަކީ ޕްލެޓްފޯމުގެ އެންމެ ގިނަ ބަޔަކު ބެލި ޝޯއެވެ. އެއާއެކު ޝޯގެ ދެވަނަ ސީޒަނެއްގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ކަޒްމިކްއިން ބުނެއެވެ.
އަދި، ވަރަށް އަވަހަށް ޝޯ ފެނިގެންދާނެ ކަމަށް ވެސް ކަޒްމިކްއިން ހާމަކޮށްފައިވެއެވެ. ނަމަވެސް ޝޯ ނެރޭނެ ތާރީހެއް އަދި ކާސްޓުގެ މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އަޒްހާން އިބްރާހީމް ލިޔެ، ޑައިރެކްޓް ކުރި މި ޝޯގެ ފުރަތަމަ ސީޒަންގައި ރާއްޖޭގެ ކުށްކުރާ ރޭޓާއި، ސިޔާސީ ބައެއް ފަރާތްތަކާ ކުށުގެ މައްސަލަތަކާ އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.
އެގޮތުން، މައިގަނޑު ޕްލޮޓުން ފެނިގެން ދިޔައީ ނިޝާ ނަމަކަށް ކިޔާ ކުއްޖަކު ގެއްލިގެން ހޯދުމަށް ނަވާލް ކިޔާ އިންވެސްޓިގޭޓިވް އޮފިސަރަކު ކުރާ މަސައްކަތެވެ. އެ ޑްރާމާގައި ނިޝާއަކީ މަޝްހޫރު ޝަހުސިއްޔަތެއް ކަމަށްވާ ނާޒިމާގެ ދަރިފުޅެވެ.
މި ޝޯގެ މުހިއްމު ރޯލުތަކުން ފެނިގެން ގޮސްފައިވަނީ ވާޝިޔާ މުހައްމަދު އަދި ސޫސަން އިބްރާހީމްފުޅުގެ އިތުރުން އަހުމަދު އިފްނާޒް ފިރާގެވެ. މި ޝޯގެ ދެވަނަ ސީޒަނުން މި އެކްޓަރުން ފެނިގެންދާނެ ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ޝޯގެ އިތުރު ރޯލުތަކުން ވެސް ގިނަ އެކްޓަރުންތަކެއް ފެނިގެން ގޮސްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އައިޝާ އަލީ، އިބްރާހީމް ޖިހާދު (ޖިމީ)، ނަތާޝާ ޖަލީލް، އަލީ އުސާމް، މުހައްމަދު އަފްރާހް، އިސްމާއީލް ވަހީދު، ފާތިމަތު ވިސާމާ އަދި އަދުހަމް ލަޔާލް ގާސިމެވެ.
ދަރަކަގެ ފުރަތަމަ ސީޒަން ބަހާލެވިފައިވަނީ 30 މިނެޓުގެ އަށް އެޕިސޯޑަށެވެ.