އިންގްލިޝް ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ސިޓީ ކާމިޔާބު ކޮށްފިއެވެ.

ފޮރެސްޓްގެ ދަނޑުގައި ކުޅުނު މިމެޗު ސިޓީއިން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ސިޓީއިން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ފޮރެސްޓް އިންނެވެ.

މި މެޗު ފޮރެސްޓުން ފަށާފައިވަނީ ވަރަށް ފޯރީގައި ސިޓީ އާއި ދެކޮޅަށް ނަތީޖާ އެއް ނެރުމަށްކަން ފާހަގަވެގެން ދިޔައެވެ. މިގޮތުން މެޗުގެ ކުރީކޮޅު ނުރައްކާތެރި ދެތިން ހަމަލާ އެޓީމުން އުފައްދާ ސިޓީ ހާސްކޮށްލިއެވެ.

ސިޓީއިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ޓީމު ހަމައަކަށް އެޅުމަށް ވަގުތު ކޮޅެއް ނެގިއެވެ. ނަމަވެސް ހަމައަކަށް އެޅުމާއެކު އެ ޓީމުން ވެސް ދިޔައީ ފޮރެސްޓްގެ ގޯލަށް ނުރައްކާ ކޮށް ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުންނެވެ.

ދެ ޓީމުން ކުރަމުންދިޔަ މި މަސައްކަތުގައި މެޗުގެ 32ވަނަ މިނެޓުގައި ކުރި ލިބިގެންދިޔައީ ސިޓީއަށެވެ. ފޮރެސްޓްގެ ނީކޯ ވިލިއަމްސްއަށް އަނިޔާވެގެން ދަނޑުން ބޭރުގައި ހުއްޓާ ލިބިގެންދިޔަ ކޯނަރަކުން މިލަނޑު ސިޓީއަށް ކާމިޔާބު ކޮށްދިނީ ޖޮސްކޯ ގުވަޑިއޯލްއެވެ.

މި ލަނޑާއެކު ސިޓީއިން ކޮންމެ ވެސް ވަރަކަށް ހަމަޖެހިލިތަން ފެނިގެންދިޔައިރު ފޮރެސްޓްއިން ދިޔައީ ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުންނެވެ.

މި މެޗުގެ ދެވަނަ ހާފުގައި ވެސް ފުރަތަމަ ހާފެކޭ އެއްގޮތަށް ފެނުނީ ފޮރެސްޓް އިން ވަރުގަދަކޮށް ފެށިތަނެވެ. މި ހާފުގެ ކުރީކޮޅު ފޮރެސްޓްއިން ނުރައްކާތެރި ހަމަލާތަކެއް އުފައްދާ ލަނޑެއް ޖެހުމާއި ގާތަށް ދިޔައެވެ.

ނަމަވެސް އެޓީމަށް ލިބެމުންދިޔަ ފުރުސަތުތަށް ނިންމާލުމުގައި މައްސަލަތައް ދިމާވަމުން ދިޔަކަން ފާހަގަވިއެވެ. މި މެޗުގައި ސިޓީގެ ދެވަނަ ލަނޑު ޖަހައިދިނީ މެޗުގެ 71ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ އާލިން ހާލަންޑްއެވެ.

މިއީ އޭނާ ޕްރިމިއާ ލީގުގެ މިފަހަރުގެ ސީޒަންގައި ކާމިޔާބު ކުރި 21 ވަނަ ލަނޑެވެ. މިއާއެކު ރަން ބޫޓަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓްގެ އެއްވަނައަށްވެސް ހާލަންޑްވަނީ އަރައިފައެވެ.

މި ކާމިޔާބީއާއެކު ސިޓީ މިހާރު އުޅެނީ ކުޅުނު 34 މެޗާއެކު ލިބިފައިވާ 79 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. ތާވަލްގެ އެއްވަނައިގާ އުޅެނީ 35 މެޗުން 80 ޕޮއިންޓް ހޯދާފައިވާ އާސެނަލެވެ. ނަމަވެސް ސިޓީއިން މިހާރު ނުކުޅެ އޮތް މެޗު ކާމިޔާބު ކުރެވިއްޖެނަމަ ތާވަލްގެ އެއްވަނައަށް ސިޓީ އެރުމުގެ ފުރުސަތު އެބައޮތެވެ.